18 ނޮވެމްބަރ 2018 - 22:18

ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީއެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އިއްޔެ އެކުލަވާލައްވައި، އެ ކޮމިޓީ އަށް ހަތަރު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީއެއް ރައީސް އުފެއްދެވީ ސިޔާސީ މަގްސަދެއްގައި ޖިނާއީ ތުހުމަތެއްކޮށް، ހައްޔަރުކުރި މީހުން މިނިވަން ކުރުމަށް މަސައްކަތް ފެށުމުގެ ގޮތުން ކަމަށެވެ. ރައީސް އޮފީޙުން ބުނި ގޮތުގައި ކޮމިޓީ އެކުލަވާލީ އިއްޔެގަ އެވެ.
- ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
- ކޮމިޝަނާ އޮފް ޕޮލިސް ހަމްދޫން ރަޝީދު
- ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަހުމަދު އަބްދުﷲ އަފީފް
- ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު
ރިޔާސީ ދައުރުގެ ފުރަތަމަ ދުވަހު، ސިޔާސީ ހައްޔަރީން މިނިވަން ކުރުމުގެ މަސައްކަތް ފެއްޓެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވިއިރު ޖަލުގައި ތިއްބެވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް މުހުތާޒު މުހުސިނާއި މާމިގިލީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ނިހާނެވެ. އެކަމަކު، ކުއްލި ގޮތަކަށް މި ހަތަރު ބޭފުޅުން މިރޭ ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.
މީގެ އިތުރުން، ސިޔާސީ އެހެން ބައެއް ބޭފުޅުންގެ ހުކުމްތައް ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ މެންބަރު އަހުމަދު ނާޒިމާއި އެހެން ބައެއް ސިޔާސީ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.