21 ނޮވެމްބަރ 2018 - 07:29

ސްމާޓްފޯނުތައް 5ޖީ އަށް ތައްޔާރުވަނީ އެވެ. މި މަސައްކަތުގައި އެންމެ ފުރަތަމަ 5ޖީ ފޯނެއް އުފައްދާނެ ކުންފުންޏެއް އަދި ނޭނގެ އެވެ. މަސްރަހުގައި ވާހަކަތައް ހުރި ގޮތަށް ބަލާއިރު، ސެމްސަންގް އޮތީ ކުރީގަ އެވެ. ވާވޭ ދެވަނާގަ އެވެ. ވަންޕްލަސް އަދި އެޕަލް އޮތީ ދާދި އެއް ހިސާބެއްގަ އެވެ.
ވާވޭ ގަބޫލުކުރާ ގޮތުގައި، އެއީ 5ޖީ ރޭސް ކާމިޔާބުކުރެވޭ ފެންވަރުގެ ކުންފުންޏެކެވެ. އެހެންކަމުން، ޑިސްޕްލޭ ފަތްޖަހާލެވޭ ގޮތަށް 5ޖީ ފޯނެއް ތައާރުފުކުރެވިއްޖެ ނަމަ، އެއް ދޮނުގައި ދެ ބުލި ޖެހުނީ އެވެ.
ސްމާޓްފޯނު މާކެޓްގައި މިހާރު މުޅިންހެން އޮތީ ވާދަވެރިކަމެވެ. ފިންގާޕްރިންޓް ސްކޭނާތައް ޑިސްޕްލޭ ދަށަށް ލުމާއި، ދެން ހުރި ސެންސަރުތައް ވަޅުލުމަށްޓަކައި ގޮތްފޮތް އީޖާދުކުރުން ވެފައި ވަނީ ވެސް ބޮޑު ވާދަވެރިކަމަކަށެވެ. މިއިން ކޮންމެ ކަމެއް ލިސްޓްކުރި ނަމަވެސް، އެ ލިސްޓެއްގައި ވާވޭގެ ނަން އޮވެ އެވެ.
ދުނިޔޭގެ މުވާސަލާތީ އޮނިގަނޑު 5ޖީ ފެންވަރަށް ގަތާލެވެން ވާއިރަށް، ސްމާޓްފޯނު ކުންފުނިތަކުން ދަނީ އެ ފެންވަރަށް ފޯނުތައް ގެންނަމުންނެވެ. ވާވޭ ގަބޫލުކުރާ ގޮތުގައި 5ޖީ އަކީ ކުރަން އޮތް ބުރަ މަސައްކަތެއް ނޫނެވެ. އެ މީހުން ވަނީ ކުރިއާލައި ތައްޔާރުވެފަ އެވެ.
ވާވޭ އަށް ދެން އޮތީ ފޯނުތައް ފަތްޖެހުމެވެ. ފޯނުތަކުގެ ޑިސްޕްލޭ ފަތްޖަހާލުމުން ހުންނާނެ ގޮތް ވާވޭ އިން ވަނީ ދައްކާލާފަ އެވެ. އަދި ވަކި މޮޑެލްއެއް އެނައުންސްނުކުރި ނަމަވެސް، ޑިސްޕްލޭތައް ޓެސްޓްކުރުމަށްޓަކައި، ކުންފުނި ތެރޭގައި ބުރަ މަަސައްކަތްތަކެއް ކުރެވެމުންދާކަން ވަނީ އިއުލާންކޮށްފަ އެވެ.