18 ނޮވެމްބަރ 2018 - 16:42

އައްޑޫގައި މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނި ގޮތުގައި އެ ހާދިސާގައި މަރުވީ އުމުރުން 18 އަހަރުގެ އަހުމަދު ޖައިޝަން، ގއ. ދާންދޫ ޖަވާހިރުމާގެ، އެވެ. އޭނާ މޫދުން ނަގައިގެން އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އައްޑޫ ގައުކެޑެ ކޯޒްވޭ ކައިރިން މޫދަށް އެރި އުޅުނު ތިން ކުދިންގެ ތެރެއިން އުމުރުން 18 އަހަރުގެ އެ ޒުވާނާ ގެއްލުނީ އޮޔާ ދަމައިގަނެގެން ކަމަށެވެ. އަދި ބުނީ ޖައިޝަން ގެއްލިގެން ރިޕޯޓް ކުރުމުން އޭނާ ހޯދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ކުރި މަސައްކަތުން އޭނާ ފެނިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.