20 ނޮވެމްބަރ 2018 - 07:53

ކުރިއަށް އޮތް ތަނުގައި ނެޓްފްލިކްސް އިން ގެނެސްދޭނީ ހަމައެކަނި ބޮޑެތި މީހުންނަށް ހާއްސަ އުފެއްދުންތަކެއް ނޫނެކެވެ. ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަކޮށްގެން ގެނެސްދޭ އުފެއްދުންތައް ހަދައި، މަގުބޫލުކަން ހޯދަން ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ކުންފުނިން މިހާރު ވަނީ ފޫގަޅައިފަ އެވެ.

އެގޮތުން ކުޑަކުދިންނާ ގުޅޭ އުފެއްދުންތަކެއް ތައްޔާރުކުރަން ވަރުގަދަ ބައެއް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާ އެކު ވަނި އަތުގުޅާލައިފަ އެވެ. އޭގެ ތެރޭގައި މި އަހަރު ބޭއްވި 90 ވަނަ އޮސްކާ އެވޯޑްގެ އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމު ހޯދި ގްލިމޯ ޑެލް ޓޯރޯ ވެސް ހިމެނެ އެވެ. ނެޓްފްލިކްސްއާ އެކު އެއްބަސްވުންތައް ހަދާފައިވާ ފަންނާނުންތަކު ގެ ތެރޭގައި ނޯރާ ވޮމީ (ދަ ސީކްރެޓް އޮފް ކެލްސް) އާއި "ދަ ބުކް އޮފް ލައިފް" ގެނެސް ދިން ޖޯޖް ގުޓިރޭޒް ހިމެނެ އެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި "ކުންގް ފޫ ޕެންޑާ 2" ފަދަ އެނިމޭޓެޑް ފިލްމުތައް ގެނެސް ދިން މާކް އޮސްބޯން މިހާރު ވަނީ ނެޓްފްލިކްސް އަށް އެނިމޭޓެޑް ފިލްމެއް ހަދަން ސޮއިކޮށްފަ އެވެ.
އޭގެ ނަމަކީ "އެސްކޭޕް ފްރޮމް ހެޓް" އެވެ. މިއީ ލިޔުންތެރިޔާ އެޑަމް ކްލައިން ހަމަ އެ ނަމުގައި ލިޔެފައިވާ ވާހަކަ އަށް ބިނާކޮށް ހަދާ ފިލްމެކެވެ. ހިޔާލީ ދުނިޔެއްގެ ތެރޭގައި އުޅޭ މުސަޅެއްގެ ވާހަކަ ކިޔައިދޭ "އެސްކޭޕް ފްރޮމް ހެޓް" ގެ ސްކްރީންޕްލޭ ލިޔަނީ މާކް އާއި އެޑަމް އެވެ.
ދެހާސް ފަނަރައިގައި "ދަ ލިޓްލް ޕްރިންސް" ވެސް ގެނެސް ދިން މާކް ނެޓްފްލިކްސް އަށް ހަދާ މި އެނިމޭޓެޑް ފިލްމު ސްޓްރީމް ކުރާނީ 2022 ގަ އެވެ. އަންނަ އަހަރު ނެޓްފްލިކްސް އިން ގެނެސް ދޭން ނިންމާފައިވާ އެނިމޭޓެޑް ފިލްމުތަކުގެ ތެރޭގައި "ކްލައުޒް" ހިމެނެ އެވެ.
މީގެ ކުރިން ފިލްމުތަކެއްގެ ގޮތުގަ އާއި ޓީވީ ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދީފައިވާ "ދަ ސެއިންޓް" ރިބޫޓް ވާޝަނެއް ގެނެސް ދޭން ނިންމައި، އޭގެ ލީޑް ރޯލް މަޝްހޫރު އެކްޓަރު ކްރިސް ޕްރެޓަށް ހުށަހަޅައިފި އެވެ.
ނަމަވެސް "ގާޑިއަން އޮފް ދަ ގެލެކްސީ" އާއި "އެވެންޖާޒް: އިންފިނިޓީ ވޯ" ފަދަ ފިލްމުތައް ކުޅެފައިވާ އެކްޓަރު އަދި އެ ފިލްމަށް ރަސްމީކޮށް ސޮއި ކުރިކަން ކަށަވަރެއް ނުވެ އެވެ. "ދަ ސެއިންޓް" ބެލުންތެރިންނަށް ގެނެސް ދޭނީ ޕެރަމައުންޓް ޕިކްޗާޒުންނެވެ.
"ދަ ސެއިންޓް" ފިލްމެއްގެ ގޮތުގައި އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 1997 ގަ އެވެ. އެ ފިލްމުގައި ލީޑް ރޯލް ކުޅުނީ ވަލް ކިލްމާ އާއި އެލިޒަބަތު ޝުއީ އެވެ. "ސެއިންޓް" ގެ އާ ރިބޫޓް ކްރިސް އަށް ހުށަހެޅި ނަމަވެސް ފިލްމާ ބެހޭ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ކްރިސް، 39، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރު ރިލީޒް ކުރާ "އެވެންޖާޒް" ގެ ހަތަރު ވަނަ ފިލްމާއި "ދަ ކިޑް" އަދި "ކައުބޯއި ނިންޖާ ވައިކިން" ހިމެނެ އެވެ.
އިންޑިއާގައި މިހާރު ޝޫޓް ކުރަމުން އަންނަ ރުސޯ ދެބޭންގެ ފިލްމު "ޑާކާ" ގެ ކާސްޓާ ޑޭވިޑް ހާބާ ވެސް ގުޅިއްޖެ އެވެ.
މި ފިލްމުގެ ޝޫޓިން ކްރިސް ހެމްސްވޯތުއާ އެކު އިންޑިއާގައި ކުރިއަށްދާތާ މިހާރު ދެ ހަފުތާ އަށް ވުރެ ގިނަ ވެދާނެ އެވެ. ޑޭވިޑް ފިލްމުގެ ކާސްޓަށް އިތުރުވެގެން ދިޔަ އިރު، ބޮލީވުޑްގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ރަންދީޕް ހޫޑާ އާއި މަނޯޖް ބަޖްޕާއީ ވެސް "ޑާކާ" އިން ފެނިގެން ދާނެ އެވެ.
ޖޯއީ އެންތަނީ ރުސޯ ޕްރޮޑިއުސް ކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ ކްރިސް އިވަންސް ކުޅޭ ކެޕްޓަން އެމެރިކާގެ ބޮޑީ ޑަބަލްއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ސޭމް ހާގްރޭވް އެވެ. "ޑާކާ" އަކީ އޭނާގެ އަލަތު ޑައިރެކްޝަނެވެ.
ޖޯއީ އާއި އެންތަނީގެ ސްކްރިޕްޓަކަށް ނެޓްފްލިކްސް އިން ހަދާ ފިލްމުގައި ކިޔައި ދޭނީ އަންޑަވޯލްގައި ހިންގާ ހަތިޔާރާއި މީހުން ޓްރެފިކް ކުރުމުގެ ކަންތައްގަނޑެކެވެ.
ދެހާސް ސޯޅަ ވަނަ އަހަރު "މޫންލައިޓް" އިން އޮސްކާ ހޯދި ހުނަރުވެރި ޑައިރެކްޓަރު ބެރީ ޖެންކިންސް އަނެއްކާ ވެސް އުންމީދީ ފިލްމެއް ބެލުންތެރިންނަށް ގެނެސް ދޭން ތައްޔާރުވެއްޖެ އެވެ.
އޭނާގެ އާ ފިލްމަކީ 1974 ގައި ޖޭމްސް ބޯލްޑްވިން ގެނެސް ދިން ވާހަކަ "އިފް ބިއެލް ސްޓްރީޓް ކުޑް ޓޯކް" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
އެންމެ 12 މިލިއަން ޑޮލަރުގެ ބަޖެޓަކުން ފިލްމު ހަދައި ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން ތައްޔާރުވާ އިރު، މި އަހަރުގެ ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި އިފް ބިއެލް ސްޓްރީޓް ކުޑް ޓޯކް" ވަނީ ޕްރިމިއާކޮށްފަ އެވެ.
މި ރޮމޭންޓިކް ޑްރާމާ އާންމުކޮށް ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ މަހުގެ 14 އިން ފެށިގެންނެވެ.
"އިފް ބިއެލް ސްޓްރީޓް ކުޑް ޓޯކް" ގެ ކާސްޓުންގެ ތެރޭގައި ޕެޑްރޯ ޕާސްކަލް، ކިކީ ލޭން، ސްޓެފެން ޖޭމްސް، ކޮލްމަން ޑޮމިންގޯ، މައިކަލް ބީޗް އަދިި ޑޭވް ފްރާންކޯ ފަދަ ތަރިން ހިމެނެ އެވެ.