18 ނޮވެމްބަރ 2018 - 17:21

ތެލް އަވީވް (ނޮވެމްބަރު 18) - އަވަސް އިންތިޚާބެއް ބާއްވައިފި ނަމަ އިޒްރޭލަށް އެކަމުގެ ނުރައްކާ ބޮޑު ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
އިޒްރޭލުގެ ކެބިނެޓުގެ ބައްދަލުވުމަކަށް ފަހު ނަތަންޔާހޫ މިހެން ވިދާޅުވި އިރު ކޯލިޝަންގެ ބައެއް ޕާޓީތައް ވަނީ ސަރުކާރުން ވަކިވެފަ އެވެ. ކޯލިޝަން ސަލާމަތް ކުރެވޭތޯ ނަތަންޔާހޫ މިއަދު ވަނީ ފިނޭންސް މިނިސްޓަރާ ބައްދަލު ކުރައްވައިފަ އެވެ.
އިޒްރޭލުގައި ސިޔާސީ މައްސަލަގަނޑު ބޮޑުވީ ދިފާއީ ވަޒީރު އަވިގްދޯ ލީބަމަން މަގާމުން އިސްތިއުފާ ދިނުމުންނެވެ. އޭނާ އިސްތިއުފާ ދީފައި ވަނީ ގާޒާ އަށް ދޭ ހަމަލާތައް ހުއްޓާލަން ސެކިއުރިޓީ ކެބިނެޓުން އެއްބަސްވުމުންނެވެ.
ލީބަމަންގެ ޕާޓީ ކޯލިޝަނުން ވަކިވުމުން ނަތަންޔާހޫގެ ކޯލިޝަނަށް ޕާލަމެންޓުގެ މެޖޯރިޓީ އޮޓީ އެއް ގޮނޑީގެ ތަފާތުންނެވެ. ކޯލިޝަން ސަލާމަތް ކުރެވޭތޯ އެޑިއުކޭޝަން މިނިސްޓަރުގެ ޕާޓީއާ އެކު ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުން ނަތީޖާއެއް ނުކުމެފައެއް ނުވެ އެވެ. އެޑިއުކޭޝަން މިނިސްޓަރު ވަނީ އޭނާ އަށް ދިފާއީ ވަޒީރުކަން ނުދޭ ނަމަ ކޯލިޝަނުން ވަކިވާނެ ކަމުގެ އިންޒާރު ދީފަ އެވެ. ކޯލިޝަނުގައި ތިން ވަނަ އަށް އެންމެ ބޮޑީ އެޑިއުކޭޝަން މިނިސްޓަރުގެ ޕާޓީ އެވެ.
އިޒްރޭލުގެ ކޯލިޝަން ސަރުކާރު ވެރިކަމަށް އައީ މާޗް 2015 ގަ އެވެ.