ސެލެރީ ޖޫސް މޮޅުކޮށްގެން ދައްކަނީ ރަނގަޅު ވާހަކައެއްތަ؟
ސެލެރީ ޖޫސް މޮޅުކޮށްގެން ދައްކަނީ ރަނގަޅު ވާހަކައެއްތަ؟

ކެއްކުމުގައި އާންމުކޮށް ބޭނުންކުރާ ތަރުކާރީއެއް ކަމަށްވާ ސެލެރީގެ ޖޫހުން އާދަޔާ ޚިލާފު ފައިދާތަކެއް ހަށިގަނޑަށް ކުރާ ކަމަށް ބުނެ މި ދުވަސްވަރު ސޯޝަލް މީޑިއާގައި ވަރަށް ގަދަޔަށް އެބަ ވާހަކަ ދެކެވެ އެވެ. ބުނަނީ، ހެނދުނު ހުސްބަނޑާ ހުރެ ސެލެރީ ޖޫސްތައްޓެއް ބޯ ނަމަ ބޮޑެތި ބަލިތަކުން ވެސް ސަލާމަތްވާނެ ކަމަށެވެ.

ނަފްސާނީ ބަލިތަކާއި، ދަރިމައިނުވުމާއި ހަމުގެ ބަލިތައް ސެލެރީ ޖޫހުން ރަނގަޅުވާ ކަމަށް އިންސްޓްގްރާމާއި އެހެން ސޯޝަލް ނެޓްވޯކްތަކުގައި އެބަ ކިޔަ އެވެ. އަދި މިއީ ކެންސަރުން ވެސް ރައްކާތެރިކޮށްދޭ އެއްޗެކޭ ވެސް ބުނެ އެވެ. ނަމަވެސް މިކަމުގެ ހަގީގަތަކީ ކޮބައިހެއްޔެވެ؟

"މަޝްހޫރު މީހެއް ނުވަތަ ސޯޝަލް މީޑިއާގައި އެތައް ހާސް ފޮލޯވަރުންނެއް ތިބޭ މީހުން، އެއްޗެއްގެ މޮޅުކަމުގެ ވާހަކަ ދައްކައިފި ނަމަ އެއީ މާ މޮޅު އެއްޗަކަށް ހަދައިގެން އެންމެން އެ ބޭނުންކުރުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ވެސް ނޫން،" ސީއެންއެން އަށް ލިޔުއްވާ ޑައެޓީޝަނެއް ކަމަށްވާ ލީޒާ ޑްރޭޔާ ވިދާޅުވި އެވެ.

ޑްރޭޔާ ވިދާޅުވީ ސޯޝަލް މީޑިއާގައި އެ ދެކެވޭ ވާހަކަތައް އެއީ ހަގީގަތެއް ނޫން ނަމަވެސް ސެލެރީ އަކީ ސިއްހަތަށް ފައިދާ ހުރި އެއްޗެއް ކަމަށެވެ. އޭނާ ވިދާޅުވީ ސިކުނޑީގެ އިންފްލެމޭޝަންތައް ކުޑަކުރުމަށާއި ހަނދާން ބަލިވުމުގެ މައްސަލަ އަށް ސެލެރީން ފައިދާކުރާ ކަމަށެވެ. މީގެ އިތުރުން ސެލެރީ އަކީ ކެލަރީ ވަރަށް މަދުކޮށް ހުރެފައި ފައިބަ އާއި ވިޓަމިން ސީ އާއި ވިޓަމިން ކޭ އިން މުއްސަނދިވެފައިވާ އެއްޗެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑްރޭޔާ ވިދާޅުވި ގޮތުގައި، ފަސް އިންޗީގެ ސެލެރީކޮޅެއްގައި ހުންނާނީ އެންމެ ތިން ކެލަރީ އެވެ. ކޮށާފައި ހުންނަ ސެލެރީގެ ޖޯޑެއްހާ އެއްޗެހީގައި ހުންނާނީ އެންމެ 20 ކެލަރީ އެވެ. އެކަމަކު މިއިން ޖޫސް ހެދުމުން ހަކުރުގެ މިންވަރު މަތިވެގެން ދާނެކަން ފާހަގަކުރެއްވި އެވެ.

"މިއީ ކާލުމުން ވަރަށް ހަކަތަ ލިބި ހައިކަން ފިލުވާލަދޭ އެއްޗަކަށް ވާތީ، ބަރުދަން ލުއިކުރަން މަސައްކަތްކުރާ މީހުންނަށް މި ރަނގަޅުވާނެ،" އޭނާ ވިދާޅުވި އެވެ.

ފައިދާތައް ވަރަށް ގިނަ ކަމުގައި ވިޔަސް ސޯޝަލް މީޑިއާގައި އެ ދައްކާ ވާހަކަތައް ކަށަވަރު ކުރާނެ ސައިންޓިފިކް އެއްވެއް ދިރާސާއެއް، ހެއްކެއް ނެތް ކަމަށްވާ ޑައެޓީޝަން ވިދާޅުވި އެވެ.