ޑި ޔޯން ހޯދަން ބާސެލޯނާ އާއި ސިޓީ ގަދަހިފުމަކަށް
ޑި ޔޯން ހޯދަން ބާސެލޯނާ އާއި ސިޓީ ގަދަހިފުމަކަށް

މެންޗެސްޓާ (ނޮވެމްބަރު 18) - ނެދަލެންޑްސް ގައުމީ ޓީމުގެ މެދުތެރޭގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އަޔަކްސްގެ ޒުވާން މިޑްފީލްޑަރު ފްރެންކީ ޑި ޔޯން ހޯދަން މެންޗެސްޓާ ސިޓީ އާއި ބާސެލޯނާ ގަދަ ހިފުމަކަށް ދާން ޖެހިއްޖެ އެވެ.

އުމުރުން 21 އަހަރުގެ ޑި ޔޯން އަންނަނީ ނެދަލެންޑްސް ކޯޗުކަމާ ރޮނާލްޑް ކޫމަން ހަވާލުވި ފަހުން ގަވާއިދުން އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުންނެވެ. ޑި ޔޯންގެ ކުޅުން އެންމެ ބޮޑަށް ފާހަގަވީ ނެދަލެންޑްސް އިން ޔުއެފާ ނޭޝަންސް ލީގުގައި ދުނިޔޭގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ ޖަރުމަނާއި ފްރާންސް އަތުން މޮޅުވި މެޗުތަކުގައި ދެއްކި ކުޅުމުންނެވެ.

ނެދަލެންޑްސް އިން މިދިޔަ ހުކުރު ދުވަހުގެ ރޭ ފްރާންސް އަތުން މޮޅުވި މެޗަށް ފަހު އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވެސް ވަނީ ޑެ ޔޯން އަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.

"އަހަރެމެން ބަލިވީ ނެދަލެންޑްސް އަކީ ދަށް ޓީމެއް ކަމަށް ދެކިގެނެއް ނޫން. އަހަރެން މި މެޗުގައި ނެދަލެންޑްސްގެ ވަކި ކުޅުންތެރިއަކަށް ބޮޑު ކްރެޑިޓެއް ދޭން ބޭނުން. ޒުވާން ޑި ޔޯން ވަރަށް މޮޅަށް ކުޅެފި މި މެޗު. އޭނާގެ ފަރާތުން ފެނުނީ އާދަޔާހިލާފު މޮޅު ކުޅުމެއް،" ފްރާންސާ އެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޑެޝޯމްޕްސް ބުންޏެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އެ ޓީމަށް ކުޅޭ އުމުރުން 33 އަހަރުގެ ފެނާންޑީނިއޯގެ މަގާމަށް ޒުވާން ކުޅުންތެރިއަކު ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. އެ ގޮތުން މި ސީޒަން ފެއްޓުމުގެ ކުރިން އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ހޯދަން ކުރި މަސައްކަތް ކާމިޔާބުނުވި އެވެ. ނަޕޯލީ ދޫކޮށް ޖޯޖީނިއޯ ގުޅުނީ ޗެލްސީއާ އެވެ. ސިޓީން މިހާރު އަމާޒުހިފާފައިވަނީ ޑި ޔޯން އަށެވެ. ރިޕޯޓްތައް ބުނާގޮތުން ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ޑެ ޔޯން އަށް 61 މިލިއަން ޕައުންޑްގެ ބިޑެއް ކުރަން ސިޓީން އޮތީ ތައްޔާރަށެވެ.

ސާޖިއޯ ބުސްކެޓްސް ކުޅޭ މަގާމަށް ބާސެލޯނާ އިން ވެސް އަންނާނީ ފެންވަރު ރަނގަޅު މިޑްފީލްޑަރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ޑި ޔޯން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވަނީ ވަރަށް ބޮޑަށް ބާސެލޯނާ އަށް ތައުރީފް ކޮށްފަ އެވެ. ޑި ޔޯން ބުނީ އޭނާ މެދުތެރެއަށް ކުޅެން ދަސްކުރީ ޔޫޓިއުބުން ޒަވީ ހެނާންޑޭޒް އާއި އަންދްރެސް އިނިއެސްޓާ ކުޅޭތަން ބަލައިގެންނެވެ. އަދި ލިއޮނަލް މެސީގެ ވީޑިއޯ ބެލިޔަސް އޭނާއާ އެއް ލެވެލަކަށް ނުކުޅެވޭނެ ކަމަށް ޑި ޔޯން ވަނީ ބުނެފަ އެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ވެސް ވަނީ ޑި ޔޯން އަށް ބޮޑުބިޑެއް ކުރަން ނިންމައިފަ އެވެ.