އިސްލާމީ ގައުމުތަކުގެ ތާއީދު ލަންކާ އަށް އެބައޮތް: ރާޖަޕަކްސާ
އިސްލާމީ ގައުމުތަކުގެ ތާއީދު ލަންކާ އަށް އެބައޮތް: ރާޖަޕަކްސާ

ކޮލަމްބޯ (ނޮވެމްބަރު 20) - އިސްލާމީ ގައުމުތަކުން އަބަދުވެސް ސްރީ ލަންކާ އަށް ތާއީދުކުރާ ކަމަށް ބޮޑު ވަޒީރު ކަމަށް އައްޔަންކޮށްފައިވާ މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި ރާޖަޕަކްސާ ވިދާޅުވީ ލަންކާގެ މުސްލިމުން އެ ދުވަސް ފާހަގަ ކުރަނީ ދީނީ ކަންކަން އާލާކޮށް، އެހީތެރިވެދީ އަދި ރަސޫލާގެ ހަޔާތުން ފިލާވަޅުތައް ލިބިގަތުމުގެ ދުވަހެއްގެ ގޮތުގައި ކަމަށެވެ. ރާޖަޕަކްސާ ވަނީ ލަންކާގެ ހުރިހާ މުސްލިމުންނަށް އީދު މީލާދުގެ ތަހްނިޔާ ފޮނުއްވައިފަ އެވެ.

"ބައިނަލްއަގްވާމީ ފޯރަމްތަކުގައި އިސްލާމީ ގައުމުތަކުން އަބަދުވެސް ދަނީ ލަންކާ އަށް ތާއީދު އޮތްކަން ދައްކަމުން. އެކަމަށް ޓަކައި ރަސޫލާގެ އީދު މީލާދު ދުވަހުގެ މުނާސަބަތުގައި ދުނިޔޭގެ އެންމެހައި މުސްލިމުންނަށް ތަހްނިޔާ ފޮނުވަން،" ރާޖަޕަކްސާގެ ކުރު ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ލަންކާ ޕާލަމެންޓުގައި ދެ ފަހަރެއްގެ މަތިން އިތުބާރު ނެތްކަމުގެ ވޯޓު ނެގި ނަމަވެސް ރާޖަޕަކްސާ ގެންދަވަނީ ގާނޫނީ ގޮތުން ބޮޑު ވަޒީރަކީ އޭނާ ކަމަށް ވިދާޅުވަމުންނެވެ.