20 ނޮވެމްބަރ 2018 - 10:48

މިއުނިކް (ނޮވެމްބަރު 20) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ޖަރުމަނާ 2-2 އިން އެއްވަރުކޮށް ނެދަލެންޑްސް މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދިއިރު ދުނިޔޭގެ ޗެމްޕިއަން ފްރާންސް ކަޓައިފި އެވެ.
ނޭޝަންސް ލީގުގެ ގްރޫޕް އެކެއްގެ އެއް ވަނައިގައި ނެދަލެންޑްސް އޮތީ ދެ ވަނައިގައި އޮތް ފްރާންސާ އެއްވަރަށް ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ނެދަލެންޑްސް އަށް ކުރި ލިބުނީ ފައިދާ ގޯލުންނެވެ. މި ގްރޫޕުގެ އެންމެ ފުލަށްދިޔަ ޖަރުމަނު ވަނީ ދެ ވަނަ ކެޓަގަރީ އަށް ރެލިގޭޓްވެފަ އެވެ. އެ ޓީމަށް ހަތަރު މެޗުން ލިބުނީ ދެ ޕޮއިންޓެވެ.
އަންނަ އަހަރު ޖޫން މަހު ކުޅޭ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ނެދަލެންޑްސްގެ އިތުރުން ވާދަކުރަނީ އިންގްލެންޑާއި ސްވިޒަލެންޑްގެ އިތުރުން ފަހު މެޗުތައް ކުރިއަށްދާ ޕޯޗުގަލް އެވެ. ސެމީގެ ގުރުއަތުލުން ކުރިއަށްދާނީ އަންނަ މަހު ތިން ވަނަ ދުވަހު އަޔަލެންޑްގެ ޑަބްލިންގަ އެވެ.
ރޭގެ މެޗު ފަށައިގެން ޖަރުމަނުގެ ފަރާތުން ތަފާތު މޮޅު އެޓޭކިން ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ 20 މިނިޓް ތެރޭ އެ ޓީމުން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ ތިން ވަނަ މިނިޓްގައި ކާމިޔާބުކުރީ އާރްބީ ލިޕްޒިގުގެ ފޯވާޑް ޓިމޯ ވާނާ އެވެ. އެ ޓީމުގެ ލީޑުފުޅާކުރީ 19 ވަނަ މިނިޓްގައި ލިރޯއި ސާނޭ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަރުމަނަށް ތިން ވަނަ ލަނޑެއް ޖަހަން ފުރުސަތު ލިބުނު ނަމަވެސް ބޭނުން ނުކުރެވުނެވެ. ޖަރުމަނު މޮޅުވިނަމަ ރޭގެ މެޗުގައި އެންމެ ފައިދާ ބޮޑުވާނީ ފްރާންސް އަށެވެ. އެކަމަކު އެ ހުރިހާ ކަމެއް ބަދަލުވެގެންދިޔައީ މެޗުގެ ފަހު ފަސް މިނިޓް ތެރޭ ނެދަލެންޑްސް އިން ދެ ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަަމަކުރުމުންނެވެ.
ނެދަލެންޑްސް އަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 85 ވަނަ މިނިޓްގައި ކުއިންސީ ޕްރޯމްސް އެވެ. އިތުރު ވަގުތުގައި ނެދަލެންޑްސް އަށް އެއްވަރުކޮށްދިނީ ޓީމުގެ ކެޕްޓަން ވާޖިލް ވެން ޑައިކް އެވެ.
މޮޅެއް ނުލިބި ނޭޝަންސް ލީގުން ކެޓިއިރު މިއީ ޖަރުމަނުގެ ފުޓްބޯޅަ ތާރީހުގައި އެ ގައުމުގެ ނަތީޖާތައް އެންމެ ދަށް އަހަރެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، އޭގެ ފަހުން އެ ޓީމަށް އަދި އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނުނެރެވެ އެވެ.
ރޭގެ މެޗަށް ފަހު ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ބުނީ މެޗުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭ ކަމަށާއި އެކަމަކު ކުރިން މެޗުތަކާ އަޅާކިޔާއިރު ރަނގަޅު ވަރަށް ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ކަމަށެވެ.
ނޭޝަންސް ލީގުގެ ސެމީން ފުރުސަތު ހޯދުމާ އެކު މިއީ ނެދަލެންޑްސް ފުޓްބޯޅަ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ފާއިތުވި ހަތަރު ވަރަކަށް އަހަރު ނެދަލެންޑްސް ފުޓްބޯޅަ އޮތީ ވަރަށް ބޮޑު އަޑިގަޑެއްގެ ތެރޭގަ އެވެ. އެންމެ ފަހުން ކުޅުނު ބޮޑު ދެ މުބާރާތް ކަމަށްވާ 2016 ވަނަ އަހަރުގެ ޔޫރޯ އާއި މި އަހަރުގެ ވޯލްޑް ކަޕަށް ނެދަލެންޑްސް ކޮލިފައިނުވެ އެވެ. އެކަމަކު ރޮނާލްޑް ކޫމަން އެ ޓީމާ ހަވާލުވި ފަހުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.
"އަހަރެމެން ނޭޝަންސް ލީގަށް އައިއިރު އަމާޒަކީ ދެ ވަނަ ކެޓަގަރީ އަށް ރެލިގޭޓް ނުވުން. އެކަމަކު ހުރިހާ ކަމެއް ބަދަލުވެދިޔައީ ކުޅުންތެރިންގެ މަސައްކަތުން. މިހާރު އަހަރެމެންނަށް ވަރަށް ބޮޑަށް ހަމަޖެހިލެވިއްޖެ. އެއީ ފާއިތުވި އަހަރުތަކުގައި މި ޓީމާ މެދު ގިނަ ބަޔެއްގެ މާ ބޮޑު އުއްމީދެއް ނެތް،" ކޫމަން ބުންޏެވެ.
ކޫމަން ވަނީ އޭނާ އަށް ނެދަލެންޑްސް ފުޓްބޯޅަ ފެޑެރޭޝަނުން ކުރި އިތުބާރަށް ޝުކުރުއަދާކޮށްފަ އެވެ.