ފްރާންސްގައި "ބުރްކިނީ" މަނާކުރުމުން އޭގެ ޑިމާންޑު ބޮޑުވެއްޖެ
ފްރާންސްގައި "ބުރްކިނީ" މަނާކުރުމުން އޭގެ ޑިމާންޑު ބޮޑުވެއްޖެ

މުސްލިމް އަންހެނުންނަށް ހާއްސަ ސްވިމްވެއާ "ބުރްކިނީ" ފްރާންސްގެ އެކި ހިސާބުތަކުގައި މަނާ ކޮށް، އެ އަޅާއިގެން އުޅޭ އަންހެނުން ޖޫރިމަނާކުރަން ފެށުމުން އަމާޒުވި ފާޑުކިޔުންތަކާ އެކު އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އެހެން ދީންތަކުގެ މީހުން ވެސް ބުކްރީނީ ލުން އިތުރުވެ އޭގެ ޑިމާންޑް ބޮޑުވެއްޖެ އެވެ.

ފްރާންސްގައި "ބުރްކިނީ" މަނާކުރުމުން އޭގެ ޑިމާންޑު ބޮޑުވެއްޖެ
ފްރާންސްގައި "ބުރްކިނީ" މަނާކުރުމުން އޭގެ ޑިމާންޑު ބޮޑުވެއްޖެ

ބުރްކިނީ އަކީ މޫނާއި އަތް އަދި ފައިތިލަ ފިޔަވައި ގައިގެ ހުރިހާތަނެއް ނިވާވާ ގޮތަށް، މޫދަށް އެރެން ފަރުމާކޮށްފައިވާ ސޫޓެކެވެ.

ފްރާންސްގައި ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު، ދީނީ ހަރުކަށި ވިސްނުމާ ދެކޮޅަށް ކަމަށް ބުނެ އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ބުރުގާ މަނާކޮށްފައި ވާއިރު ބުރްކީނީ ވެސް ވަނީ ބައެއް ހިސާބުތަކުގައި މަނާކޮށްފަ އެވެ. ބުރުގާ އަޅައިގެން މޫދަށް ގޮސް އުޅުނު މީހެއްގެ ބުރުގާ، ހަތިޔާރު އެޅި ފުލުހުން ބިރު ދައްކައިގެން ބާލުވާ މަންޒަރުގެ ފޮޓޯތަކެއް ވެސް އާންމު އެކަމަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. މި ހާދިސާތަކާ އެކު އެކި ގައުމުތަކުގައި ބުރްކީނީގެ ޑިމާންޑް ބޮޑުވެފައި ވާއިރު އިނގިރޭސިވިލާތުގައި އޮތް ޑިމާންޑު ވަކިން ބޮޑެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ރީޓެއިލް ފިހާރަ ޗެއިން މާކްސް އެންޑް ސްޕެންސާއިން މިއަހަރުގެ މާޗު މަހު ނެރުނު ބުރްކިނީ ކަލެކްޝަން ވިކި ހުސްވެއްޖެ ކަމަށް އެމީހުން ވަނީ ބުނެފަ އެވެ. މާކްސް އެންޑް ސްޕެންސާއިން ބުނީ ކަސްޓަމަރުން ބޭނުންވާ ހުރިހާ ވައްތަރެއްގެ ސްވިމްވެއާ ވެސް އުފައްދާ ކަމަށާއި ބުރްކިނީ ވިއްކާތާ 10 އަހަރު ވެއްޖެ ކަމަށެވެ. ބުރްކިނީ އަކީ މުސްލިމް އަންހެނުންނަށް ފަރުމާކޮށްފައިވާ ސޫޓަކަށްވިއަސް، ޣައިރު މުސްލިމުންވެސް ބުރްކިނީ ގަންނަކަން މާކްސް އެންޑް ސްޕެންސާ އިން ބުނެ އެވެ. ސްކިން ކެންސާ ފަދަ ބަލިތަކުން ހަންގަނޑު ސަލާމަތް ކުރަން ބުރްކިނީ އަކީ ވަރަށް ރަނގަޅު ސޫޓެއް ކަމަށް އެމީހުން ބުނެ އެވެ.

ބުރްކިނީއެއް ފުރަތަމަ ފަރުމާކޮށްފައި ވަނީ އަހީދާ ޒަނެއްޓީ އެވެ. އޭނާ މި ސޫޓު ފަރުމާކުރީ މީގެ 10 އަހަރު ކުރިންނެވެ. އަދި އޭނާގެ 40 ޕަސެންޓް ކަސްޓަމަރުންނަކީ ޣައިރު މުސްލިމުން ކަމަށް އޭނާ ބުނެފައިވެ އެވެ.

"ބުރްކިނީ އަކީ ހަމައެކަނި މުސްލިމުންނަށް ލެވޭނެ، މުސްލިމުން ރަމްޒުކުރާ އެއްޗެއް ނޫން،" އަހީދާ ބުނެފައި ވެ އެވެ.

ބުރްކިނީ ލެވޭނީ ވަކި ދީނެއް ގަބޫލުކުރާ، ވަކި ބައްޓަމަކަށް ހުންނަ ނުވަތަ ވަކި ކުލައެއް ހުންނަ ބަޔަކަށް ނޫންކަމަށް ވެސް އޭނާ ބުންޏެވެ.

"އެމީހަކު ބޭނުންވާ ވައްތަރެއްގެ ހެދުމެއް ލުމުގެ ފުރުސަތު އަންހެނުންނަށް ލިބެންޖެހޭނެ،" އޭނާ ބުނެފައިވެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމު އަންހެނުންނަށް ތާއީދުކޮށް ޣައިރު މުސްލިމުން ވެސް އެކި ގޮތްގޮތަށް ދަނީ ހިތްވަރު ދެމުންނެވެ. އަދި ބުރްކިނީ އަކީ ކޮންމެ މީހަކަށް ވެސް ލެވޭނެ އެއްޗެއްކަމަށާއި ބުރްކިނީ މަނާ ކުރުމަކީ ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށް އެ މީހުން ދަނީ ބުނަމުންނެވެ.