15 އޯގަސްޓް 2016 - 21:38

ސަރުކާރަށް ފާޅުގައި ފާޑު ވިދާޅުވަމުން ގެންދަވާ ޕީޕީއެމްގެ މަޖިލިސް މެމްބަރު މުހައްމަދު މުސްތަފާ ރާއްޖޭގައި ނޫޅުއްވާ ކަމަށް ބުނެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން މިއަދު ވަގުތީ ގޮތުން ވަކިކޮށްފި އެވެ. އެކަމަކު، މުސްތަފާ މާލޭގައި އެބަ ހުންނެވި އެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހަވީރު ބާއްވަން ވެގެން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު އޭނާ އަށް ފޯނުން ގުޅުއްވައި ރަށުގައި އުޅޭތޯ އެއްސެވި ކަމަށެވެ. މާލޭގައި ހުއްޓަސް ކޮމިޓީ އަށް ނުދެވޭނެ ކަމަށް ރިޔާޒު ގާތު ބުނި ކަމަށާއި އެކަމަކު ރިޔާޒު ފޯނު ބޭއްވެވި ތަނާހެން މަޖިލީހުގެ އިދާރާ އިން ކޮމިޓީ ބައްދަލުވުމުގެ މެސެޖު ފޮނުވި ކަމަށް މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމިޓީ އަށް ދިޔައިއިރު އޭނާ ކޮމިޓީން ވަކިކޮށްފައިވާ ކަމަށް އިދާރީ މޭޒުން އެންގި ކަމަށެވެ. ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން އެ ގޮތަށް ނިންމީ ކޮމިޓީ ފަށަން ވަރަށް ކައިރި ވެފައި ވަނިކޮށް ކަމަށް ވެސް އިދާރީ މޭޒުން ބުނި ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
"މިއީ މި މީހުން ކުޅޭ ގޭމެއް،" އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ މުސްތަފާ ގައުމީ ސަލާމަތުގެ ކޮމިޓީން ވަކި ނުކުރާ ކަމަށެވެ. އެކަމަކު، މިއަދު ކޮންމެހެން ވެސް ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ޖެހުމުން މުސްތަފާ ރަށުގައި ނޫޅުއްވާތީ އޭނާ ކޮމިޓީން ވަގުތީ ގޮތުން ވަކިކޮށް، އެހެން މެމްބަރަކު ހަމަޖެއްސީ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ގައުމީ ސަލާމަތުގެ ކޮމިޓީގައި މިއަދު އޮތީ އެއްވެ އުޅުން ހަނިކުރަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ރާއްޖޭން ޖަޕާނަށް ކަނޑައަޅާ ސަފީރަކަށް މުހައްމަދު ހުސެން ޝަރީފް (މުންދު) ހަމަޖެއްސުމާ މެދު ގޮތެއް ނިންމުމެވެ. އެ ދެ މައްސަލަ ވެސް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަަރުންގެ އިއްތިފާގުންނެވެ.
އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގަތުމަށް ފަހު ވެރިކަން ކުރާ ޕީޕީއެމްއާ ގުޅިވަޑައިގެންނެވި މުސްތަފާ ގެންދަވަނީ ސަރުކާރަށް، ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި މިދިޔަ ހަފުތާގައި އަމަލުކުރަން ފެށި ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލަށް ފާޑުވިދާޅުވެ މުސްތަފާ އެ އަށް މަޖިލީހުގައި ވޯޓެއް ވެސް ނުދެއްވަ އެވެ. އެ މައްސަލައިގައި ޕީޕީއެމްގެ ވައިބާ ގްރޫޕުން އޭނާ ބޭރުކޮށްލާފައި ވާއިރު، އެ ބިލަށް ވޯޓު ދެއްވި ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޕާލިމެންޓްރީ ގްރޫޕުން ވަނީ ބުނެފަ އެވެ.
ސަރުކާރަށް ފާޑު ވިދާޅުވާ ޕީޕީއެމްގެ މަޖިލިސް މެމްބަރަކު މުހިއްމު ކޮމިޓީއަކުން މީގެ ކުރިން ވެސް ވަކިކޮށްފައިވެ އެވެ. އެ ގޮތުން، ވިޕާ ހިލާފަށް ވޯޓު ދެއްވި މައްސަލައެއްގައި، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވެސް ވަނީ މަޖިލީހުގެ ގައުމީ ތަރައްގީގެ ކޮމިޓީން ޕެޓިޝަން ކޮމިޓީ އަށް ބަދަލުކޮށްފަ އެވެ. އެއީ ވޯޓު ދެއްވި ގޮތަކާ ގުޅިގެން މުހިއްމު ކޮމެޓީއަކުން ވަކިކޮށް، އާދައިގެ ކޮމިޓީއަކަށް ޕީޕީއެމް މެމްބަރަކު ބަދަލުކުރި ފުރަތަމަ ފަހަރެވެ.