20 ނޮވެމްބަރ 2018 - 14:10

ޕޯޓް މޮރެސްބީ (ނޮވެމްބަރު 20) - މިދިޔަ ހަފުތާގައި ބޭއްވި އޭޕެކް ސަމިޓުގެ އެލަވަންސް ނުދީގެން ޕަޕުއާ ނިއު ގިނީ (ޕީއެންޖީ)ގެ ފުލުހުންނާއި ސިފައިން އެ ގައުމުގެ ޕާލަމެންޓަށް ވަދެ ގެއްލުން ދީފި އެވެ.
ޕާލަމެންޓަށް ވަދެގަތް ސަލާމަތީ ފަރާތްތަކުން ވަނީ ކުޑަ ދޮރުތައް ތަޅާލައި ފަރުނީޗަރަށް ގެއްލުން ދީފަ އެވެ.
އޭޕެކް ސަމިޓަށް ޕަޕުއާ ނިއު ގިނީން ވަނީ ބޮޑު ޚަރަދެއް ކޮށްފަ އެވެ. ސަމިޓުގެ މަންދޫބުން ކްރޫޒް ޝިޕްތަކުގައި ހޭދަކުރި އިރު ސަމިޓަށް ސަރުކާރުން ވަނީ 40 އަށް ވުރެ ގިނަ ލަގްޒަރީ ކާރު ގަނެފަ އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި ސަލާމަތީ ފަރާތްތަކުން ޕާލަމެންޓަށް ވަދެގަނެ ގެއްލުން ދިނީ އެ މީހުންނަށް ޚާއްސަ ބޯނަހުގެ ގޮތުގައި ކޮންމެ މީހަކަށް ދޭން ޖެހޭ 350 ކިނާ (104 ޑޮލަރު) ނުދީގެންނެވެ.
އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަންގެ 21 ގައުމުގެ މަންދޫބުންގެ ސަމިޓް ބޭއްވި އިރު އޮސްޓްރޭލިއާ، ނިއު ޒީލެންޑް އަދި އެމެރިކާ ސިފައިން ވަނީ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެހީތެރިވެދީފަ އެވެ.