19 ނޮވެމްބަރ 2018 - 15:41

ދައުލަތުގެ ކުންފުނިތަކަށް 2013 އަހަރު ލިބެމުން އައި ވަރަށް ވުރެ މިހާރު ލިބޭ ފައިދާ އިތުރުވެފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނެފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީންކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕީބީސީގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ ކުންފުނިތަކުގެ ފައިދާ ބޮޑު ނަމަވެސް ދައުލަތަށް ދައްކާ ޑިވިޑެންޑް އިތުރު ނުވަނީ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ހިންގާތީ ކަމަށެވެ.
ދައުލަތުގެ ކުންފުނިތަކުގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ އޮންނަ ޕީބީސީގެ ވެރިން ބަޖެޓް ކޮމިޓީއަށް ހާޒިރުކުރަން ނިންމީ ބުދަދުވަހު ބޭއްވި ބައްދަލުުވުމުގަ އެވެ. އެގޮތަށް ނިންމީ ބަޖެޓް ހުށަހެޅި އިރު ދައުލަތުގެ ބައެއް ބޮޑެތި ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ދެއްކި އަދި ދައްކާނެ ކަމަށް ބުނެފައިވާ ފައިސާ މަދުކަމުން މިހާރުގެ ސަރުކާރަށް ތާއީދުކުރާ މެމްބަރުން އެދިވަޑައިގަތުމުންނެވެ. އަދި މިހާރު އިދިކޮޅު ޕާޓީ ޕީޕީއެމްގެ މެމްބަރުން ވެސް އެކަމަށް ތާއީދުކުރެއްވި އެވެ.
"ފާހަގަކުރެވޭ ގޮތުގައި އަޅުގަނޑުމެން މި ބަލަން ފެށި އިރުގައި އޯވަރޯލްކޮށް 2013 އާ ހަމަަޔަށް ބެލި އިރު ކުންފުނިތަކުން ލިބެމުން އައި ފައިދާއާ މިހާރު ލިބެމުން އަންނަ ފައިދާއަށް ބަލައިފި ކަމަށް ވަންޏާ ކުންފުނިތަކުން މިހާރު މި އަންނަ ފައިދާ މާ ބޮޑުވެގެން މިދަނީ،" ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ބޮޑު ހިއްސާއެއް އޮންނަ ނުވަތަ 100 ޕަސެންޓް ދައުލަތުގެ ކުންފުނިތަކުން ތަރައްގީގެ ބަައެއް މަޝްރޫއުތައް ހިންގަނީ ލިބެން އޮންނަ އެންމެ ބޮޑު ފައިދާ ލައިގެން ނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެވަރުގެ ޕްރޮޖެކްޓްތަކެއް ހިންގާތީ އޭނާ ވެސް ވަނީ ކުންފުނިތަކާ ސުވާލުކުރައްވައިފަ އެވެ. އަދި ލިބިވަޑައިގެންނެވި މައުލޫމާތުތަކަށް ބަލާއިރު، ނިޒާރު ވިދާޅުވީ، ކުންފުނިތަކުން އެކަހަލަ ޕްރޮޖެކްޓްތައް ހިންގަނީ ފައިދާގެ ގޮތުގައި އާންމުކޮށް ހިމަނާ 20 ޕަސެންޓް ނުވަތަ 15 ޕަސެންޓް ލައިފައި ނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އެ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރަމުން އައީ ސަރުކާރުން ކަނޑައަޅާ އަގެއްގަ އެވެ. އެ އަގުގައި އެމްޓީސީސީ ފަަދަ ކުންފުނިތަކުން ވަރަށް ބޮޑެތި މަޝްރޫއުތައް ވެސް ހިންގާފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި އަނެއް ކަމަކީ މަޝްރޫއުއެއް ނިމުން ލަސްވެގެން ކަނޑަން ޖެހޭ ފައިސާ ކަނޑާފައި ވެސް ބާކީ ބައި ލިބުން ލަސްވެ ނުވަތަ ނުލިބޭ މައްސަލަ އެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އެކަހަލަ ކަންތައްތަކާ ފިނޭންސް މިނިސްޓަރާ މަޝްވަރާކޮށް ވަކާލާތުކުރަން. އެކަހަލަ ކަންތައްތައް އެގޮތަށް ނުގެންދިއުމަށް ވެސް،" އޭނާ ވިދާޅުވި އެވެ.