21 ނޮވެމްބަރ 2018 - 08:08

ރާއްޖޭގައި ހަދަމުން އަންނަ ބައެއް ރިސޯޓްތައް ފެހިކުރަން އެހެން ރަށްރަށުން ގިނަ އަދަދެއްގެ ރުއް ގަސް މުލުން ނަގައިގެން ގެންދިއުމުގެ "ތޫފާން" ނިމުމެއް ނެތި ކުރިއަށް އެބަ ދެ އެވެ. މިފަހަރު އޭގެ ނުރައްކާ ކުރިމަތިވާން އުޅެނީ ދ. ބަނޑިދުއަށެވެ.

ދ. ބަނޑިދޫން 500 އެއްހާ ރުއް ނަގަނީ 15 މަގެއް ހެދުން ސަބަބަކަށް ދައްކައިގެންނެވެ. އެ ހުރިހާ ރުއްތަކަށް ބަދަލުވީ، ނެގުމާއި ތަން ސާފުކުރުމާއި މަގުތައް އެއްވަރުކުރަން އެއްބަސްވީ ސަން ޓްރެވަލްސް އިން ކަމަށްވެ އެވެ. އެ ރުއްތަކާ އެ ކުންފުނިން ހަވާލުވީ އަލަން ހަދަމުން އަންނަ އަލުވިފުށި ރިސޯޓަށް ގެންދާށެވެ.
ބަނޑިދޫ ކައުންސިލްގެ މެމްބަރަކު "މިހާރު"އަށް ވިދާޅުވީ އެ ރުއްތައް ނެގުމުގެ ކުރިން މިހާރު ހަދަމުން ދަނީ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓް ކަމަށެވެ.
އެ ރުއްތަކަށް ދޭން ޖެހޭ ބަދަލަކަށް އެކަނި ވެސް 300،000ރ އަރާ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.
"އަދި އެއްވެސް އެއްބަސްވުމެއް ނުހަދަން. މިހާރު ކުރިއަށް އެ ދަނީ އީއައިއޭ ހެދުމުގެ މަސައްކަތް،" ސަންޓްރެވަލްގެ ވެރިޔާ އަހުމަދު ސިޔާމުގެ، އެމްޑީއޭ ކައުންސިލަރުން ތިބޭ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
"އީއައިއޭއަށް ފަހު އެކަން ސަރުކާރަށް ހުށަހަޅައިގެން ހުއްދަ ހޯދައިގެން އަޅުގަނޑުމެން އެކަން ކުރިއަށް ގެންދިޔަޔަސް ގެންދާނީ."
ރުއްގަސް ނެގުމާ ބެހޭ ގޮތުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހަދާފައިވާ ގަވާއިދު ބުނާ ގޮތުން 10 ރުކަށް ވުރެ ގިނައިން ރުއް ކަނޑަން ނުވަތަ އުފުރާ ނަމަ އެ އެޖެންސީގެ ހުއްދަ ނަގަން ޖެހެ އެވެ. އަދި 200 ރުކަށް ވުރެ ގިނައިން އެއް ފަހަރާ ރުއް ނަގާ ނަމަ އީއައިއޭ ރިޕޯޓެއް ވެސް ހަދަން ޖެހެ އެވެ.
ބަނޑިދޫ ކައުންސިލުން ބުނީ އެރަށުގައި ހުރި ރުކުގެ އަދަދު އެތައް ހާހަކަށް އަރާ ކަމަށެވެ. އަދި މި އަހަރު 1،000 ރުއް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ތައްޔާރު ވަމުން އަންނަ ކަމަށް ވެސް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
މީހުން އުޅޭ ރަށްރަށުން ގިނަ އަދަދެއްގެ ރުއް ނަގައިގެން ރިސޯޓްތަކަށް ގެންދަނީ ގަވާއިދަށް ފައްތަންވެގެން އެކި ސަބަބުތައް ދައްކައިފަ އެވެ. އެގޮތުން 200 އަށް ވުރެ ގިނަ ރުއް ނަގަން ސަރުކާރުން ހުއްދަ ދެނީ ރަށުގެ ރައްޔިތުންނަށް މުހިންމު ކޮންމެވެސް ކަމެއް ކުރަން ބިމެއް ބޭނުންވާ ނަމަ އެވެ. މިސާލަކަށް، ކުޑަކުދިންގެ ޕާކެއް، ކުނި ކޮއްޓެއް ނުވަތަ މަގުތައް ހެދުން ފަދަ ކަންކަމަށެވެ.
އެކަމަކު ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެއްފަހަރާ އެހާ ގިނަ އަދަދެއްގެ ރުއް އެއް ރަށަކުން ނެގުމުން ދިމާވެދާނެ ތިމާވެށީގެ މައްސަލަތަކާ މެދު އުފެދޭ ކަންބޮޑުވުން ވެސް ބޮޑެވެ.