15 އޯގަސްޓް 2016 - 21:54

ފުވައްމުލަކު ފަރަށް މިދިޔަ ހޮނިހިރު ދުވަހު އެރި އާގުބޯޓު ފުންކުރެވޭނެ ކަމުގެ އުއްމީދު ކުޑަ ކަމަށާއި މިހާރު އެ ބޯޓަށް ބިޔަ ރާޅު ބިންދަން ފަށާފައިވާ ކަމަށް އެ ރަށު ދޫނޑިގަމު ކައުންސިލުން މިރޭ ބުނެފި އެވެ.

އެ އަވަށު ކައުންސިލްގެ ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވީ ބޯޓު އަރާފައިވާ ސަރަހައްދުގައި ނަގާ ރާޅު މިއަދު ވަރަށް ބޮޑު ކަމަށެވެ. އަދި ކުރިއަށް ވުރެ ބޮޑަށް މިހާރު ބޯޓު އެއްގަމަށް އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޯޓު މިހާރު އޮތީ ރަށުގެ ހުރަހަށް ވާ ގޮތަށް ލައްގާފައި. މިހާރު އޮތް ގޮތުން ފުންކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ކުޑަ. މިކަމުގެ ސަބަބުން ރަށުގެ ފަރަށް ހީނުކުރާވަރުގެ ބޮޑު ގެެއްލުމެއް ދަނީ ލިބެމުން،" ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޯޓު ފުންކުރުމަށް އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެންނަ ކަމަށާއި އަދި އެ މަސައްކަތާ ބެހޭ ރަސްމީ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށެވެ.
"ބައެއް މީހުން ކިޔާ އަޑުއިވޭ ބޯޓު ފުންކުރަން އިންޑިއާ އިން ޓަގު ބޯޓެއް އަންނަ ވާހަކަ ވެސް. ބޯޓު ކުރިއަށް ވުރެ ބޮޑަށް މިހާރު ވަނީ ފަރަށް އަރާފައި. ފުން ނުކުރެވި ލަސްވާ ވަރަކަށް ފަރަށް ލިބޭ ގެއްލުން ދާނީ ބޮޑުވަމުން،" ކައުންސިލަރު ވިދާޅުވި އެވެ.
ބޯޓު ފުން ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އިސް މީހަކު ކުރިން "މިހާރު" އަށް ބުނެފައިވާ ގޮތުގައި ޓަގު ބޯޓެއް ގެންގޮސްގެން ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަން ވަނީ ނިންމާފަ އެވެ. އެކަމަކު، އެ މަސައްކަތް ކުުރިއަށް ގޮސްފައިވާ ހިސާބެއް އަދި ނޭނގެ އެވެ.
ފުވައްމުލަކު އެއާޕޯޓުގެ ރަންވޭ ކައިރިން، ހުޅަނގު ފަރާތަށް އަރާފައިވާ ވިއެޓްނާމްގައި ރަޖިސްޓްރީކޮށްފައިވާ ގާތްގަނޑަކަށް 3،200 ޓަނުގެ ބޯޓުގައި ހުރީ އިންޑިއާ އިން ގެނައި ހިލަ އާއި ހިލަވެލި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
"އެމްވީ އެންޖީއޯސީ ސަން" ނަމަކަށް ކިޔާ ބޯޓު ފަރަށް އެރީ ފުވައްމުލަކުގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރު ކުރަނިކޮށެވެ. މި ބޯޓުގައި 20 ފަޅުވެރިން ތިބިއިރު، މިއީ ދިގުމިނުގައި 102.79 މީޓަރު ހުރި އަދި ފުޅާމިނުގައި 17 މީޓަރު ހުރި ބޯޓެކެވެ.
އެ ބޯޓު ފަރަށް އެރި ދިމާލަކީ ޑައިވް ކުރުމަށް ވެސް ހާއްސަ ސަރަހައްދެކެވެ. އެގޮތުން މަޝްހޫރު "ހުރަސްފަރުގަނޑު" އޮންނަނީ ބޯޓު ފަރަށް އެރި ދިމާލުގަ އެވެ. އެކަމަކު ބޯޓު ފަރަށް އެރުމުގެ ސަބަބުން ޑައިވް ޕޮއިންޓަށާއި ފަރަށް ލިބުނު ގެއްލުމެއް އަދި ނޭނގެ އެވެ.
ބޯޓު ފުންކުރުމުގައި ހަރަކާތެރިވާ މީހަކު ކުރިން ބުނެފައި ވަނީ އެ ބޯޓުގައި ހިލަ އާއި ހިލަވެއްޔާއެކު 5700 ޖަމްބޯ ބޭގް އެބަހުއްޓެވެ.
ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ. އެކަމަކު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ވިއެޓްނާމްގެ މުދާ އުފުލާ ބޯޓަކާ އެވެ.
ބޯޓު ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެ އަށް މުދާ ބަރުކޮށްގެން މިދިޔަ ހޯމަ ދުވަހު މާލެ ބަނދަރަށް ވަދެ، ކްލިއަރެންސް ހޯދުމަށް ފަހު ހޮނިހިރު ދުވަހު ފުވައްމުލަކަށް ކައިރިކޮށް މުދާ ބާލަން އުޅެނިކޮށެވެ.