ރެއާލުން އޮޒިލް ވިއްކާލީ ޓީމާ ދެކޮޅަށް: ރޮނާލްޑޯ
ރެއާލުން އޮޒިލް ވިއްކާލީ ޓީމާ ދެކޮޅަށް: ރޮނާލްޑޯ

މެޑްރިޑް (ނޮވެމްބަރު 20) - ރެއާލް މެޑްރިޑުން 2013 ވަނަ އަހަރު ޖަރުމަނުގެ ތަރި މެސުޓް އޮޒިލް ވިއްކާލީ އެ ޓީމުގެ ގިނަ ކުޅުންތެރިންނާ ދެކޮޅަށް ކަމަށް މި ސީޒަނުގައި ރެއާލް ދޫކޮށް ޔުވެންޓަސްއާ ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި އޮޒިލް ދެއްކި މޮޅު ކުޅުމާ އެކު އެ ފަހަރު ރެއާލުން ވަނީ 15 މިލިއަން ޔޫރޯ އަށް އޮޒިލް ގަނެފަ އެވެ. ރެއާލުގައި ހޭދަކުރި ތިން އަހަރު ތެރޭ އޮޒިލް ވަނީ އެ ޓީމާ އެކު ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕާއި ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.

"އޮޒިލް ވިއްކާލުން ވެގެންދިޔައީ އަހަންނަށް ލިބުނު ވަރަށް ގޯސް ހަބަރަކަށް. އަހަންނާ އެންމެ ގުޅުން ރަނގަޅު ކުޅުންތެރިއަކީ އޮޒިލް. އޭނަ ދިން ބޯޅަތަކުން ގިނައިން އަހަރެން ގޯލު ޖަހާފައި ވެސް ހުންނާނީ،" ރޮނާލްޑޯ ބުންޏެވެ.

"އަހަންނަށް ފަހުން ޔަގީންވި އޮޒިލް ވިއްކާލުމަކީ ރެއާލުން ވަރަށް ސިއްރުން ކުރި ކަމެއްކަން. ގިނަ ކުޅުންތެރިން ބޭނުންވީ އޮޒިލް ބަހައްޓަން. އެއީ އޭނާ އަކީ ރެއާލުގައި ހުރެ ގިނަ ކާމިޔާބީތަކެއް ހޯދާނެ ކުޅުންތެރިއަކަށްވާތީ."

ދާދި ފަހުން އޮޒިލްގެ މިހާރުގެ ޓީމު އާސެނަލްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އޮޒިލް ވަނީ ރެއާލް ދޫކޮށްލަން ޖެހުނު ގޮތާމެދު ވާހަކަ ދައްކައިފަ އެވެ.

"އަހަރެން ރެއާލުގައި ހޭދަކުރި އެންމެ ފަހު ދެ ދުވަހުގައި ވެސް އަހަންނަށް ހީވެފައި އޮތީ އެ ކްލަބުގައި އަހަރެން މަޑުކުރާނެކަމަށް. އެކަމަކު އެހެނެއް ނޫންވީ. ކުއްލިއަކަށް އައި ފޯނު ކޯލަކާ އެކު އަހަރެންގެ ހުރިހާ ކަމެއް ބަދަލުވެއްޖެ،" އޮޒިލް ބުންޏެވެ.

އޮޒިލް ބުނީ އާސެނަލާ ގުޅެން އޭނާ އެންމެ ބޭނުންވީ އެ ކްލަބުން އޭނާގެ އަގުވަޒަންކުރާނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ. އޮޒިލް ވަނީ މިހާތަނަށް އާސެނަލާ އެކު ތިން ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.