20 ނޮވެމްބަރ 2018 - 13:40

ކޮލަމްބޯ (ނޮވެމްބަރު 20) - ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ އަށް ދައުލަތުން ކުރާ ހޭދަ ހުއްޓުވުމަށް ޕާލަމެންޓަށް ހުށަހަޅައިފި އެވެ.
އިތުބާރު ނެތް ކަމަށް ޕާލަމެންޓުގައި ދެ ފަހަރަށް ފާސްކޮށްފައިވާ ރާޖަޕަކްސާ އަށް ކުރާ ހޭދަ ހުއްޓުވުމަށް ހުށަހެޅީ ޔުނައިޓެޑް ނޭޝަނަލް ފްރަންޓް (ޔޫއެންއެފް) އިންނެވެ.
ޕާލަމެންޓުގެ އިއްޔެގެ ބައްދަލުވުމުގެ ކުރިން، ބޮޑު ވަޒީރުގެ މަގާމުން ދުރުކުރި ރަނިލް ވިކްރަމަސިންހަގެ ޔޫއެންޕީ އަަށް ނިސްބަތްވާ މެންބަރު ރަވީ ކަރުނަނަޔަކަ ވިދާޅުވީ ބޮޑު ވަޒީރުގެ އޮފީހަށް އެއްވެސް ޚަރަދެއް ކޮށްގެން ނުވާނެ ކަމަށެވެ. ޕާލަމެންޓަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ބަހުސް ކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ.
ޔޫއެންޕީގެ މެންބަރު ރަޖީތާ ސެނަރަތުނަ ވިދާޅުވީ ރާޖަޕަކްސާއާ ދެކޮޅަށް ޕާލަމެންޓަށް ހުށަހެޅި މައްސަލަ ފާސްކުރާނެ ކަމަށެވެ.
އިިދިކޮޅު ޕާޓީތަކުން ބުނަމުން ދަނީ ބޮޑު ވަޒީރުގެ މަގާމަށް ރާޖަޕަކްސާ ހަމަޖައްސާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި ޕާލަމެންޓުގައި ވަނީ ރާޖަޕަކްސާގެ މައްޗަށް ދެ ފަހަރަށް އިތުބާރު ނެތް ކަމަށް ފާސްކޮށްފަ އެވެ. އަދި އިއްޔެ ވަނީ ތިން ވަނަ ފަހަރަށް ވޯޓެއް ނަގަން މަސައްކަތް ކޮށްފަ އެވެ.