18 ނޮވެމްބަރ 2018 - 11:26

އާސަންދައިގެ ހިދުމަތް މިހާރު ލިބެނީ މުއްދަތު ހަމަނުވާ އައިޑީ ކާޑަށް ބަލައިގެން ނަމަވެސް، އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައެޅި ކަންކަމުގައި، އައިޑީ ކާޑަކީ ސިއްހީ ހިދުމަތުގައަި މުއްދަތު ހަމަވާ އެއްޗެއް ނޫން ކަމަށް، ހިމަނައިފި އެވެ.
ރާއްޖޭގެ ރައީސްކަމާ އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުވެވަޑައިގަތުމާ އެކު ރައީސް އޮފީހުން ވަނީ އެ އޮފީހުގެ ސައިޓުގައި އާ ސަރުކާރުގެ 100 ދުވަހުގެ މުހިންމު ކަންކަން އާންމުކޮށްފަ އެވެ. އެ ޕްލޭންގައި އެކި ކަންކަން ކޮށް ނިންމަން ވަކި މުއްދަތުތަކެއް ހަމަޖައްސާފައިވެ އެވެ.
އާސަންދައިގެ ހިދުމަތް ލިބެނީ މުއްދަތު ހަމަނުވާ އައިޑީ ކާޑު ދެއްކުމުންނެވެ. އެކަމަކު އެއްވެސް މީހެއްގެ އައިޑީ ކާޑު ނަންބަރަކީ ބަދަލުވާ އެއްޗަކަށް ނުވާތީ، އައިޑީ ކާޑު މުއްދަތަށް ބަލައިގެން އާސަަންދަ ހިދުމަތް ދިނުމަކުން ސަރުކާރަށް ލިބޭނެ ފައިދާއެއް ވަކި ނެތް ކަމަށް، ސިއްހީ ދާއިރާގެ ބައެއް މީހުން ބުނެ އެވެ.
އާ ސަރުކާރުން ގެންނަން ހުށައެޅި ބަދަލާ ބެހޭ ގޮތުން ވާހަކަ ދެއްކި އެއް ތަޖުރިބާކާރަކު ބުނީ ސިއްހީ ހިދުމަތް ފޯރުކޮށްދޭން ބޭނުންވަނީ އެއީ ކާކުތޯ އެނގުން ކަމަށެވެ. އެގޮތުން އައިޑީ ކާޑު، ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސަންސް އޮތަސް މައްސަލައެއް ނެތް ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންނަށް ކޮންމެހެން މުހިންމެއް ނޫން އައިޑީ ކާޑުގެ މުއްދަތު ހަމަވެފައިތޯ އޮތުން ބެލުން. އަޅުގަނޑުމެން ބަލަނީ އެ ޕޭޝަންޓަކީ ކާކުތޯ އެނގޭނެ އެއްޗަކަށް،" އޭނާ ބުންޏެވެ.
"ސިއްހީ ހިދުމަތް އެބަ ދޭން ޖެހޭ އެމަޖެންސީގައި ވެސް. އެހެން އެމަޖެންސީއަށް ގެންނަ މީހާގެ އައިޑީ ކާޑުގެ މުއްދަތު ހަމަވެފައި އޮވެ ހިދުމަތް ނުދެވެންޏާ އެއީ މައްސަލައެއް. އެގޮތުން ބަލާއިރު ވެސް އައި ކާޑުގެ މުއްދަތަށް ނުބެލުން އިންސާނިއްޔަތުކަމުގެ ގޮތުން ވެސް ރަނގަޅު ކަންނޭނގެ"
އެކި މުއްދަތުތަކަށް ބަހާލަައިގެން ކުރަން ރާވާފައިވާ ކަންކަމުގެ ތެރެއިން އައިޑީ ކާޑުގެ މުއްދަތަށް ނުބަލާ އާސަންދަ ލިބޭ ގޮތް، ސަރުކާރުގެ ފުރަތަމަ ހަފުތާގައި، ހަދަން ވަނީ ކަނޑައަޅައިފަ އެވެ.