18 ނޮވެމްބަރ 2018 - 14:37

ބިއުނަސް އޭރީޒް (ނޮވެމްބަރު 18) - މީގެ އަހަރެއްހާ ދުވަސް ކުރިން ގެއްލުނު އާޖެންޓީނާގެ އަރާ ސެން ހުއާ ސަބްމެރިން އެޓްލާންޓިކް ކަނޑު އަޑިން ހޯދީ އެމެރިކާގެ އޯޝަން އިންފިނިޓީގެ ސީބެޑް ކޮންސްޓްރަކްޓާ އިން ކަމަށް އޮފިޝަލުން ބުނެފި އެވެ.
ސީބެޑް ކޮންސްޓްރަކްޓާ އިން ސެން ހުއާން ސަބްމެރިން ހޯދުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހު އެވެ. ސީބެޑް ކޮންސްޓްރަކްޓާގައި ވަނީ ކަނޑުގެ 6،000 މީޓަރު އަޑި ބެލޭވަރުގެ ކެމެރާ ހަރުކޮށްފަ އެވެ. ސަބްމެރިން ހޯދުމުން އޯޝަން އިންފިނިޓީ އަށް 7.5 މިލިއަން ޑޮލަރު ލިބޭނެ އެވެ.
ސަބްމެރިން ހޯދާފައި ވަނީ އެޓްލާންޓިކް ކަނޑުގެ 800 މީޓަރު (2،600 ފޫޓު) އަޑިންނެވެ. ސަބްމެރިން ހޯދަން އާޖެންޓީނާ އިން ވަނީ 25 މިލިއަން ޑޮލަރު ޚަރަދު ކޮށްފަ އެވެ.
އޯޝަން އިންފިނިޓީން ވަނީ ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ބޯޓު އެމްއެޗް370 ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ. އެމްއެޗް370 ހޯދުމަށް އޯޝަން އިންފިނިޓީން ވަނީ އިންޑިއާ ކަނޑުގެ ދެކުނުން ކުރިން ބެލި ސަރަހައްދުގެ އުތުރުން 80،000 އަކަ ކިލޯމީޓަރު (30،888 އަކަ މޭލު)ގެ ސަރަހައްދެއް ބަލައިފަ އެވެ. ބޯޓު ހޯދަން ވަނީ އަށް މިނީ ސަބްމެރިން ބޭނުންކޮށްފަ އެވެ.
އަގު ދިނުމަށް އެއްބަސްވެފައި ވަނީ ބޯޓު ފެނިއްޖެ ނަމަ ބޯޓު ފެނުނު ސަރަހައްދަށް ބަލައިފަ އެވެ. އެ ގޮތުން 5،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދަކުން ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭނީ 20 މިލިއަން ޑޮލަރެވެ. ބޯއިން 777 ބޯޓު 25،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދުން ބޭރުން ފެނިއްޖެ ނަމަ ދޭނީ 70 މިލިއަން ޑޮލަރެވެ. ބޯޓު ނުފެނިއްޖެ ނަމަ އެއްވެސް ފައިސާއެއް ދޭކަށް ނުޖެހޭނެ އެވެ. މެއި 29 ވަނަ ދުވަހު މަސައްކަތް ހުއްޓާލި އިރު ބޯޓު ފެނިފައެއް ނުވެ އެވެ.
އަރާ ސަން ހުއާން ސަބްމެރިން ނޮވެމްބަރު 15، 2017 ގައި ގެއްލުނީ އާޖެންޓީނާގެ 430 ކިލޯ މީޓަރު (270 މޭލު) ބޭރަށެވެ. ސަބްމެރިން ހޯދުމުގެ މަސައްކަތް އާޖެންޓީނާ ސިފައިން ހުއްޓާލީ ދެ ހަފުތާގެ މަސައްކަތަށް ފަހު އެވެ.
ޑީސަލް-އިލެކްޓްރިކް ސަބްމެރިން ގެއްލުނީ ދެކުނު އެމެރިކާގެ އެންމެ ދެކުނު ކޮޅުގައި އޮންނަ އުޝުއައިއާ އަށް ކުރި ދަތުރަކަށް ފަހު އާޖެންޓީނާގެ ވެރިރަށުގެ ދެކުނުން އޮންނަ ސަބްމެރިންގެ ބަނދަރަށް ދަތުރު ކުރަނިކޮށެވެ. ޖަރުމަނުގައި ބަނދެފައިވާ ސަބްމެރިން ޚިދުމަތަށް ނެރެފައި ވަނީ 1983 ވަނަ އަހަރު އެވެ. ގެއްލިފައި ވަނީ އާޖެންޓީނާގެ ކަނޑުގެ ސިފައިންގެ ފްލީޓުގައި އޮތް ތިން ސަބްމެރިންގެ ތެރޭން އެންމެ އާ ސަބްމެރިން އެވެ.
ސަބްމެރިންގައި ތިބި 44 ފަޅުވެރިންގެ ތެރޭން އެކަކު ފިޔަވައި ދެން މުޅިން ވެސް ތިބީ ފިރިހެނުންނެވެ. ސަބްމެރިންގައި ހުރި ހަމައެކަނި އަންހެނަކީ 35 އަހަރުގެ އޮފިސަރު އެލިއާނާ މާރިއާ ކްރޯޒީކް އެވެ. ކަނޑުމަތީގައި އުޅޭލެއް ގިނަ ކަމުން އޭނާ މަޝްހޫރުވެފައި ވެސް ވަނީ "ކަނޑުގެ ރާނީގެ" ގޮތުގަ އެވެ.