އިންޑިއާ އަށް އެރި ތޫފާނުގައި 33 މީހުން މަރުވެއްޖެ
އިންޑިއާ އަށް އެރި ތޫފާނުގައި 33 މީހުން މަރުވެއްޖެ

ޓަމިލް ނާޑޫ (ނޮވެމްބަރު 18) - އިންޑިއާގެ އިރުމަތީގެ ހިސާބުތަކަށް އެރި ބާރުގަދަ ތޫފާނުގައި 33 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ތޫފާން ގާޖާ ޓަމިލް ނާޑޫ ސްޓޭޓަށް އެރި އިރު ވައި ޖެހުމުން ދިޔައީ ގަޑިއަކު 120 ކިލޯ މީޓަރު (75 މޭލު) ބާރު މިނުގަ އެވެ. ތޫފާނުގައި ގިނަ އަދަދެއްގެ ގަހާއި ގެ ވަނީ ވެއްޓިފަ އެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުވެފަ އެވެ.

"ތޫފާނުގައި މިހާތަނަށް 20 ފިރިހެނުންނާއި 11 އަންހެނުން އަދި ކުޑަ ދެ ކުދިން ވަނީ މަރުވެފައި،" ޓަމިލް ނާޑޫ ސްޓޭޓުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 351 ކޭމްޕްގައި 177،500 މީހުން އެބަތިބި ކަމަށެވެ. ގިނަ މީހުން މަރުވީ ފެންބޮޑުވުމުންނާއި ގޭގެ ވެއްޓެމުންނާއި ކަރަންޓުގައި ޖެހިގެންނެވެ.

ޗީފް މިނިސްޓަރު އެޑައްޕަޑި ޕަލަނިސްވާމީ ވިދާޅުވީ މަރުވި ކޮންމެ މީހެއްގެ އާއިލާ އަށް ބަދަލެއްގެ ގޮތުގައި 14،000 ޑޮލަރު ދޭނެ ކަމަށެވެ.

އެހީ ދިނުމުގެ މަސައްކަތުގައި ދަނީ ކަނޑުގެ ސިފައިންގެ ހެލިކޮޕްޓަރަކާއި ދެ މަނަވަރު ބޭނުން ކުރަމުންނެވެ. އިންޑިއާގެ މޫސުމާ ބެހޭ އޮފިޝަލުން ލަފާ ކުރާ ގޮތުގައި ތޫފާނުގެ މިސްރާބު އިއްޔެ ހުރީ ދެކުނުގެ ކެރަލާ ސްޓޭޓާ ދިމާލަށެވެ.

މިދިޔަ އަހަރު ކުރިމަތިވި ތޫފާން އޮކީގައި ޓަމިލް ނާޑޫ އާއި ކެރަލާ އިން ވަނީ 250 މީހުން މަރުވެފަ އެވެ.