19 ނޮވެމްބަރ 2018 - 15:28

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އަމިއްލަ ފަރާތަކުން ޖަމާކުރި އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ)، ރިޔާސީ އިންތިޚާބުގެ ކުރިން އެ މަނިކުފާނު ހަވާލު ކުރެއްވި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
މި ފައިސާ އޭސީސީގެ ބެލުމުގެ ދަށަށް ގެންދިޔަކަން، ޔާމީންގެ ފަރާތްޕުޅުން އަދި އޭސީސީއަކުން ވެސް މިހާތަނަށް އާއްމުންނަށް ޔަގީންކޮށްދީފައެއް ނުވެ އެވެ. އެ ފައިސާ އަށް ވީ ގޮތް ހާމަކޮށްދޭން ގޮވާލައި މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް އެ މަނިކުފާނަށް ތުހުމަތުތަކެއް ކުރި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭ ތުހުމަތުތައް ކުރީގެ ރައީސް ޔާމީނަށް އަމާޒުވެފައި ވަނިކޮށް، އެ މަނިކުފާނުގެ އަމިއްލަފުޅު އެކަންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. އެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ހިއްސާދާރުންނާ ސުވާލު ނުކުރެވިގެން އެ މައްސަލަ އޭސީސީން ފައިލްކުރީ އެވެ.
އެކަމަކު، އެ ތަހުގީގު އެހެން ބައިތައް އަދިވެސް ކުރިއަށް އެބަދެ އެވެ.
"މިހާރު" އިން ކުރި ސުވާލަކާ ގުޅިގެން އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓުގައި ހުރި އެ ފައިސާ މިހާރު ވަނީ އޭސީސީގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެކަމަކު، އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތަހުގީގު ނުނިމޭތީ ތަފްސީލެއް ނުދެއްވި އެވެ.
"އެއް މިލިއަން ޑޮލަރު މިހާރު ވީ، އޭސީސީގެ ބެލުމުގެ ދަށުގައި ހުރި ވަކި އެކައުންޓެއްގައި،" މުއައްވިޒް ވިދާޅުވި އެވެ.
ޔާމީން މި ފައިސާ ހަވާލު ކުރެއްވުމުގެ ކުރިން، މާޗް، 14، 2018 ގައި ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ނޫސްވެރިންގެ ސުވާލަކާ ގުޅިގެން އެ ފައިސާ އޭސީސީގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވި އެވެ. އެކަމަކު، އޭސީސީން އޭރު ބުނީ އެ ތަނުގެ ބެލުމުގެ ދަށުގައި ފައިސާ ނެތް ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ފައިސާ ރައީސް ޔާމީން އޭސީސީއާ ހަވާލުކުރެއްވީ އޭގެ ފަހުން، މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.
ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ޖަމާކުރި މައްސަލަ ފައިލްކޮށް، އޭސީސީން ނެރުނު ރިޕޯޓުގައި ބުނީ ޔާމީންގެ ޑޮލަރު އެކައުންޓަކަށް ޕްރައިވެޓް ކުންފުންޏަކުން ދެ ފަހަރެއްގެ މަތިން ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އޮކްޓޯބަރު، 13، 2015 ގައި 500،000 ޑޮލަރު ޖަމާކުރުމަށް ފަހު އޮކްޓޯބަރު، 15، 2015 ގައި ވެސް 500،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި އިތުރަށް ކުރިއަށް ގެންދެވެން ނެތިގެން މައްސަލަ ފައިލްކުރީ، ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި ކުންފުނީގެ ހިއްސާދާރުން ތަހުގީގަށް ހާޒިރުކުރަން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ. އެސްއޯފްގެ ހިއްސާދާރުންގެ ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ހިމެނޭ އިރު، އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގު ފެށުމާއެކު އޭނާ ވަނީ ރާއްޖެ އިން ބޭރަށް ގޮސް، ފިލައިފަ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ބިން އަދި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 1.2 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް އޮޑިޓް އޮފީހުގެ ތަހުގީގަށް ފަހު އާއްމުކުރި ރިޕޯޓުގައިވެ އެވެ.