19 ނޮވެމްބަރ 2018 - 17:58

ކޮލަމްބޯ (ނޮވެމްބަރު 19) - ސްރީ ލަންކާ ޕާލަމެންޓް މެންބަރުންގެ އަމަލުތައް ހުންނަ ގޮތާ މެދު ކަންބޮޑުވާ ކަމަށް ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް ސްރީ ލަންކާ އިން ބުނެފި އެވެ.
ޓްރާންސްޕޭރަންސީ ލަންކާ އިން ބުނީ ޕާލަމެންޓް މެންބަރުންނަށް ލިބިގެންވާ އިމްތިޔާޒުގެ ދަށުން ވެސް ޖިނާއީ ކުށްތައް ނުކުރެވޭނެ ކަމަށެވެ. އަދި އެ ފަދަ ކުށެއް ކޮށްފި ނަމަ ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ޕާލަމެންޓުގައި މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުންތަކުގައި މެންބަރުން ވަނީ ހަމަނުޖެހުން ހިންގައިފަ އެވެ. ވާދަވެރި ދެ ޕާޓީގެ މެންބަރުން މާރާމާރީ ހިންގި އިރު ހުކުރު ދުވަހުގެ ބައްދަލުވުމުގައި ވަނީ މިރުސް ފެން ޖަހައިފަ އެވެ.
ޓްރާންސްޕޭރަންސީ ލަންކާ އިން ބުނީ މިއީ ޖިނާއީ ކުށްތައް ކަމަށާއި އެފަދަ ކުށްތަކަށް އަދަބު ލިބެން ޖެހޭނެ ކަމަށެވެ. އަދި ޕާލަމެންޓް ޗެމްބަރުގައި ގާނޫނާ ޚިލާފަށް އުޅޭ މެންބަރުންނާ މެދު ފިޔަވަޅު އެޅުމަށް ޕާލަމެންޓުގެ ރައީސް އަށް ވަނީ ގޮވާލައިފަ އެވެ.
ޓްރާންސްޕޭރަންސީ ލަންކާގެ އެގްޒެކެޓިވް ޑިރެކްޓަރު އަސޯކާ އޮބޭސޭކަރަ ވިދާޅުވީ ރައްޔިތުންގެ މަންދޫބުން އެފަދަ ދަރަޖައަކަށް ދިއުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ.