20 ނޮވެމްބަރ 2018 - 07:51

"ޖޯ ޖީތާ ވަހީ ސިކަންދަރު" ފަދަ ފިލްމުތައް ކުޅެފައިވާ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ދޮށީ އަންހެން ދަރިފުޅު އާލިއާ ފަރުނީޗަރުވާލާ، ސައިފު އަލީ ހާނާ އެކު ބޮލީވުޑަށް ތައާރަފުކުރާ ގޮތަށް ނިންމައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ދާދި ފަހުން ސައިފް އުފެއްދި ފިލްމު ކުންފުނި ބްލެކް ނައިޓް ފިލްމްސް އިން އިއުލާންކޮށްފައިވާ ފުރަތަމަ ފިލްމު "ޖަވާނި ޖާނެމަން" އިން 20 އަހަރުގެ އާލިއާ ފެންނާނެ އެވެ.
ނިތިކަން ކައްކަރު ޑައިރެކްޓްކުރާ މި ފިލްމަކީ އުމުރުން ދުވަސްވިޔަސް، މުސްކުޅިވާ ކަމަށް ގަބޫލު ނުކުރާ ބައްޕައަކާއި އޭނާގެ އަންހެން ދަރިފުޅުގެ ވާހަކަ ކިޔައިދޭ ރޮމޭންޓިކް ކޮމެޑީއެކެވެ.
ކުރިން އަޑުތައް އަރާފައިވާ ގޮތުން "ޖަވާނި ޖާނެމަން" ގައި ސައިފުގެ ދަރިފުޅުގެ ރޯލް ކުޅޭނީ އަންނަ މަހުގެ 7 ގައި ރިލީޒް ކުރާ ފިލްމު "ކެދަރުނާތު" އިން ބޮލީވުޑަށް ތައާރަފުވާ ސައިފްގެ އަންހެން ދަރިފުޅު ސާރާ އަލީ ހާނެވެ. ނަމަވެސް ސައިފުގެ ދަރިފުޅުގެ ރޯލުން ފެނިގެން ދާނީ އާލިއާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ގިނަ މީޑިއާތަކުން ބުންޏެވެ.
އާލިއާ ބޮލީވުޑަށް ނުކުންނަން ތައްޔާރު ވާން ފަށާފައިވާ އިރު އޭނާއަކީ މިހާރު ވެސް އިންސްޓަގްރާމްގައި މަޝްހޫރު އަންހެން ކުއްޖެކެވެ. އަދި އާލިއާއަކީ ވަރަށް ފިޓްކޮށް އަދި ރީތިކޮށް ހުންނަން މަސައްކަތް ކުރާ ވަރަށް ސްޓައިލިޝް ކުއްޖެއްކަން އޭނާގެ އިންސްޓަގާރާމް ހާވައިލުމުން އެނގޭނެ އެވެ.
މަންމަ ފަދައިން ބަތަލާއެއްގެ ގޮތުގައި ބޮޑު ސްކްރީނަށް ނުކުންނަ އިރު އާލިއާގެ ކާފައަކީ މިހާރު ވެސް ބޮލީވުޑްގެ ފިލްމުތަކުން ފެންނަނަ މަޝްހޫރު އެކްޓަރެކެވެ. އެއީ ކަބީރު ބޭދީ އެވެ. އެހެންވެ ލޭގެ ގުޅުމުން އާލިއާގެ ކިބައިގައި ވެސް އެކްޓް ކުރުމުގެ ހުނަރު ވަރަށް ބޮޑަށް ހުންނާނެ ކަމަށް ގަބޫލު ކުރެވެ އެވެ.
"ޖަވާނި ޖާނެމަން" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. ބެލެވޭ ގޮތުން މި ފިލްމު އަންނަ އަހަރު ސިނަމާތަކަށް އަންނާނެ އެވެ.
އާލިއާގެ އިތުރުން ޕޫޖާ، 48، ގެ ފިރިހެން ދަރިއަކު ވެސް ހުރެ އެވެ. އެއީ އޮމަރު އިބްރާހީމް، 18، އެވެ.