18 ނޮވެމްބަރ 2018 - 12:11

ވާވޭ އަކީ އަޒުމު ވަރުގަދަ ކުންފުންޏެކެވެ. އެޕަލް އަށް ވުރެ ކުރިއެރުމަށް ކުރި މަސައްކަތުން ވާވޭ މިހާރު އޮތީ ސްމާޓްފޯން މާކެޓްގައި ދެވަނައިގަ އެވެ. ވާވޭ އަށް ދެން އޮތް އުންމީދަކީ 2020 އައުމުގެ ކުރިން ސެމްސަންގް ވައްޓާލުމެވެ. އަދި ސްމާޓްފޯން މާކެޓްގައި ރަސްކަންކުރުމެވެ.
ސްމާޓްފޯން މާކެޓްގެ އެންޑްރޮއިޑް ފަޅީގައި ވާވޭ ފޯނުތަކުގެ ބާރުގަދަ އެވެ. މި ބާރުވެރިކަން ދުވަހަކަށް ވުރެ ދުވަހެއް އަންނަނީ ގަދަވަމުންނެވެ. އެ ކުންފުނިން ދާދިފަހުން ނެރުނު ވާވޭ މޭޓް 20 ޕްރޮ އަށް ވުރެ ބާރުގަދަ ފޯނެއް، މި ވަގުތު ނެތޭ ބުނެވިދާނެ އެވެ. މަޝްހޫރު ރިވިއު ފޯރަމްތަކުގައި މި ފޯނަށް ދީފައިވާ ގަދަރު ބޮޑެވެ.
ސްމާޓްފޯން ދުނިޔޭގައި ގަދަބާރަށް ވުމަށް ކުރަން ހުރި ކަންތައްތަކަކީ ޓެކްނޮލޮޖީގައި ކުރިއަރައި ދިއުމެވެ. ސެމްސަންގުން ވެސް ވަނީ މި ވައުދު ދަމަހައްޓާނެ ކަމަށް ބުނެފަ އެވެ. އެ ގޮތުގައި، ފަތްޖެހޭ ފޯނެއް އެހެން ބަޔަކަށް ވުރެ ކުރިން ސެމްސަންގް އުފައްދާނެ ކަމަށް ވަނީ ބުނެފަ އެވެ. ސްމާޓްފޯނުތައް 5ޖީ ނެޓްވޯކަށް ވެއްދުމުގައި ވެސް އެންމެ ކުރީގައި އޮތުމަށް ވަނީ ވައުދުވެފަ އެވެ.
ވާވޭ ގަބޫލުކުރާ ގޮތުގައި އެއީ އެ ކުންފުންޏަށް ވެސް ކުރެވިދާނެ ކަމެކެވެ. ސްމާޓްފޯން ދުނިޔޭގައި ރަސްކަންކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް ގާބިލު ކުންފުންޏެއް ކަމަށް އެ މީހުން ދެކެ އެވެ. އެހެންކަމުން، ފަތްޖެހޭ ފޯނު އަދި 5ޖީ ފޯނަކީ ވާވޭ އަށް ބުރަ ކަމަކަށް ވެގެން ނުވާނެ އެވެ.
ސެމްސަންގް ފަހަަތަށް ޖައްސައި، އެއްވަނަ ހޯދުމަށްޓަކައި ވާވޭ އަކީ އަމިއްލަ ޗިޕް އުފައްދާ ކުންފުންޏަކަށް ވެސް ވާންޖެހެ އެވެ. އެ މީހުން މިހާރު ވެސް އެކަން އެބަ ކުރެ އެވެ. ދުނިޔޭގެ މުވާސަލާތީ ކުންފުނިތަކުން 5ޖީ ޚިދުމަތް ފަށައިގަންނައިރު، 5ޖީ މޯޑެމްތައް އުފެއްދުމަކީ ވެސް ވާވޭ އޮތް މަސައްކަތެކެވެ.