ގޭމުގެ ފޯރި ގަދަވެ، ގެޔަށް ވަނީ ފުލުހުން
ގޭމުގެ ފޯރި ގަދަވެ، ގެޔަށް ވަނީ ފުލުހުން

"ހެޔޮ ނުވާނެ އަހަރެން މަރާ ނުލާތި" އޭ އަންހެނަކު ބުނާ އަޑު އިވުނެވެ. ދެން އިވެނީ ފިރިހެނަކު "މަގޭ ބަޑި ނެގީ ކީއްވެހޭ؟" އަހާ އަޑެވެ. އަވަށްޓެރިއެއްގެ ގެއަކުން މީހަކަށް އިވުނު މި އަޑުތަކާ އެކު އޭނާ ގަތީ ބިރެވެ.

އަވަށްޓެރިޔާގެ ގޭގައި ދެމަފިރިއަކު ޒުވާބުކޮށް، މާރާމާރީ ހިންގާ ކަމަށް ބެލެވިގެން އެމެރިކާގެ ފްލޮރިޑާގެ ފުލުހުންނަށް ރިޕޯޓް ކުރީ އެވެ.

ފުލުހުންނަށް ގުޅި މީހާ ވަނީ އަވަށްޓެރިޔާގެ ގެއިން އޭނާ އަށް އިވުނު ވާހަކަތަކާއި އިވެމުން ދިޔަ އަޑުފަށްގަނޑުގެ ވާހަކަ ވަރަށް ތަފުސީލުކޮށް 911 އަށް ގުޅައި ހިއްސާކޮށްފަ އެވެ. އެހެންވެ ސީރިއަސް ހާދިސާއަކާ ކުރިމަތިލާން ތައްޔާރުވެގެން ހަ ވެހިކަލްގައި ގިނަ އަދަދެއްގެ ފުލުހުން ދިޔަ އެވެ.

އެކަމަކު މި ވަރަށް ތައްޔާރުވެގެން ދިޔަ އިރު، މާރާމާރީ ހިންގާ ކަމަށް ބުނާ ގޭގައި އެ ވަގުތު ހިނގަނީ މުޅިން އެހެން ކަމެކެވެ. ފުލުހުން ގޮސް ގޭގެ ބެލް ޖެހުމުން ގެއިން އަންހެން މީހާ ނުކުމެ އެވެ. އަދި ފުލުހުން ފެނުމުން ހައިރާންވެގެން އޭނާ ސުވާލު ވެސް ކުރެ އެވެ.

އެކަމަކު ފުލުހުން ގެއަށް ވަދެ، ބަލައި ފާސްކޮށް ވެސް ހެދި އެވެ. ނަމަވެސް ހަމަނުޖެހުމެއްގެ އެއްވެސް އަލާމާތެއް ނެތެވެ. ގޭގައި ބަޑިއެއް ވެސް ނެތެވެ.

ދެން ފުލުހުން އެ ގެއަށް ދާން ޖެހުނު ސަބަބު ކިޔައިދިނުމުން ޖެމީ މެކީ ކިޔާ އަންހެން މީހާ ގާތަށް އައީ ހިންޏެވެ. އޭނާ ބުނި ގޮތުގައި ފިރިމީހާ އާއި އަންހެން ދަރިފުޅާ އެކު އެ މީހުން ތިބީ "ކޯލް އޮފް ޑިއުޓީ" ގޭމް ކުޅޭށެވެ. ލެވި ހަޅޭކެއްލެވިއްޔާ ލެވީ ގޭމްގެ ފޯރީގައި ކަމަށް ބުންޏެވެ. އެއްވެސް ޒުވާބެއް ގޭގައި ނުހިނގާ ކަމަށް ބުންޏެވެ.

"އަހަންނަކީ ތަންކޮޅެއް އަޑުވެސް ގަދަ މީހެއް. ކުޑަދޮރު ވެސް ހުޅުވާފައި ހުރީމަ ބޭރަށް މާ ގަދައަށް އަޑު އިވެގެން ތިހެން ތިވީ. މާފަށް އެދެން ދެން އެކަހަލަ ކަމެއް ތަކުރާރެއް ނުވާނެ،" ފުލުހުން ގާތު ޖެމީ ބުންޏެވެ.

އެ ހިސާބުން އެކަން މާ ބޮޑު ކަމަކަށް ނުހަދައި މޫނުމަތީގައި ކުރިން ސީރިއަސްކަން ހުރި ފުލުހުން ހިނިތުންވެލާފައި ދިޔައީ އެވެ.