ޝިފާޒް ތަމްރީން ހަދަން ކެންޔާ އަށް
ޝިފާޒް ތަމްރީން ހަދަން ކެންޔާ އަށް

ދިގު ރާސްތާ ދުވުންތެރިން އުފެއްދުމުގައި އެފަދަ ދެ ވަނަ އެއް ނެތް ގައުމެއް ކަމަށްވާ ކެންޔާގައި ދެ މަސް ދުވަހުގެ ތަމްރީން ހަދަން ރާއްޖޭގެ މެރެތަން ރެކޯޑް ދުވުންތެރިޔާ ޝިފާޒް މުހައްމަދު މިއަދު ފުރައިފި އެވެ.

ޝިފާޒް އަމިއްލަ ގޮތުން ހޯދި މި ފުރުސަތުގެ ބޭނުމަކީ އަންނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހު ބާއްވާ ދުބާއީ މެރެތަންގައި ރާއްޖޭގެ މެރެތަން ރެކޯޑް އާކުރުމެވެ.

ޝިފާޒް ތަމްރީން ހަދާ ކްލަބުން ބުނީ ރާއްޖޭގެ މެރެތަން އަދި ހާފް މެރެތަން ޗެމްޕިއަން އަށް މަރުހަބާ ކިޔާ ކަމަށާއި އޭނާ އަށް ތަމްރީން ދިނުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. އަދި ޝިފާޒްގެ ތަމްރީންތައް ބަލައި ކުރިއެރުންތައް ކޮންމެ ދުވަހަކު ވެސް އެތަނުގެ ހެޑްކޯޗު މޮނީޓަރުކުރާނެ ކަމަށް ބުނެފައިވެ އެވެ.

ދުނިޔޭގެ މެރެތަން ރެކޯޑް މިހާރު އޮތީ ކެންޔާގެ އެލިއޫޑް ކިކޯޖް އަތުގަ އެވެ. އަދި އެ ރެކޯޑް އެންމެ ފަހުން ހެދި ހަތް ދުވުންތެރިންގެ ތެރެއިން ފަސް ދުވުންތެރިންނަކީ ކެންޔާ ދުވުންތެރިންނެވެ.

ރާއްޖޭގެ މެރެތަންގެ ގައުމީ ރެކޯޑް އޮންނަ ޝިފާޒް ވަނީ، މުގުރާނުލެވި އެތައް ޒަމާނެއް ދިޔަ އެ ރެކޯޑް ނުވަ މަސް ދުވަހުގެ ތެރޭ ތިން ފަހަރު އާކޮށްފަ އެވެ. އެ ރެކޯޑް އެންމެ ފުރަރަމަ މުގުރާލީ އޭނާގެ ހަޔާތުގައި ދުވި ފުރަތަމަ މެރެތަނުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލްގެ ކަތުމަންޑޫގައި 2 ގަޑި 40:47 މިނިޓުން ދުވެގެންނެވެ. އޭގެ ފަހުން މި އަހަރުގެ ޖެނުއަރީ މަހު ދުބާއީ މެރެތަންގައި 2 ގަޑި 39:40 މިނެޓުން ދުވެގެން ރެކޯޑް އާކުރުމަށް ފަހު ތިން ވަނަ ފަހަރަށް އާކުރީ ޖުލައި މަހު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓް މެރަތަންގައި ވާދަކޮށް 2 ގަޑި 35:17 އިން ނިންމައިގެންނެވެ.

ގައުމީ ހާފް މެރަތަން ރެކޯޑް ވެސް މި ވަގުތު އޮތީ ޝިފާޒް އަތުގަ އެވެ. އޭނާ ވަނީ މި އަހަރުގެ މޭ 19 ގައި ނޭޕާލުގައި އޮތް ހާފް މެރަތަން ރޭސް 1 ގަޑި 14:01 މިނެޓުން ދުވެފަ އެވެ. ޝިފާޒް ފަހަކަށް އައިސް ބޮޑު ކުރިއެރުންތަކެއް ހޯދީ ސިފައިންގޭގެ އިތުރު ދުވުންތެރިންނާ އެކު ހެދި ވަރުގަދަ ތަމްރީންތަކަށް ފަހު އެވެ. ނޭޕާލުގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ދަނޭރަމް ޗައުދަރީ މާލެ ގެނެސް ހެދި ދެ މަހެއްހާ ދުވަހު ތަމްރީންތަކަށް ފަހު ސީދާ ނޭޕާލަށް ގޮސް އެތަނުގައި ވެސް ތަމްރީން ހެދި އެވެ.

ކެންޔާގައި ތަމްރީން ހެދުމުގެ ފުރުސަތު އަމިއްލަ ގޮތުން ހޯދި ނަމަވެސް އެކަމަށްޓަކައި ލިބުނު އެހީ އަށް ޝިފާޒް ވަނީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި އޮލިމްޕިކް ކޮމިޓީ އާއި އެތުލެޓިކްސް އެސޯސިއޭޝަނަށް ޝުކުރުއަދާކޮށްފަ އެވެ. އަދި ތަމްރީނަށް ދިއުމަށް ވީއްލައިދިނީ އޭނާ ވަޒީފާ އަދާކުރާ އެމްއެންޑީއެފް އަށް ވެސް ޝުކުރުއަދާކުރި އެވެ.