ލަންކާ ޕާލަމެންޓް މިއަދު ވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވި
ލަންކާ ޕާލަމެންޓް މިއަދު ވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވި

ކޮލަމްބޯ (ނޮވެމްބަރު 19) - ލަންކާ ޕާލަމެންޓުގެ ބައްދަލުވުން މިއަދު ފެށިތާ ފަސް މިނިޓް ތެރޭ ހުއްޓާލަން ޖެހިއްޖެ އެވެ.

ޕާލަމެންޓް ތެރޭ މެންބަރުން މިދިޔަ ހަފުތާގައި މާރާމާރީ ހިންގި ފަހުން ފުރަތަމަ ފަހަރަށް ބޭއްވި ބައްދަލުވުން ހުއްޓާލަން ޖެހުނީ އެޖެންޑާއާ މެދު އެއްބަސްވުމަކަށް ނާދެވިގެންނެވެ. ޕާލަމެންޓުގެ ބައްދަލުވުމެއް ދެން އޮންނާނީ ހުކުރު ދުވަހު އެވެ.

ޕާލަމެންޓުން މީގެ ކުރިން ބޭއްވި ބައްދަލުވުންތަކުގައި ބޮޑު ވަޒީރު ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ހަމަޖެއްސި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ މައްޗަށް ވަނީ ދެ ފަހަރެއްގެ މަތިން އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ފާސްކޮށްފަ އެވެ. ނަމަވެސް އެއީ ގާނޫނާ ޚިލާފަށް ނެގި ވޯޓުތަކެއް ކަމަށް ބުނެ ސިރިސޭނާ އާއި ޖަޕަކްސާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

ސިރިސޭނާ އާއި ރާޖަޕަކްސާ އަދި ބޮޑު ވަޒީރުގެ މަގާމުން ދުރުކުރި ރަނިލް ވިކްރަމަސިންހަ ރޭ ބޭއްވި ބައްދަލުވުން ވަނީ ނާކާމިޔާބުވެގެން ނިމިފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބުނަމުން ދަނީ ދެ ބޮޑު ވަޒީރުންގެ ކޯޅުމުގެ ސަބަބުން ސަރުކާރުގެ މުއައްސަސާތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. ޚާއްސަކޮށް ޓޫރިޒަމް ސެކްޓާ ދަށަށްދާ ކަމަށް މެންބަރުން ވަނީ ފާހަގަކޮށްފަ އެވެ.