ހަ މަސް ތެރޭ ލޮޕެޓެގީ ތިން ވަނަ ޓީމަކާ ހަވާލުވަނީ؟
ހަ މަސް ތެރޭ ލޮޕެޓެގީ ތިން ވަނަ ޓީމަކާ ހަވާލުވަނީ؟

ވޮޝިންޓަން (ނޮވެމްބަރު 21) - މިދިޔަ ފަސް މަސް ތެރޭ ދެ ޓީމުގެ ކޯޗުކަމުން ވަކިކޮށްފައިވާ ކޯޗު ހުލެން ލޮޕެޓެގީ އެމެރިކާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ވުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި އަހަރުގެ ޖޫން މަހުގެ މެދަކާ ހަމައަށް ލޮޕެޓެގީ ހުރީ ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗަކަށެވެ. ރަޝިއާގައި އޮތް ވޯލްޑް ކަޕްގައި ސްޕެއިން ކުޅޭ މެޗަށް މަދު ދުވަސްކޮޅެއް އޮއްވައި ލޮޕެޓެގީ ވަނީ ރެއާލް މެޑްރިޑްގެ ކޯޗަކަށްވާން ނިންމައިފަ އެވެ. އެކަމާ ހިތްހަމަ ނުޖެހި ވޯލްޑް ކަޕްގައި ސްޕެއިން ކުޅުނު ފުރަަތަމަ މެޗުގެ ކުރިން ލޮޕެޓެގީ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ރެއާލުގެ ކޯޗަަކަށް ލޮޕެޓެގީ ހުރީ ހަތަރު މަހާއި ބައިގެ މުއްދަތަކަށެވެ. އެ ޓީމުން އޭނާ ވަކިކުރީ ކްލަބްގެ ތާރީހުގައި ރެކޯޑް ދަށް ނަތީޖާތަކެއް ނުކުތުމުންނެވެ. ލޮޕެޓެގީގެ ކޯޗުކަމުގައި ރެއާލް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފަ އެވެ. ހޯދުނީ އެންމެ މޮޅެކެވެ.

މި އަހަރުގެ ވޯލްޑް ކަޕަށް އެމެރިކާ ކޮލިފައިނުވުމުން އެ ޓީމުގެ ކޯޗަކަށް ހުރި ކުރީގެ ކުޅުންތެރިޔާ ބްރޫސް އެރީނާ ވަނީ މަގާމުން ވަކިވެފަ އެވެ. އޭގެ ފަހުން އެމެރިކާ ޓީމުގެ ވަގުތީ ކޯޗެއްގެ މަގާމު އަދާކުރަމުން އަންނަނީ ޑޭވް ސަރަޗާން އެވެ.

އެމެރިކާ އެންމެ ފަހުން ކުޅުނު ދެ މެޗުން ވަނީ އިންގްލެންޑާއި އިޓަލީ އަތުން ބަލިވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ރޭ އިޓަލީ އަތުން 1-0 އިން އެމެރިކާ ބަލިވި މެޗަށް ފަހު އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަން އޮފިޝަލުންނާ ލޮޕެޓެގީ ބައްދަލުކޮށްފަ އެވެ. އަދި އިތުރު މަޝްވަރާތައް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފަ އެވެ.

ލޮޕެޓެގީ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2003 ވަނަ އަހަރު ސްޕެއިންގެ 17 އަހަރުން ދަށުގެ ޓީމުންނެވެ. އޭގެ ފަހުން ސްޕެއިން ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ ސްޕެއިންގެ އިތުރު ތިން އުމުރު ފުރާގެ ގައުމީ ޓީމުގެ ކޯޗުކަމާއި ރަޔޯ ވަޔެކާނޯ އާއި ޕޯޓޯ އަށް އިރުޝާދުދީފަ އެވެ. އަދި ރެއާލުގެ ބީ ޓީމުގައި ވެސް މަސައްކަތްކުރި އެވެ.