21 ނޮވެމްބަރ 2018 - 07:33

ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ ބޮލީވުޑަށް ނެރުނީ ސަލްމާން ހާނެވެ. އެއީ 2015 ގެ ފިލްމު "ހީރޯ" އިންނެވެ. އެ ފިލްމުގައި އާތިޔާ އެކު، ބަތަލުގެ ރޯލް ކުޅުނީ އަލަށް ތައާރަފުވީ ސޫރަޖް ޕަންޗޯލީ އެވެ. އޭނާއަކީ އެކްޓަރު އަދިތިޔާ ޕަންޗޯލީގެ ދަރިފުޅެވެ.
ފާހަގަކޮށްލެވޭ ކަމަކީ އެ ދެ ތަރިން ބޮލީވުޑަށް ނެރުނުތާ ތިން އަހަރުވީ އިރު، ކެރިއަރަށް މާ ބޮޑު ކުރިއެރުމެއް އައިސްފައި ނެތުމެވެ. "ހީރޯ" ގެ އިތުރުން މިހާތަނަށް މި ދެ ތަރިންގެ ވެސް މާ ބޮޑު ފެނިލުމެއް ނެތެވެ. މިދިޔަ އަހަރު އަހަރު ރިލީޒް ކުރި "މުބާރަކަން" އިން އާތިޔާ ފެނުނު ނަމަވެސް، ސޫރަޖްގެ އިތުރު ފިލްމެއް އަދި ބެލުންތެރިންނާ ހަމައަށް އަންނަ ވަރެއް ނުވެ އެވެ.
އެކަމަކު އޭނާގެ ދެ ފިލްމެއް ކުރިއަށް އެބަ އޮތެވެ. އެއީ ކެޓްރީނާ ކެއިފްގެ ކޮއްކޮ އީޒަބެލް ކެއިފް ބޮލީވުޑަށް ތައާރަފުކުރާ "ޓައިމް ޓު ޑާންސް" އާއި "ސެޓެލައިޓް ޝަންކަރު" ކިޔާ ފިލްމެކެވެ. އާތިޔާ މިހާރު އަންނަނީ ނައްވާޒުއްދީން ސިއްދީގީއާ އެކު "މޯޓީޗޫރް ޗަކްނަޗޫރް" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އާތިޔާގެ ކެރިއަރު ރަނގަޅު މިސްރާބަކަށް ގެންދިއުމުގެ މަސައްކަތާ ސަލްމާން މިހާރު ވަނީ އަލުން ހަވާލުވެފަ އެވެ. އަދި ވަރަށް އަވަހަށް ސަލްމާން ޕްރޮޑިއުސް ކުރާ އާ ފިލްމަކުން އޭނާ އަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުންޏެވެ.
ދާދި ފަހުން އަކްޝޭ ކުމާރުގެ ފިލްމު ކުންފުންޏާ ގުޅިގެން ތިން ފިލްމެއްގެ އެއްބަސްވުން ހެދި ފޮކްސް ސްޓާ ސްޓޫޑިއޯސް އިން ބަޓް ކޭމްޕްގެ ފިލްމު ކުންފުނި ވިޝޭޝް ފިލްމްސްއާ އެކު ވެސް ތިން ފިލްމުގެ އެއްބަސްވުމެއް ހަދައިފަ އެވެ.
މި ތިން ފިލްމުގެ ތެރެއިން އެއް ފިލްމަކީ ގިނަ އަހަރުތަކަކަށް ފަހު، މަހޭޝް ބަޓް ޑައިރެކްޝަނަށް އެނބުރި އަންނަ ފިލްމު "ސަޅަކް 2" އެވެ. އެ ފިލްމަކީ މާޗް، 25، 2020 ގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމެކެވެ. "ސަޅަކް 2" ގެ ތަރިންނަކީ އާލިއާ ބަޓް، އަދިތިޔާ ރޯއި ކަޕޫރު، ޕޫޖާ ބަޓް އަދި ސަންޖޭ ދަތު އެވެ.
ވިޝޭޝްއާ ގުޅިގެން ފޮކްސް ސްޓާ އިން ދެން ގެނެސް ދޭން ނިންމާފައިވާ އަނެއް ތިން ފިލްމު އަދި އިއުލާނެއް ނުކުރެ އެވެ.
"ބާހްބަލީ" ގެނެސް ދިން އެސްއެސް ރާޖަމޯލީގެ އާ ފިލްމުގެ ޝޫޓިން ހޯމަ ދުވަހު ފަށައިފި އެވެ.
ރަސްމީކޮށް އަދި ނަން އިއުލާންކޮށްފައި ނުވާ މި ފިލްމުގެ ތަރިންނަކީ ސައުތުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި ޖޫނިއާ އެންޓީއާރް އެވެ.
ވޯކިން ޓައިޓްލްއަކަށް "އާރްއާރްއާރް" ގެ ނަން ދީފައިވާ ފިލްމު ސިނަމާތަކަށް 2020 ގައި ގެންނަން އަމާޒު ހިފާފައިވާ އިރު، މިއީ ކޮން ކަހަލަ ވާހަކައަކަށް ހަދާ ފިލްމެއްކަން ވެސް އަދި ކަށަވަރެއް ނުވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މިއީ އަނެއްކާ ވެސް ޕީރިއަޑް ޑްރާމާއެކެވެ. ނަމަވެސް ބައެއް އެހެން ރިޕޯޓްތައް ބުނަނީ ރާޖަމޯލީގެ އާ ފިލްމަކީ ބޮކްސިންގައި އުޅޭ ދެބޭންގެ ވާހަކަ ކިޔައިދޭ ކުޅިވަރު ފިލްމެއް ކަމަށެވެ.
މި ފިލްމުގެ ބަތަލާއިންނަކީ ކޮބައި ކަމެއް ވެސް އަދި ނޭނގެ އެވެ. ފިލްމު ރަސްމީކޮށް ލޯންޗް ކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ.
ސޮނީ ޓީވީން މިހާރު ދައްކާ އަމީތާބު ބައްޗަން ހޯސްޓްކޮށްދޭ "ކޯން ބަނޭގާ ކަރޯޑްޕަތީ" ގެ 10 ވަނަ ސީޒަނުގެ އެންމެ ފަހު އެޕިސޯޑް ޝޫޓްކޮށް ނިންމާލައިފި އެވެ.
އެ އެފިސޯޑް ހާއްސަވާ އެއް ކަމަކީ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ހާއްސަ މެހުމާނެއްގެ ގޮތުން އަމީތާބާ ބައިވެރިވާތީ އެވެ. އަނެއްކާ މިއީ މި އަހަރުގެ ކުރީކޮޅު ސޮނީން ދައްކަން ފަށައި، ކުއްލި ގޮތަކަށް ހުއްޓައިލި، "ފެމިލީ ޓައިމް ވިތި ކަޕިލް ޝަރުމާ" އަށް ފަހު، ކަޕިލް ޓީވީން ފެންނާނެ ފުރަތަމަ ފަހަރު ވެސް މެ އެވެ.
އަންނަ މަހުގެ 12 ގައި ކައިވެނި ވެސް ކުރާ ކަޕިލް މިހާރު އަންނަނީ "ދަ ކަޕިލް ޝަރުމާ ޝޯ" އާ އެކު ވެސް އެނބުރި އަންނަން ތައްޔާރުވަމުންނެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ޝޯ ފަށާނީ އަންނަ މަހުގެ 23 ގަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 3 ގައި ދައްކަން ފެށި "ކޯން ބަނޭގާ ކަރޯޑްޕަތީ 10" މި މަހު ނިންމައިލާނެ ކަމަށް ބެލެވެ އެވެ.
ސޮނީ ޓީވީން މިހާރު ދައްކާ މައިތޮލޮޖިކަލް ސިލްސިލާ "ޗަންތުރަގުޕްތާ މޯރިއާ" އަށް ސަލްމާން އަލީ ކިޔައި ދިން ތީމް ލަވަ ބެލުންތެރިންނަށް އިއްވާލައިފި އެވެ.
ސަލްމާނަކީ ސޮނީން ދައްކަމުން އަންނަ "އިންޑިއަން އައިޑޮލް" ސީޒަން 10 ގައި ވާދަ ކުރަމުން އަންނަ ބައިވެރިއެކެވެ. އަދި އޭނާއަކީ މިހާރު ގަދަ 7 ބައިވެރިން ތިބި، އެ ޝޯގެ އެންމެ ވަރުގަދަ އެކެކެވެ. އިންޑިއަން ސްޓައިލްގެ ލަވަތައް ކިޔަން ކުޅަދާނަ ސަލްމާން ކިޔާފައިވާ ލަވައެއް ސިލްސިލާއެއްގައި ހިމެނި އިރު، މިއީ މިފަދަ ގޮތަކަށް އޭނާގެ އަޑު އިވިގެން ދާނެ ފުރަތަމަ އުފެއްދުމެވެ.
ނަމަވެސް ސަލްމާނަކީ ކުރިއަށް އޮތް ތަނުގައި ބޮލީވުޑްގެ ޕްލޭބެކް ސިންގާއަކަށް ވާނެ ލަވަކިޔުންތެރިއެއް ކަމަށްވާ އިންޑިއަން އައިޑޮލްގެ ޖަޖުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.