19 ނޮވެމްބަރ 2018 - 09:04

މެޑްރިޑް (ނޮވެމްބަރު 19) – އެތުލެޓިކޯ މެޑްރިޑް ދޫކޮށް ބާސެލޯނާ އަށް ނުދިޔަ އެއް ސަބަބަކީ ލިއޮނަލް މެސީގެ ފަހަތުން އޭނާގެ އެހީތެރިއެއްގެ ގޮތުގައި ހުންނަން ބޭނުންނުވުމުން ކަމަށް ވެދާނެ ކަމަށް ފޯވާޑް އެންޓޮއިން ގްރިޒްމަން ބުނެފި އެވެ.
މި ސީޒަނުގައި ގްރިޒްމަން ގެންދަން ބާސެލޯނާ އިން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. އަދި އޭނާ އެ ކްލަބާ ދެންމެދެންމެ ގުޅިދާނެހެން ހީވި ދަނޑިވަޅުތަކެއް ވެސް ދިޔަ އެވެ. އެކަމަކު ގްރިޒްމަން ނިންމީ އެތުލެޓިކޯގައި މަޑުކުރާށެވެ.
ފްރާންސާ އެކު މި އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ގްރިޒްމަން ބުނީ ބާސެލޯނާ އަށް ނޫނެކޭ ބުނުންވީ އުނދަގޫ ކަމަކަށް ކަމަށާއި އެކަމަކު އެތުލެޓިކޯ މެޑްރިޑުން ލިބުނު ސަޕޯޓުގެ ސަބަބުން އެ ކްލަބަށް ވަފާތެރިކަން އިހުސާސްކުރެވުނު ކަމަށެވެ.
"ވަރަށް އުނދަގޫވި. އަހަރެން ބޭނުންވެގެން އުޅުނީ ބާސެލޯނާ. އަހަންނަށް ގުޅާ އަދި މެސެޖް ވެސް ކުރި. އެކަމަކު ދެން އޮތީ އަހަރެން މުހިއްމު ދައުރެއް އަދާކުރާ އަދި އަހަރެން ވަށައިގެން ޓީމެއް ބިނާކުރަމުން އަންނަ ކްލަބެއް،" ގްރިޒްމަން ބުންޏެވެ.
އޭނާ ބުނީ މެސީގެ ފަހަތުގައި ހުންނަ ކުޅުންތެރިއެއްގެ ގޮތުގައި ހުންނަން ޖެހުމަކީ ވެސް އެ ނިންމުމަށް އަސަރުކުރި ކަމަށް ވެދާނެ ކަމަށާއި އެއީ ސީދާ ވިސްނި ގޮތަކަށް ވުރެ ބޮޑަށް ނޭގި ސިކުނޑި އަށް އައި ކަމެއް ކަމަށެވެ.
ގްރިޒްމަން ބުނީ އެތުލެޓިކޯ މެޑްރިޑުގައި އޭނާއާ އެކު ކުޅުންތެރިންނާއި އެ ކްލަބުގެ މީހުން އޭނާ މަޑުކުރުވަން މަސައްކަތްކުރުވި ކަމަށާއި އެ މީހުން އައިސް ވާހަކަ ދައްކައި އަދި މުސާރަ ވެސް ބޮޑުކޮށްދިން ކަމަށެވެ.
ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ބްރެޒިލްގެ ނޭމާ ވެސް އެ ބަދަލު ގެނައި އެއް ސަބަބަކީ މެސީގެ ހިޔަނިން ނުކުތުމެވެ. ބާސެލޯނާގައި ނޭމާ މޮޅަށް ކުޅުނަސް މެސީގެ މޮޅު ކުޅުމުގެ ސަބަބުން ނޭމާގެ ވިދުވަރަށް އަސަރުކުރި ކަމަށް އޭނާ ގަބޫލުކުރި އެވެ.