މައްސަލަ ހައްލު ކުރެވޭތޯ ހުރިހާ ޕާޓީތަކުގެ ބައްދަލުވުމެއް ސިރިސޭނާ ބާއްވަނީ
މައްސަލަ ހައްލު ކުރެވޭތޯ ހުރިހާ ޕާޓީތަކުގެ ބައްދަލުވުމެއް ސިރިސޭނާ ބާއްވަނީ

ކޮލަމްބޯ (ނޮވެމްބަރު 18) - ލަންކާގައި މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަތައް ހައްލު ކުރަން ހުރިހާ ޕާޓީތައް ހިމެނޭ ބައްދަލުވުމެއް މިއަދު ބާއްވާ ގޮތަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ނިންމަވައިފި އެވެ.

ޕާލަމެންޓުގައި ހިމެނޭ ހުރިހާ ޕާޓީތައް ބައިވެރިކޮށްގެން ބާއްވާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ ސިރިސޭނާ އެވެ. ރައީސްގެ ސެކްރެޓޭރިއަޓުގައި ބާއްވާ ބައްދަލުވުމަށް ހުރިހާ ޕާޓީތަކަށް ދައުވަތު ދިން ނަމަވެސް ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާ އަށް ދައުވަތު ދީފައެއް ނުވެ އެވެ.

ލަންކާ ސަރުކާރުން ބުނެފައި ވަނީ ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގަމުން ދަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށެވެ. ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ މެންބަރު އަދި ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ގެ ޕާލަމެންޓް މެންބަރު ލަކްޝްމަން ޔަޕާ އަބޭވަރުދަނާ ވިދާޅުވީ ސައްހަ ގޮތުުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓަކަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.

ރާޖަޕަކްސާގެ މައްޗަށް ޕާލަމެންޓުގައި މިހާރު ވަނީ ދެ ފަހަރެއްގެ މަތިން އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ފާސްކޮށްފަ އެވެ.

ރާޖަޕަކްސާ ވިދާޅުވެފައި ގަދަބާރުން މަގާމުން ދުރުކުރަން އުޅުމަކީ ފަސޭހަ އިން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.