18 ނޮވެމްބަރ 2018 - 12:54

ވަޒީރުކަމާ ހަވާލުވެވަޑައިގަތީ ޓައީ އަޅުއްވައިގެން އޮފީހު ގޮނޑީގައި އިންނަވަން ނޫން ކަމަށާއި ނަތީޖާ ނެރެދެއްވާނެ ކަމަށް އާ ސަރުކާުރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނަވައި އިއްޔެ އިސްތިއުފާ ދެއްވުމަށް ފަހު އައު ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭނުމަކީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އިން ބޮޑު ބަދަލެއް ގެނައުމަށް ކަމަށެވެ.
"އަޅުގަނޑު ހަވާލުވީ ވަޒީރުކަމުގައި ޓައި އަޅައިގެން އިންނާކަށް ނޫން. ބޭނުމަކީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އިން ބޮޑު ބަދަލެއް ގެނައުން. ރައީސުލް ޖުމްހޫރިއްޔާ އިބޫ ސޯލިހުގެ އިރުޝާދާ އެކު އިރާދަ ކުރެއްވިއްޔާ ނަތީޖާ ނެރެދޭނަން،" ޓްވީޓްގައި މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ހިޔާލާއި ފާޑުކިޔުން އުފަލާ އެކު ބަލައިގަންނާނެ ކަމަށެވެ.
ޒުވާނުންގެ ކަންކަމުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ މަހުލޫފަކީ ޔޫތު މިނިސްޓްރީގެ އާދައިގެ މަގާމެއް ވެސް ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. ނަމަވެސް ފަހުން ސިޔާސީ ދާއިރާ އަަށް ނުކުންނަވައި 2009 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން ކުރައްވަނީ އޭނާ އެވެ.
އާ ސަރުކާރުގެ ވަޒީރުކަމުގެ މަގާމަށް ވަޑައިގެންނެވުމަށް މަހުލޫފުގެ އިތުރުން ތިން މެމްބަރަކު އިސްތިއުފާދެއްވި އެވެ. އެއީ ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށްޓަކައި، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވި އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްޓަކައި، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރުކަމުން އިއްޔެ އިސްތިއުފާ ދެއްވި މާރިޔާ އަހުމަދު ދީދީ އަދި އިކޮނޮމިކް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްޓަކައި، ލ. ގަމު ދާއިރާގެ މެންބަރުކަމުން އިއްޔެ އިސްތިއުފާ ދެއްވި ފައްޔާޒް އިސްމާއީލެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް އައްޔަންކުރެއްވި ބައެއް މިނިސްޓަރުންނާ މެދު ހިތްހަމަނުޖެހި، ސޯޝަލް މީޑިއާގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.
އާ ސަރުކާރުގައި 19 މިނިސްޓްރީއެއް ހިމެނޭ އިރު ރައީސާއި ނައިބު ރައީސާއި އެޓާނީ ޖެނެރަލާ އެކު ކެބިނެޓުގައި ހިމެނިވަޑައިގަންނަވަނީ 22 ބޭފުޅުންނެވެ. ކެބިިނެޓް އެކުލަވާލާފައިވަނީ އެމްޑީޕީ އަށް 40 ޕަސެންޓު، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް 15 ޕަސެންޓު ލިބޭ ގޮތަށެވެ.