ރާޖަޕަކްސާއާ ގުޅުން ހުރި މައްސަލަތައް ބަލައި ފުލުސް އޮފިސަރު ވަކިކޮށްފި
ރާޖަޕަކްސާއާ ގުޅުން ހުރި މައްސަލަތައް ބަލައި ފުލުސް އޮފިސަރު ވަކިކޮށްފި

ކޮލަމްބޯ (ނޮވެމްބަރު 20) - ބޮޑު ވަޒީރު ކަމަށް ހަމަޖައްސާފައިވާ މަހިންދާ ރާޖަޕަކްސާގެ އާއިލާ އާއި ގާތް މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ފުލުސް އޮފިސަރު ހުރި މަގާމުން ވަކި ކުރަން ރައީސް މައިތުރިޕާލާ ސިރިސޭނާ އަންގަވައިފި އެވެ.

ޗީފް އިންސްޕެކްޓާ ނިޝާންތާ ސިލްވާ ވަކިކޮށްފައި ވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުންނެވެ. އޭނާ މިހާރު ބަދަލުކޮށްފައި ވަނީ ނިގަންބޯ ޕޮލިސް ޑިވިޝަނަށް ކަމަށްވެ އެވެ. ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ މިދިޔަ މަހު 26 ވަނަ ދުވަހު ވަކި ކުރުމަށް ފަހު ސިރިސޭނާ ވަނީ އެމަނިކުފާނުގެ ސީދާ ބާރުގެ ދަށަށް ފުލުހުންގެ ކޮންޓްރޯލް ގެންނަވައިފަ އެވެ.

ސިލްވާ ތަހުގީގު ކުރާ މައްސަލަތަކުގެ ތެރޭގައި 2008-2009 އާ ދެމެދު 11 ކުއްޖަކު މެރި މައްސަލަ ހިމެނެ އެވެ. މީގެ އިތުރުން ސިލްވާ ގެންދަނީ ނޫސްވެރިޔާ ލަސަންތާ ވިކްރަމަތުންގާ މަރާލި މައްސަލަ އާއި ރާޖަޕަކްސާގެ ކޮއްކޮ ގޮތަބަޔާ ހިންގާފައިވާ މައްސަލަތައް ވެސް ބަލަމުންނެވެ.

ގޮތަބަޔާގެ މައްޗަށް ސެޕްޓެމްބަރު މަހު ވަނީ 250،000 ޑޮލަރުގެ ކޮރަޕްޝަނުގެ ދައުވާކޮށްފަ އެވެ. ޑިފެންސް ސެކްރެޓަރީއަކަށް ގޮތަބަޔާ ހުންނެވި ދުވަސްވަރު ޔޫކްރޭނުން މަތިންދާ ބޯޓެއް ގަތް މައްސަލައިގައި ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަ ވެސް ސިލްވާ ދަނީ ބަލަމުންނެވެ.

ސަރުކާރުގެ އިންޝުއަރެންސް ކުންފުނީގެ މިލިއަން ޑޮލަރުގެ ޚިޔާނަތުގެ މައްސަލައެއްގައި ރާޖަޕަކްސާގެ ޗީފް އޮފް ސްޓާފުގެ މައްޗަށް އޮގަސްޓް މަހު ވަނީ ދައުވާކޮށްފަ އެވެ. ރާޖަޕަކްސާގެ އެންމެ އިސް ސިވިލް މުވައްޒަފް ކަމަށްވާ ލަލިތު ވީރަންތުންގާގެ މައްޗަށް ހަތަރު މިލިން ޑޮލަރުގެ ކޮރަޕްޝަން މައްސަލައެއް ސާބިތުވެ ތިން އަހަރަށް ވަނީ ޖަލަށްލައިފަ އެވެ. ރާޖަޕަކްސާގެ ފިރިހެން ދެ ދަރިކަލުންގެ މައްޗަށް ވެސް ވަނީ މަނީ ލޯންޑްރިންގެ ތުހުމަތުކޮށްފަ އެވެ.

ދެހާސް އަށް ވަނަ އަހަރު ނޫސްވެރިއަކު ވަގަށް ނަގައި އަނިޔާކުރި މައްސަލައަކާ ގުޅިގެން ރާޖަޕަކްސާއާ އޮގަސްޓް މަހު ވަނީ ސުވާލުކޮށްފަ އެވެ.