ކުޅިވަރު ވައުދު: ޕޫލެއް އެޅުމާއި މުސާރައިގެ ފަރަގު ނައްތާލުން
ކުޅިވަރު ވައުދު: ޕޫލެއް އެޅުމާއި މުސާރައިގެ ފަރަގު ނައްތާލުން

އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލް ކޮމްޕެލްސްއެއް މާލެ ސަރަހައްދުގައި އަޅައި އަދި ގައުމީ ޓީމުތަކުގެ މުސާރައިގެ ފަރަގުތައް ކުރިއަށް އޮތް 90 ދުވަސްތެރޭ ނައްތާލަން އާ ސަރުކާރުން ވައުދުވެއްޖެ އެވެ.

ކުޅިވަރު ވައުދު: ޕޫލެއް އެޅުމާއި މުސާރައިގެ ފަރަގު ނައްތާލުން
ކުޅިވަރު ވައުދު: ޕޫލެއް އެޅުމާއި މުސާރައިގެ ފަރަގު ނައްތާލުން

އިއްޔެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރައްވާނެ ކަންކަމުގެ ތެރޭގައި ކުޅިވަރުގެ ދާއިރާ އިން ޖުމްލަ ހަތް ކަމެއް ހިމެނެ އެވެ.

ކުޅިވަރު ވައުދު: ޕޫލެއް އެޅުމާއި މުސާރައިގެ ފަރަގު ނައްތާލުން
ކުޅިވަރު ވައުދު: ޕޫލެއް އެޅުމާއި މުސާރައިގެ ފަރަގު ނައްތާލުން

އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލެއް އެޅުމަކީ ރާއްޖޭގައި ރަސްމީ ސިފައެއްގައި ފެތުމުގެ މުބާރާތްތައް ބާއްވަން ފެށީއްސުރެ ފެތުންތެރިން ދެކެމުން އައި ހުވަފެނެކެވެ. ގައުމީ އެތުލެޓިކްސް ޓީމުގެ ފަރިތަކުރުންތަކާއި އަދި މުބާރާތްތައް ވެސް ބާއްވަމުން އަންނަނީ މާލޭ ދެކުނު ފަރާތު ފަޅުތެރޭގަ އެވެ. ލޮނުގައި ފަރިތަކުރުމަށް ފަހު ޕޫލުގައި ބާއްވާ މުބާރާތްތަކުގައި ވާދަކުރަން ޖެހުމުން އޭގެ ސަބަބުން ޕާފޯމަންސަށް އަސަރުކުރެ އެވެ. އެއަށް ވުރެ ބޮޑަށް ވެސް ފެތުންތެރިންގެ ޝަކުވާ އަކީ ކުނިބުންޏާއި ތެޔޮ އެޅި ކިލަނބުވެފައިވާ އަދި މާލޭގެ އާއްމުންނަށް ވެސް ބޭނުންކުރަން އޮންނަ ތަނެއްގައި ފަތައި މުބާރާތްތަކުގައި ވާދަކުރަން ޖެހުމެވެ. އަދި އެތަނުގައި މުބާރާތް ބާއްވާއިރު އިދާރީ ކަންކަމާއި އިނާމް ދިނުން ބާއްވަން ޖެހެނީ ޕޭމަންޓްމަތީގައި ނުވަތަ މަގުމަތީގަ އެވެ.

ފެތުމަކީ ރާއްޖޭގައި މަތީ ފަންތީގައި ވާދަކުރާ ކުޅިވަރުތަކުގެ ތެރެއިން އެކަށީގެންވާ ވަސީލަތެއް ނުލިބޭ ހަމައެކަނި ކުޅިވަރެވެ. މީގެ އިތުރުން ފަހަކަށް ރާއްޖޭގެ ފެތުންތެރިން ބައިނަލްއަގްވާމީ މައިދާނުގައި ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު، ރަނގަޅު ފެންވަރުގެ ވަސީލަތެއް އެ އެތުލީޓުންނަށް ފުރިހަމަކޮށްދޭން ކުޅިވަރުގެ ވަރަށް ގިނަ ފަރާތްތަކުން އައީ ގޮވާލަމުންނެވެ.

އާ ސަރުކާރުން ސްވިމިން ބޮޑު ކޮމްޕްލެކްސް އެއް އަޅަން ވައުދުވިއިރު ކުރީގެ ސަރުކާރުގެ ޕްރޮޖެކްޓެއްގެ ދަށުން އެޗްޑީސީން ހުޅުމާލޭގައި ބިނާކުރަމުން އަންނަ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގައި ވެސް ޕޫލެއް އޮންނާނެ އެވެ. އެކަމަކު އެތަން ބޭނުންކުރެވޭނީ ތަމްރީންތަކަށެވެ. ސަބަބަކީ މުބާރާތް ބާއްވާ ނަމަ ވޯމްއަޕް ޕޫލެއް އޮންނަން ޖެހުމާއި އަދި ވަކި މިންތަކެއް ވެސް ހަމަވާން ޖެހުމެވެ. އާ ސަރުކާރުގެ ވައުދުގައި ހިމެނޭ ޕޫލް ކޮމްޕްލެކްސް ހަދަނީ މާލެ ނުވަތަ ހުޅުމާލެ ކަމެއް އަދި ނޭގެ އެވެ.

ވައުދުތަކުގެ ތެރޭގައި ދެން ހިމެނޭ މުސާރައިގެ ފަރަގުތައް ނައްތާލުމަކީ ސީދާ ގޮތުން ރާއްޖޭގެ ހުރިހާ ގައުމީ ފެންވަރުގެ ކުޅުންތެރިންނާއި އެތުލީޓުންނާ ގުޅުން ހުރި ކަމެކެވެ. އެގޮތުން ސަރުކާރުން ވަނީ އަންހެން އަދި ފިރިހެން ޓީމުތަކަށް ދެވޭ މުސާރައިގެ ފަރަގުގެ އިތުރުން ދޭދޭ ކުޅިވަރުތަކުގައި ހުރި ފަރަގުތައް ނައްތާލެކަން އިއުލާންކޮށްފަ އެވެ. މާނައަކީ ފިރިހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އަންހެން ފުޓްބޯޅަ ކުޅުންތެރިންނަށް ވެސް އެއް މުސާރައެއް ލިބުނެވެ. އަދި ފުޓްބޯޅަ އާއި ވޮލީބޯޅަ ފަދަ ބޮޑެތި ކުޅިވަރުތަކުގެ ކުޅުންތެރިންނަށް ލިބޭ މުސާރަ ކުދި ސްކޭލްތަކުގެ ކުޅިވަރު ކުޅުންތެރިންނަށް ވެސް ލިބުމެވެ.

މީގެ އިތުރުން ރާއްޖޭގެ ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް ވެސް މަދުވެގެން 500،000ރ. ބަޖެޓެއް ހަމަޖައްސައިދޭން ވަނީ ވައުދުވެފަ އެވެ. ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކަށް އެެެއަށް ވުރެ ބޮޑު ބަޖެޓެއް މިހާރު ވެސް ލިބެ އެވެ. އެކަމަކު ކޮންމެ އެސޯސިއޭޝަނަކަށް ވެސް ލިބޭނެ އެންމެ ކުޑަ މިންވަރު ކަނޑައެޅުމުން ކުދި އެސޯސިއޭޝަންތަކަށް ވަރަށް ބޮޑު ފައިދާއެއްކުރާނެ އެވެ.

ދެން ހިމެނޭ ވައުދުތަކުގެ ތެރޭގައި މުޅި ރާއްޖޭގައި ކުޅިވަރު އޯޑިޓެއް ހެދުމާއި މޫދު ކުޅިވަރުގެ ކޮންވެންޝަނެއް ބޭއްވުން ހިމެނެ އެވެ. އެމްޑީޕީގެ ބޮޑު އިންސައްތައެއް އޮވެގެން އުފެއްދި ސަރުކާރުން ރާއްޖޭގައި މޫދު ކުޅިވަރު އާލާކުރަން ބޮޑު މަސައްކަތެއް ފެށިއިރު އެ ޕާޓީގެ ސަރުކާރުން 2010 ވަނަ ރާއްޖޭގައި ބައިނަލްއަގްވާމީ ބީޗް ގޭމްސް ބާއްވަން ރާވައި މަސައްކަތް ވެސް ފެށި އެވެ.

އާ ސަރުކާރުގެ ކުޅިވަރު ވައުދުތަކުގެ ތެރޭގައި ޕްރޮފެޝަނަލް އެތުލީޓުންގެ އިތުރުން އާއްމުންނާ ގުޅޭ ކަންކަން ހިމެނެ އެވެ. އޭގެ ތެރޭގައި ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުވުމަށާއި ރޫފަ ރަނގަޅު މުޖުތަމައުއެއް ބިނާކުރުމަށް ކޮންމެ ރަށެއްގައި ހުނަރު ލިބިފައިވާ ސްޕޯޓްސް ކައުންސިލަރެއް ހަމަޖައްސަން ވަނީ ވައުދުވެފަ އެވެ.

މީގެ އިތުރުން ދުޅަހެޔޮ ހަށިހެޔޮ އީދު މުޅި ރާއްޖޭގައި ބާއްވަން ވަނީ ރާވައިފަ އެވެ. އެއީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން އާއްމުންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ ކުޅިވަރު ހަރަކާތްތަކެވެ. އޭގެ ފުރަތަމަ ހަރަކާތް އޮންނާނީ މިއަދާއި މާދަމާ އެވެ.

އާ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރަކީ ކުރިން އެ ވުޒާރާގައި މަސައްކަތްކުރައްވާފައިވާ އަހުމަދު މަހުލޫފެވެ. ކުރިން ފުޓްބޯޅަ ކުޅުއްވައި އަދި ކޯޗުކަން ވެސް ކުރެއްވި މަހުލޫފު ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކުރައްވައިފަ އެވެ. އެގޮތުން ރާއްޖޭން ފުޓްބޯޅައިން ހޯދި އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށްވާ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ހޯދީ އޭނާގެ މެނޭޖަރުކަމުގެ ދަށުންނެވެ.