19 ނޮވެމްބަރ 2018 - 07:19

އެތައް ބަޔަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އޮތް، ހޮލީވުޑުން މިހާރު އެކަހެރިކޮށްފައިވާ އެމެރިކާގެ ނުފޫޒު ގަދަ ޕްރޮޑިއުސަރު ހާވީ ވައިންސްޓައިންގެ ނަމަށް ނިސްބަތްވާ ބާގާއެއް ރެސްޓޯރަންޓެއްގެ މެނޫގައި ހިމެނުމުން ކަސްޓަމަރުން ރުޅިގަދަވެއްޖެ އެވެ.
ދާދި ފަހުން އިނގިރޭސިވިލާތުގެ ޝެފީލްޑްގައި ހުޅުވި ރޭންޑީސް ހާޑްކޯ ހަމްބާގާޒްގެ މެނޫގައި "ވައިންސްޓައިން" ކިޔާ ބާގާއެއް ހިމެނުމުން އެތައް ބަޔަކު ވަނީ އެކަމަށް ފާޑު ކިޔައި، އެ ރެސްޓޯރަންޓަށް ސޯޝަލް މީޑިއާގައި ބަވައިފަ އެވެ.
ގިނަ ބަޔަކު ބުނި ގޮތުގައި ވައިންސްޓައިންގެ ނަން ބާގާއަކަށް ދިނުމަކީ ރެސްޓޯރަންޓުން އޭނާގެ އަމަލަށް ތާއީދު ކުރުމެވެ. އަދި އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި ހާޑްކޯ ހެމްބާގާ އިން ކޮށްފައި ވަނީ ވަރަށް ދަށު ދަރަޖައިގެ، ހުތުރު އަމަލެއް ކަމަށް ބުނެފައިވެ އެވެ. ރުޅި ގަދަވި މީހުން ބުނީ ވައިންންސްޓައިން ބާގާ ކާން ހެޔޮ ވެސް ނުވާނެ ކަމަށާއި މެނޫ އިން ވަގުތުން އެ ބާގާ އުނި ކުރަން ޖެހޭ ކަމަށެވެ.
މިކަމާ ގުޅިގެން ރޭންޑީސް ހާޑްކޯ ހަމްބާގާޒްގެ ފޭސްބުކްގައި ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފަ އެވެ. އެތަނުން ބުނީ ބާގާއަކަށް ވައިންސްޓައިން ކިޔާފައި ވަނީ އެއްގޮތަކަށް ވެސް އޭނާ ޕްރޮމޯޓް ކުރުމުގެ ގޮތުން ނޫން ކަމަށެވެ. އެކަމަކު އެފަދަ ނަމެއް މެނޫގައި ހިމެނުނީތީ އެކަމަށް މާފަށް އެދި އެކަން މިހާރު އިސްލާހު ކޮށްފައިވާ ކަމަށް ބުންޏެވެ.
"މިއީ އެއްގޮތަކަށް ވެސް ޖިންސީ ގޯނާ ޕްރޮމޯޓްކުރަން ކުރި ކަމެއް ނޫން،" ހާޑްކޯ ހެމްބާގާޒް އިން ބުންޏެވެ.
ރޭންޑީސް ހާޑްކޯ ހެމްބާގާގެ މެނޭޖަރު ކިޝޭން ރައިޓް ޝެފީލްޑް ސްޓާ އަށް ބުނީ "ވައިންސްޓައިން" ގެ މައްސަލަ މިހާ ބޮޑަށް ހޫނުވާނެކަން އެނގުނު ނަމަ އެފަދަ ނަމެއް އެ މީހުންގެ އުފެއްދުމަކަށް ނުދޭނެ ކަމަށެވެ.
"އެއްގޮތަކަށް ވެސް މިކަން މިހާ ސީރިއަސް މައްސަލައަކަށް ވާނެ ކަމަކަށް ހިއެއް ވެސް ނުކުރަން. އެކަމަކު ގޯހެއް ހެދުނުކަން ގަބޫލުކޮށް އެކަން އިސްލާހުކޮށް އަހަރެމެން މައާފަށް ވެސް އެދެން،" އޭނާ ބުންޏެވެ.
ވައިންސްޓައިންގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން، ބައެއް މައްސަލަތައް މިހާރު ކޯޓްގައި އަންނަނީ ހިނގަމުންނެވެ. އެކަމަކު އޭނާ ވަނީ ހުރިހާ ތުހުމަތުތަކަަކަށް އިންކާރުކޮށްފަ އެވެ.