18 ނޮވެމްބަރ 2018 - 11:23

އުރީދޫން ކޮންމެ އަހަރަކު ބާއްވާ ކަލާރަންގެ އެކްސްޕޯ މިއަދާއި މާދަމާ އާޓް ގެލެރީގައި ބާއްވަން ހަމަޖެހިއްޖެ އެވެ.
އުރީދޫން ބުނި ގޮތުގައި ނޮވެމްބަރު 18 އާއި 19 ވަނަ ދުވަހު އާޓް ގެލެރީގައި ބާއްވާ އެކްސްޕޯ ކުރިއަށް ދާނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 18:00 އަށް ކަމަށެވެ. އަދި އެޔަށް ފަހު ރޭގަނޑު 8:00 އިން ފެށިގެން ރޭގަނޑު 10:00 އަށް ކުރިޔަށް ދާނެ ކަމަށް އުރީދޫން ބުންޏެވެ.
ދެ ދުވަހަށް ކުރިޔަށްދާ އެ އެކްސްޕޯއިން މިއަހަރު ކަލާ ރަންއަށް ރަޖިސްޓްރީ ވެފައިވާ ދުވުންތެރިންނަށް، އެ ގަޑިތަކުގައި ކަލާ ރަންގެ ކިޓުތައް ބައްލަވައި ގަނެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
ކަލާ ރަންގެ ކިޓްތައް ބައްލަވައިގަތުމަށް، ރެޖިސްޓާ ކުރި ފަރާތުގެ އައިޑީ ކާޑު، އަދި ރެޖިސްޓަ ކުރެއްވި ކަމުގެ ރަސީދުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ކޮޕީއެއް ގެންނަންވާނެ ކަމަށް އުރީދޫން ބުންޏެވެ. ރެޖިސްޓަ ކުރެއްވި ފަރާތުގެ ބަދަލުގައި ކިޓް ނެންގެވުމަށް، ކިޓް ހަވާލުވާ ފަރާތުގެ އައިޑީ ކާޑު، ރެޖިސްޓަ ކުރެއްވި ފަރާތުގެ އައިޑީ ކޮޕީ، އަދި ރެޖިސްޓަ ކުރެއްވި ކަމުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ރަސީދު ބޭނުންވާނެ ކަމަށާއި، އައިޑީ ކާޑުގެ ބަދަލުގައި، އެބޭފުޅެއްގެ އޮރިޖިނަލް ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގަބޫލުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެ އިތުރުން އެކްސްޕޯ ނިމުމަށްފަހު، ހަވާލުނުވާ އެއްވެސް ކިޓެއް ވާނަމަ، އަލުން ރެޖިސްޓްރޭޝަން ހުޅުވާލާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި ކިޓުތައް ދޫކުރުމުގެ އިތުރުން، އުރީދު އާއި ކަލާ ރަންގެ ޕާޓްނަރުން ކަމުގައިވާ ޔުނިކްސް ސްޕޯޓިންގް، ކޯޗް ޝުޖާއު، އައިރަނާސް އަދި ބަރިސްޓާ މޯލްޑިވްސްގެ ފަރާތުން އެކްސްޕޯގެ ބައިވެރިންނަށް ހާއްސަ ހަރަކާތްތަކެއް ވަނީ ހަމަޖައްސާފަ އެވެ.
ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. ތަފާތު ކުލަތަކާ އެކު، އުފާވެރި މާހައުލެއްގައި ބާއްވާ އުރީދޫގެ މަގްބޫލު ދުވުން މި އަހަރު އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ނޮވެމްބަރު 23 ވަނަ ދުވަހަށް ވަނީ ކައިޓް ފެސްޓިވަލް އަކާއި ފޯރިގަދަ މިއުޒިކް ޝޯ އެއްވެސް ބޭއްވުމަށް އިންތިޒާމް ކޮށްފައެވެ.