18 ނޮވެމްބަރ 2018 - 16:18

އިއްޔެ މަގާމުގެ ހުވާ ކުރެއްވި އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ސިފައިންގެ އިސް ވެރިންނާ ފުރަތަމަ ފަހަރަށް މިއަދު ބައްދަލު ކުރައްވައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއީ މިނިސްޓަރު މާރިޔާ އާއި އެ ތަނުގެ އިސް ވެރިން ތައާރަފްވުމަށްޓަކައި ބޭއްވެވި ބައްދަލުވުމެއް ކަމަށެވެ. ބަނޑާރަ ކޮށީގައި ބޭއްވި މި ބައްދަލުވުމުގައި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި ތަފާތު ޔުނިޓްތަކާއި ސެކްޝަންތަކުގެ ކޮމާންޑަރުން ބައިވެރިވި އެވެ.
މާރިޔާ އަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރެވެ. ހަތް އަންހެން ބޭފުޅުންނާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވައިލެއްވި 19 މިނިސްޓަރުންގެ ކެބިނެޓަކީ، އަންހެން މިނިސްޓަރުން އެންމެ ގިނަ ކެބިނެޓެވެ.