ތައިމޫރުގެ ބުދު ވެސް ހަދައިފި
ތައިމޫރުގެ ބުދު ވެސް ހަދައިފި

ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރުގެ ދަރިފުޅު ތައިމޫރު އެ މީހުންނަށް ވުރެ މާ ބޮޑަށް ވެސް މަޝްހޫރު ކަމަށް މިހާރު ބެލެވެ އެވެ.

އުފަންވީންސުރެ މީޑިއާތަކުގެ ސަމާލުކަން ހުއްޓިފައިވާ، ދޮޅު އަހަރުގެ ތައިމޫރުގެ މަޝްހޫރުކަމާ ބެހޭ ގޮތުން އޭނާގެ މާމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރު ވެސް ދާދި ފަހުން ބުނި ގޮތުގައި ތައިމޫރުގެ މަޝްހޫރުކަމާ އޭނާ އަޅާކިޔާ ނަމަ މިހާރު އެއްވެސް އެއްޗަކަށް ނުވާނެ އެވެ.

ފާހަގަކުރެވޭ ކަމަކީ މި މަޝްހޫރުކަމާ އެކު، މިހާރު ތައިމޫރުގެ ސިފައިގައި ކުޅޭކުޅޭ ބުދު ވެސް އުފައްދައި ބާޒާރަށް ނެރެފައިވުމެވެ.

އަންނަ މަހުގެ 20 ގައި ދެ އަހަރު ފުރޭ ތުއްތު ތައިމޫރުގެ ސިފައިގައި ބުދު އުފައްދާފައި ވަނީ ކެރެލާގެ ކުންފުންޏަކުންނެވެ. އަދި "ތައިމޫރު" ގެ ނަން ދީފައިވާ މި ބުދު މިހާރު އަންނަނީ ބާޒާރުގައި ވިއްކަމުންނެވެ.

"ތައިމޫރު" ހުންނަނީ ހުދާއި ނުލުގެ ކުރުތާއެއްގަ އެވެ. މި ބުދަށް މިހާރު ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި، ޓްވިޓާގައި އަންނަނީ އެކި ކަހަލަ ޝުއޫރުތައް ވެސް ފާޅު ކުރަމުންނެވެ.

އިންޑިއާގެ މީޑިއާތަކުގައި "ތައިމޫރު" ބުދުގެ ވާހަކަ ދެކެވެމުން ދިޔަ ނަމަވެސް ކަރީނާ އާއި ސައިފް އަދި މިކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ދާދި ފަހުން ސައިފް ބުނި ގޮތުގައި ތައިމޫރަށް މީޑިއާގެ ސަމާލުކަން އެހާ ބޮޑަށް ހުއްޓުނަސް އޭނާގެ މާ ބޮޑު މައްސަލައެއް ނެތެވެ.

އެކަމަކު ދޮޅު އަހަރުގެ ކުއްޖަކަށް އެހާ ވަރުގެ ސަމާލު ކަމެއް ދޭތީ އެކަމާ ހައިރާންވާ ކަމަށާއި ބައެއް ފަހަރު އެކަމާ ފިކުރު ބޮޑުވާ ކަމަށް ވެސް ބުންޏެވެ. ސައިފް ބުނި ގޮތުގައި މަޝްހޫރު ދެ މީހެއްގެ ދަރިއަކަށް ތައިމޫރު ވިޔަސް ބޭނުން ވަނީ "ނޯމަލްކޮށް" އޭނާ ގެންގުޅޭށެވެ. ސައިފަކީ މިހާރު ޒުވާން މިހާރު ޒުވާން އުމުރަށް އަޅާފައި ތިބި ސާރާ އަލީ ހާނާއި އިބްރާހީމްގެ އަލީގެ ވެސް ބައްޕަ އެވެ.

މީޑިއާތަކުގެ ސުރުހީތަކާއި ކެމެރާތަކަށް ކޮންމެ ދުވަހަކު ވެސް އަރާ ތައިމޫރަށް ދާދި ފަހުން މީޑިއާގެ ބަޔަކު ނަމުން ގޮވަން ފެށުމުން އޭނާ ބުނީ "މިއީ ޓިމް" ކަމަށެވެ. އެ ވާހަކަ ވެސް މީޑިއާތަކުގައި ވަރަށް ހިނގި ވާހަކައަކަށްވި އެވެ.