މާލޭ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް ބޮޑު މަޝްރޫއެއް ފަށަނީ
މާލޭ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް ބޮޑު މަޝްރޫއެއް ފަށަނީ

މާލޭ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ ބޮޑު މަޝްރޫއެއް ފަށަން ނިންމާފައިވާ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނެއިދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްއިން މީރު ބަހުރު ބަނދަރުގައި ހެދި ފިހާރަ އާއި ނަމާދު ކުރާ ކޮޓަރި އަދި ވެއިޓިން އޭރިޔާ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖުނެއިދު ވިދާޅުވީ ވިޔަފާރި ބަނދަރުގެ ޖެޓީގައި މިހާރު އެޅެނީ އެންމެ ބޯޓެއް ކަމަށާއި ނަމަވެސް އެތަން ބޮޑުކުރުމުން އެއް ފަހަރާ ތިން ބޯޓުން މުދާ ބޭލޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

ޖުނެއިދު ވިދާޅުވީ އެ މަޝްރޫއުގެ މައުލޫމާތު އިކޮނޮމިކް ކައުންސިލާ ހިއްސާކޮށްފައިވާނެ ކަމަށާއި އެކަން ކުރިއަށްގެންދަން އެ ކައުންސިލުން ހުއްދަ ދީފައިވާ ކަމަށެވެ.

"އީވައިސީގައި ޕްރެޒެންޓޭޝަނެއް ހުށަހެޅިން. މިހާރު ސިޓީއެއް ލިބިފައި އެބަ އޮތް އެއީ އެންމެ ރަނގަޅު ކަމެކޭ ކުރިއަށް ގެންދަން،" ޖުނެއިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންކަރުގައި ކޮންޓެއިނަރު ހުސްކުރަން 16 ވަރަކަށް ދުވަސް ނަގާ ކަމަށާއި ނަމަވެސް ބަނދަރު ތަރައްގީ ކުރުމުން އެތަނާ ކައިރިކޮށް 24 ގަޑިއިރު ތެރޭގައި މުދާ ހުސްކުރެވޭނެ ކަމަށެވެ.

"މިއީ އަޖައިބެއް ނޫން. ކުރެވޭނެ ކަމެއް މިއީ. ތަރައްގީ ވެފައިވާ ބަނދަރުތަކުގައި ވެސް މިކަން އޮތީ މި ގޮތަށް. އެއީ އެތާނގައި ބަހައްޓާ ކެރޭންތަކުން ގަޑިއަކު ގާތްގަނޑަކަށް 80 ނުވަތަ 90 އަށް މޫވް ކުރާނެ،" ޖުނެއިދު ވިދާޅުވި އެވެ.

އެމްޕީއެލްގެ އަމާޒަށް ވާސިލް ވުމުން ކުރިއަށް އޮތް 20 އަހަރު ތެރޭގައި ވެސް ބަނދަރުން ކޮންޓެއިނަރު ނުލިބިގެން "ސަލާން ޖަހަން" ޖެހޭ ހިސާބަށް ނުދާނެ ކަމަށް ވެސް ޖުނެއިދު ވިދާޅުވި އެވެ. އަދި އަވަހަށް މުދާ ބޭލޭ ގޮތް ވުމުން މުދަލުގެ އަގަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ފެންވަރު ރަނގަޅުކުރަން 140 މިލިއަން ރުފިޔާ ހަރަދުކޮށްގެން 22 އުޅަނދެއް ހޯދަން ވެސް އެމްޕީއެލް އިން ވަނީ ޗައިނާގެ ސަނީ ހެވީ އިންޑަސްޓްރީއާ ހަވާލުކޮށްފަ އެވެ.