19 ނޮވެމްބަރ 2018 - 11:13

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުން، ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ކެބިނެޓުގެ ބައެއް ވަޒީރުންނާ މެދު ހިތްހަމަނުޖެހި، ފާޑުކިއުން އަމާޒުވެފައި ވަނިކޮށް، އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރެއްވި ހުވަޔާ އެއްގޮތަށް، ތެދުވެރިކަމާއި ވަފާތެރިކަމާ އެކު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ވަޒީރުން ދެމިތިއްބަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އެ ޓުވީޓްގައި، އަލީ ޒާހިރު ވަނީ ވަޒީރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.
ރައީސް ވެރިކަމުގެ ހުވާކުރެއްވީ، ރައްޔިތުންގެ ވެރިކަމެއް ގާއިމްކޮށްދެއްވައި ކުރިއެރުމާއި ގައުމުގެ ހަމަޖެހުމާއި އަމާންކަމަށް ގިނަ ވައުދުތަކަކާ އެކުގަ އެވެ. އެ ވައުދުތަކުގެ ތެރެއިން ވެރިކަމުގެ 100 ދުވަހުގެ ޕްލޭނެއްގެ އެކުލަވާލައި، ވަޒީރުންނަށް ވަނީ މަސްއޫލިއްޔަތުތަކެއް ހަވާލުކުރައްވައިފަ އެވެ.
ރައީސް ކެބިނެޓް އެކުލަވާލެއްވީ، ސަރުކާރުގައި ހިއްސާވާ ނިސްބަތުން، ކޯލިޝަންގައި ފޮނުވި ނަންތަކުގެ ތެރެއިންނެވެ.
މި ސަރުކާރުގައި 19 މިނިސްޓްރީއެއް ހިމެނޭއިރު ރައީސާއި ނައިބު ރައީސާއި އެޓާނީ ޖެނެރަލާ އެކު ކެބިނެޓުގައި ހިމެނިވަޑައިގަންނަވަނީ 22 ބޭފުޅުންނެވެ. ކެބިިނެޓް އެކުލަވާލެއްވީ އެމްޑީޕީ އަށް 40 ޕަސެންޓު، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް 15 ޕަސެންޓު ހިއްސާވާ ގޮތަށެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ ކެބިނެޓުގައި ތިއްބަވާނީ ތައުލީމާއި ތަޖުރިބާގެ ގޮތުން ގާބިލް، އިޚްލާސްތެރި ބޭފުޅުންނެވެ. އެކަމަކު މި ސިފަތަކާ ފުށުއަރާ، ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް ބުނެ ކޯލިޝަން ޕާޓީތަކުގެ އާއްމު މެމްބަރުން ހިމެނޭ ގޮތަށް އާއްމުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
ކެބިނެޓުގައި، ބައެއް މިނިސްޓްރީތަކަށް އައްޔަން ކުރެއްވި ވަޒީރުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މަސްލަހަތު ފުށުއެރުންތަކެއް ހުރުމުގެ އިތުރުން، ބައެއް ބޭފުޅުންގެ ގާބިލްކަމާ މެދު ސުވާލު އުފައްދަ އެވެ.