17 ނޮވެމްބަރ 2018 - 23:08

ސައި ހޮޓާތަކާއި ވިޔަފާރިކުރާ ފިހާރަތައް 24 ގަޑިއިރު ވަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމަށް، މިއަދު ވެރިކަމާ ހަވާލުވެ ވަޑައިގެން އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާން ކުރައްވައިފި އެވެ.
އެ މަނިކުފާނު މަގާމުގެ ހުވާ ކުރައްވައި ގައުމާ މުޚާތަބު ކުރެއްވި އިރު، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ބައެއް ކަންތައްތައް ވިދާޅުވި އެވެ. އޭގެ ތަފްސީލު ހިމެނޭ ގޮތުން ރައީސް އޮފީހުން މިއަދު އިއުލާން ކުރި، ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި، 30 ދުވަހުގެ ތެރެގައި ފުރިހަމަ ކުރާނެ ކަންތަކުގެ ތެރޭގައި، 24 ގަޑިއިރު ވިޔަފާރި ކުރެވޭ އުސޫލު ކަނޑައެޅުން ހިމެނެ އެވެ. ނަމަވެސް އެކަމުގެ ތަފްސީލުތައް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެސް ވަނީ އިމްޕޯޓް މުދާ ވިއްކާ ތަންތަނާއި ސައި ހޮޓަލާއި ރެސްޓޯރެންޓް ފަދަ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފަ އެވެ. އެ ހުއްދަ ބާތިލު ކުރެއްވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެ މަނިކުފާނުގެ ނައިބު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ.
އެ ހުއްދަ ބާތިލް ކުރި ސަބަބެއް ކަމަށް އޭރު ސަރުކާރުން ބުނެފައިވަނީ ކުށް ކުރުން މަދުކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.
މާލޭގެ ޓްރެފިކް ހައްލު ކުރުމަށާއި އެކި ޑިއުޓީތަކުގައި މަސައްކަތް ކުރާ މީހުންގެ ފަސޭހަ އަށް 24 ގަޑިއިރު ހިދުމަތް ދޭ ވިޔަފާރިތައް ތައާރަފު ކުރުމަށް ގިނަ ބަޔަކު އެދެ އެވެ.
ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން އެސްއެމްއީ ބެންކެއް އުފައްދައި ހިދުމަތް ދިނުން ވެސް ހިމެނެ އެވެ. އެއީ ވިޔަފާރިތައް ފުޅާ ކުރުމަށް މާލީ ގޮތުން އެހީތެރިވެ ދިނުމަށް އުފައްދާ ބެންކެކެވެ.
އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ އިތުރު ކަންކަމުގެ ތެރޭގައި ވިޔަފާރިތަކަށް އުނދަގޫވާ ގޮތަށް ހަދާފައިވާ ގަވައިދުތައް ބަދަލުކޮށް ރިވިއު ކުރުން ހިމެނެ އެވެ.
ވިޔަފާރިތަކަށް ފަހި ގޮތްތަކެއް ހަމަޖެއްސުމަށް ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނަކާއި އެންޓިޓްރަސްޓް ގާނޫނެއް މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.