18 ނޮވެމްބަރ 2018 - 13:49

ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގެ ޒުވާން ވިޔަފާރިވެރިންނަށް އަމާޒުކޮށް ފުރަތަމަ ސްޓާޓް އަޕް ގްރައިންޑް އިވެންޓް ފަށައިފި އެވެ.
ތައުލީމީ ފަރާތްތަކާއި، އަލަށް ވިޔަފާރިތައް ފަށަން މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން އިންވެސްޓަރުން ހިމެނޭ ގޮތަށް ފެށި ސްޓާޓް އަޕް ގްރައިންޑް އަކީ ރާއްޖޭގައި އޮންނަ އެންމެ ބޮޑު ސްޓާޓް އަޕް ކޮމިއުނިޓީ އެވެ. އަދި ރާއްޖޭގައި ސްޓާޓް އަޕް ކުންފުނިތައް އުފައްދައި، އެ ކުންފުނިތައް ހިންގާނެ ގޮތުގެ މައުލޫމާތު ފޯރުކޮށް ގިނަ ފުރުސަަތުތައް ދަނީ ހޯދައިދެމުންނެވެ.
ސްޓާޓް އަޕް ގްރައިންޑްގެ ފުރަތަމަ ސެޝަން އިއްޔެ ބޭއްވީ ދިރާގު ހެޑް އޮފީހުގަ އެވެެ. އަދި އެ އިވެންޓްގައި ބައިވެރިވެ ވާހަކަ ދެއްކެވީ ހޮލޮގޯ ވޯލްޑް ކުންފުނީގެ ފައުންޑާ އަދި ސީއީއޯ އީދާމް ޝަރީފް އެވެ.
އެ ސެޝަންގައި އީދާމް ވަނީ އޭނާގެ ވިޔަފާރި ދާއިރާގައި ސްޓާޓް އަޕްއެއް ފަށަން ކުރި މަސައްކަތާއި ދިމާވި މައްސަލަތަކުގެ ވާހަކަ ހިއްސާކޮށްފަ އެވެ. ހޮލޮގޯ ވޯލްޑް އިން މިއަހަރު އޭޕްރިލް މަހު ތައާރަފް ކުރި 'ހޮލޮގޯ އެޑިއުކޭޝަން' އަކީ ދިވެހިންގެ ޓީމެއް، އޮގްމެންޓެޑް ރިއަލިޓީ ބޭނުން ކޮށްގެން މޮބައިލް ފޯނަށް ޑިޒައިން ކޮށްގެން ކިޔަވާ ކުދިންނާއި، ޓީޗަރުންނަށް ތައާރަފް ކުރި ޕްލެޓްފޯމެކެވެ.
ސްޕާކް ހަބް އަކީ ދިވެހި ޒުވާނުންގެ ޓީމެއް އެކުގައި، ރާއްޖޭގައި ފަށާ ސްޓާޓް އަޕް ކުންފުނިތައް ކުރިއެރުވުމަށް އެހީވަމުން އަންނަ ކުންފުންޏެކެވެ. އަދި ދިރާގުން ވެސް ދަނީ މިފަދަ ސްޓާޓް އަޕް ވިޔަފާރި ފަށާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން މިއަހަރު ބޭއްވި އޭންޖަލް ހެކް މޯލްޑިވްސް، ސްޓާޓް އަޕް ވީކެންޑް އަދި ސީއެސްއާރު ޕްރޮގްރާމްތައް މެދުވެރިކޮށް ޒުވާނުން ވިޔަފާރީގެ ދާއިރާގައި ކުރިއެރުން ހޯދުމަށް ދިރާގުން ދަނީ އެހީވަމުންނެވެ.