ސުޕަ ލީގާ ދެކޮޅަށް ޔުއެފާ ރައީސްގެ އިންޒާރެއް
ސުޕަ ލީގާ ދެކޮޅަށް ޔުއެފާ ރައީސްގެ އިންޒާރެއް

ޒިއުރިކް (ނޮވެމްބަރު 21) - ޔޫރަޕްގެ ވަރުގަދަ ކްލަބްތައް އަޑީގައި އޮވެގެން ސުޕަ ލީގެއް އުފައްދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އަޑުފެތުރިފައިވާއިރު، އެކަމާ ދެކޮޅަށް ރައީސް ސްލޮވީނިއާގެ އަލެކްސެންޑާ ކެފެރިން އިންޒާރުދެއްވައިފި އެވެ.

ޔޫރަޕްގެ ނުފޫޒުގަދަ ކްލަބްތައް އަޑީގައި އޮވެގެން އާ ލީގެއް އުފައްދަން މަޝްވަރާކުރާކަމުގެ އަޑުތަކެއް ފާއިތުވި އަށް ވަރަކަށް މަހުގެ ތެރޭގައި ވަނީ ގަދަވެފަ އެވެ. އެކަމަށް އެންމެ ބޮޑަށް ބާރު ލިބުނީ ދާދި ފަހުން ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑިއާ ސްޕީގަލް އިން އާންމުކުރި ރިޕޯޓްތަކުންނެވެ. ތިން އަހަރު ތެރޭ ސުޕަ ލީގު އުފައްދަން މަޝްވަރާ ކުރެވުނީ އެ ކްލަބްތައް ނިސްބަތްވާ ގައުމުތަކުގެ ލީގުން ވަކިވެގެންނެވެ.

ޑިއާ ސްޕީގަލް އަށް ލިބިފައިވާ ސިއްރު ލިޔެކިއުންތަކުގައިވާ ގޮތުން ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާ އަށް އެނގުމެއް ނެތި ސުޕަ ލީގުގެ މަޝްވަރާތައް އެންމެ ފުރަތަމަ ފެށީ ފައުންޑަރު ކްލަބްގެ ގޮތުގައި ބެލެވޭ ރެއާލް މެޑްރިޑް، އޭސީ މިލާން، އާސެނަލް، ބާސެލޯނާ، ބަޔާން މިއުނިކް، ޔުވެންޓަސް އަދި މެންޗެސްޓާ ޔުނައިޓެޑުންނެވެ.

ސިއްރު މަޝްވަރާ ބައްދަލުވުމުގެ ލިޔެކިއުންތައް ލީކްވެފައިވާއިރު މިހާތަނަށް ނިމުނީ ސުޕަ ލީގު ފަށާނީ 18 ޓީމުގެ މެދުގައި 2021 ވަނަ އަހަރު ކަމަށެވެ. ވާދަކުރާ ޓީމުތައް ވަނީ ދެ ކެޓަގަރީ އަކަށް ބަހާލައިފަ އެވެ. އެއީ ފުރަތަމަ ކެޓަގަރީގެ 11 ޓީމާއި "ގެސްޓް" ގެ ގޮތުގައި ހިމެނޭ ޓީމުތަކެވެ.

ފުރަތަމަ ކެޓަގަރީގައި ހިމެނެނީ ރެއާލް، މިލާން، އާސެނަލް، ބާސެލޯނާ، ބަޔާން، ޔުވެންޓަސް، ޔުނައިޓެޑް، ލިވަޕޫލް، ޗެލްސީ، މެންޗެސްޓާ ސިޓީ، ޕީއެސްޖީ އެވެ. ގެސްޓްގެ ގޮތުގައި ގުޅޭނެ ފަސް ކްލަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެތުލެޓިކޯ މެޑްރިޑް، ބޮރޫޝިއާ ޑޯޓްމަންޑް، އިންޓަ މިލާން އަދި މާސޭ އެވެ.

ސުޕަ ލީގުގެ ވާހަކަތަކާ ބެހޭގޮތުން އެންމެ ފުރަތަމަ ވާހަކަ ދެއްކީ ޖަރުމަނުގެ ދެ ކްލަބް ކަމަށްވާ ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް އެވެ. އެ ދެ ޓީމުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އެކަމަކު ހުރިހާ ކަމެއް ބަދަލުވެގެންދިޔައީ އާސެނަލްގެ ޗީފް ރައުލް ސަންޔޭހީ ދެއްކެވި ވާހަކަތަކުންނެވެ. އޭނާ ވަނީ ލީކުވި ލިއެކުކިއުންތަކުގައި ހުރީ މަޝްވަރާކުރެވުނު ކަންތައްތަކެއް ކަމަށާއި އެކަމަކު އޭގެން އެއްވެސް ކަމެއް ކުރަން ނިންމާފައިނުވާ ކަމަށާއި އާސެނަލް އަބަދުވެސް ޕްރިމިއާ ލީގުގައި ކުޅޭނެ ކަމަށް ބުނެފަ އެވެ.

ސުޕަ ލީގުގެ ވާހަަކަތަކާ ބެހޭގޮތުން އޭއެފްޕީ އިން ޔުއެފާ ރައީސް ކެފެރިން އަށް ސުވާލުކުރުމުން އޭނާ ވިދާޅުވީ ސުޕަ ލީގަކީ ވާނެ ކަމެއް ނޫން ކަމަށެވެ.

"ސުޕަ ލީގަކީ ނުވާނެ ކަމެއް. އެއީ އެއްވެސް ކްލަބަކުން އަމިއްލަ ގައުމުން ވަކިވެގެން. ވަކި ލީގެއްގައި ނުކުޅެވޭނެ. އަދި އެ ފަދަ ކަމެއް ކުރާއިރު ފީފާ އިން ވެސް ފިޔަވަޅު އަޅާނެ. ސުޕަ ލީގަކީ ހަގީގަތެއް ނެތް ހުވަފެނަކަށް ވުން ގާތީ. އެކަން ވިޔަ ނުދޭން ޔުއެފާ އިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ކެފެރިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫރަޕްގެ ކްލަބްތަކަށް ހާއްސަކޮށް ޔުއެފާ އިން ވެސް ތިން ވަނަ މުބާރާތެއް ތައާރަފްކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ.

"އަހަރެމެންގެ ވެސް އެބަހުރި ހިޔާލުތަކެއް. އަހަރެން ބުނާނީ ސުޕަ ލީގަކީ މީގެ ހައްލެއް ނޫނޭ. ހުރިހާ ގައުމަކުން އޮންނަން ޖެހޭނީ ޔުއެފާގެ ބެލުމުގެ ދަށުގައި. ވަކިވެގަނެގެން ނެތް ފައިދާއެއް. ޔޫރަޕްގެ ކްލަބްތަކަށް އިތުރު ފުރުސަތު ހޯދައިދޭން އަހަރެމެން މިދަނީ މަސައްކަތް ކުރަމުން،" ކެފެރިން ވިދާޅުވި އެވެ.

އަންނަ އަހަރު ފެބްރުއަރީ މަހު އޮންނަ ޔުއެފާގެ އިންތިހާބުގައި ރައީސްގެ މަގާމަށް ވާދަކުރާ ހަމައެކަނި ކެންޑިޑޭޓަކީ ކެފެރިން އެވެ.

ސުޕަ ލީގެއް އުފައްދައިގެން ވަކި ބައެއްގެ މެންޑޭޓް ފުރިހަމަކުރަން ކްލަބްތައް ރަސްމީ ލީގުތަކުން ވަކިވެއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން ގައުމުތަކުން ކުޅޭ ރަސްމީ މެޗުތަކުގައި އެ ކުޅުންތެރިންނަށް ނުކުޅެވޭ ގޮތް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފީފާއިން ވަނީ ކްލަބް ވޯލްޑް ކަޕްގެ ފޯމެޓް ބަދަލުކުރަން ކުރެވެމުން އަންނަ މަސައްކަތް ދައްމާލަން ނިންމައިފަ އެވެ. އެއީ ޔުއެފާ އިން މިހާރު ކުރިއަށްގެންދާ ނޭޝަންސް ލީގާ އެކު އާ ޕްރޮޕޯސަލްތަކެއް އައިސްފައިވާތީ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ފީފާއިން މިހާރު ނިންމާފައި އޮތްގޮތަށް ކްލަބް ވޯލްޑް ކަޕް މުޅި އަހަރަށް ދައްމާލައިގެން ކުރިއަށް ގެންދަން ޔުއެފާ އިން ބޭނުންނުވެ އެވެ. އެއީ އެ ގޮތަށް ކުރިއަށް ގޮސްފިނަމަ ޔުއެފާ ނޭޝަންސް ލީގަށް އަސަރުތަކެއް ކޮށްފާނެތީ ޔުއެފާ އިން އެ ގޮތަށް ބޭނުންނުވެ އެވެ. އެހެންވެ، ފީފާ އިން ވަނީ އަލުން ކްލަބް ވޯލްޑް ކަޕްގެ ފޯމެޓް ބަދަލުކުރަން ނިންމައިފަ އެވެ.