ސިއްހީ އާންމު މައްސަލައެއް އަންހެނުން ސިއްރުކުރޭ
ސިއްހީ އާންމު މައްސަލައެއް އަންހެނުން ސިއްރުކުރޭ

އިންކޮންޓިނެންސް ނުވަތަ ކުޑަކަމުދިއުން ކޮންޓްރޯލް ނުކުރެވޭ މައްސަލަ (ކުޑަގެފިލި ނުހިފުން) އެއީ އުމުރުން ދުވަސްވީ އަންހެނުންނަށް އާންމު ގޮތެއްގައި ދިމާވާ، ވަރަށް އުނދަގޫވާ ސިއްހީ މައްސަލައެކެވެ. އެކަމަކު އެމެރިކާގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުން ދެއްކި ގޮތުގައި މި މައްސަލަ ހުންނަކަން ވަރަށް ގިނަ އަންހެނުން ސިއްރުކުރެ އެވެ. ޑޮކްޓަރަށް ދައްކާއިރު ވެސް ސިއްރުކުރެ އެވެ.

ވޯޓުގައި، އުމުރުން 50-80 އަހަރާ ދެމެދުގެ، ހާހަކަށް ވުރެ ގިނަ އަންހެނުން ބައިވެރިކުރި އެވެ. މި މީހުންގެ ތެރެއިން 50-60 އަހަރާ ދެމެދުގެ މީހުންގެ 43 ޕަސެންޓް މީހުން ބުނި ގޮތުގައި ކުޑަގެފިލި ނުހިފުމުގެ މައްސަލަ ވަނީ ތަޖުރިބާކުރަން ޖެހިފަ އެވެ. އަދި މި ނިސްބަތް 65 އަހަރުން މަތީގެ މީހުންގެ ތެރޭގައި 51 ޕަސެންޓަށް އަރަ އެވެ.

އެކަމަކު މީގެ ތެރެއިން ތިން ބައިކުޅަ ދެ ބައި މީހުން ބުނީ ސިއްހީ މި މައްސަލައިގެ ވާހަކަ ޑޮކްޓަރުންނަށް ކިޔައިނުދޭ ކަމަށެވެ. މި މައްސަލަ އަށް ފަރުވާ ހޯދުމަށް، މަސްތަކުގައި ވަރުޖައްސަން ކުރަންޖެހޭ ކަސްރަތު ކުރާ ކަމަށް ބުނީ މައްސަލަ ހުރި މީހުންގެ ތެރެއިން 38 ޕަސެންޓް މީހުންނެވެ.

"ކުޑަކަމުދިއުން ކޮންޓްރޯލް ނުކުރެވޭ މައްސަލަ އަކީ ސިއްހީ އާންމު ހިދުމުގައި، އާންމުކޮށް ސްކްރީންުކުރާ ކަމެއް ނޫން. އެކަމަކު މިއީ އަންހެނުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ބުރޫ އަރައި އުނދަގޫތަކާ ކުރިމަތިވާ ސިއްހީ މައްސަލައެއް. އަދި މިއީ ގިނަ ފަހަރަށް، އެއްކޮށް ރަނގަޅު ވެސް ކުރެވޭ ކަމެއް،" ދިރާސާއަށް ސުވާލުތައް ތައްޔާރުކުރެއްވި، ޔުނިވަސިޓީ އޮފް މިޝިގަންގެ ޔޫރޮލޮޖިސްޓް ޑރ. ކެރޮލީން ސްވެންސަން ވިދާޅުވި އެވެ.

ކުޑަކަމުދާ ތަކެތި ބޭރުވެފައި ހުރުމަކީ ބޮޑު މައްސަލައެއްގެ ގޮތުގައި އަދި އުނދަގޫ ކަމެއްގެ ގޮތުގައި 41 ޕަސެންޓް މީހުން ބުނެފައިވެ އެވެ. އަދި ތިން ބައިކުޅަ އެއް ބައި މީހުން ބުނީ ކުޑަކަމުދާ ތަކެތި، ނޭނގި ލީކުވުމަކީ ހަމަ ކޮންމެ ދުވަހަކު ވެސް ކުރަންޖެހޭ އުނދަގޫ ތަޖުރިބާއެއް ކަމަށެވެ.

މައްސަލަ ހުރި ގިނަ މީހުން އެކަން ސިއްރުކޮށް، ޕެޑް ބޭނުންކޮށްގެންނާއި ތެމުނަސް ނޭނގޭނެ، ކުލަ ގަދަ އެއްޗެހި ލައިގެން އުޅުމަކީ ހައްލު ކަމުގައި ވަނީ ހަދައިފަ އެވެ.

ޑޮކްޓަރުން ބުނަނީ މިއީ އުމުރުން ދުވަސްވީ ވަރަކަށް ގޯސްވެދާނެ މައްސަލައެއް ކަމަށާއި އެހެންވެ އެކަން ސިއްރު ނުކޮށް ފަރުވާ ހޯދަންޖެހޭނެ ކަމަށެވެ.