ހައްގުތަކާ ހެދި ވަނީ "ކުށްވެރި"، ގާނޫނުއަސާސީ ކޮށައި މަށަނީ!
ހައްގުތަކާ ހެދި ވަނީ "ކުށްވެރި"، ގާނޫނުއަސާސީ ކޮށައި މަށަނީ!

ހިޔާލުފާޅުކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ކުށެއް ހެއްޔެވެ؟ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ހަގީގަތް ރައްޔިތުންނާ ހަމައަށް ތިލަކޮށްދިނުމަކީ އަބުރަށް އަރައިގަތުން ހެއްޔެވެ؟ ސަރުކާރުގެ މިސްރާބު ގޯސް ނަމަ، އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ހިފައި އެކަން ހަނދާން ކޮށްދިނުމަކީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުން ހެއްޔެވެ؟ ނޫނެކެވެ؛ މިއީ ރާއްޖޭގެ ގާނޫނުއަސާސީން ފުޅާ ދާއިރާއެއްގައި ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކެވެ. އެކަމަކު މި ހައްގުތަކުގެ ބޭނުން ހިފުމުން އެ މީހަކު މި ސިފަކުރަނީ "ބޮޑެތި ކުށްތަކަށް އަރައިގަންނަ ކުށްވެރިއެއް"ގެ ގޮތުގަ އެވެ.

ހައްގުތަކާ ހެދި ވަނީ "ކުށްވެރި"، ގާނޫނުއަސާސީ ކޮށައި މަށަނީ!
ހައްގުތަކާ ހެދި ވަނީ "ކުށްވެރި"، ގާނޫނުއަސާސީ ކޮށައި މަށަނީ!

މިހާރު ސަރުކާރުން ބޭނުންވަނީ މި ހައްގުތަކުގެ ބޭނުން ކެނޑޭ ގޮތަށް ގާނޫނީ ބަދަލުތައް ގެންނާށެވެ. ގާނޫނުއަސާސީގައި ހައްގު ކަށަވަރުކޮށްދީފައި އޮތީ ކިހާ މިންވަރަކަށްތޯ ބަލާކަށް ބޭނުމެއް ނުވެ އެވެ. އިސްލާހަކަށް ފަހު އިސްލާހެއް މަޖިލީހަށް ވައްދައި އެ ހައްގުތައް ދަނީ، އެތައް ބަޔަކު ގަބޫލުކުރާ ގޮތުގައި، "ނިގުޅައިގަންނަމުން"ނެވެ. ވެރިކަން ކުރަމުން އަންނަ، ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން އަވަސް އަރުވާލައިގެން މި ގެންނަ ގާނޫނީ ބަދަލުތަކާ މެދު ގާނޫނީ ވަކީލުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހައްގުތަކާ ހެދި ވަނީ "ކުށްވެރި"، ގާނޫނުއަސާސީ ކޮށައި މަށަނީ!
ހައްގުތަކާ ހެދި ވަނީ "ކުށްވެރި"، ގާނޫނުއަސާސީ ކޮށައި މަށަނީ!

ފުރަތަމަ ހަނިކުރީ ޓެރަރިޒަމްގެ ގާނޫނުން، ބަސް ބުނުމުގެ ހައްގެވެ. އޭގެ ފަހުން ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމާއި 28 ވަނަ މާއްދާގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމެވެ. މިހާރު މަސައްކަތް ފަށާފައި ވަނީ އެއްވެ އުޅުމުގެ ހައްގު "ނިގުޅައިގަތުމަށެ"ވެ. މި އިސްލާހު ފާސްކުރުމަށް ފަހު ދެން އޮތީ ގާނޫނުއަސާސީގެ ކޮން ހައްގެއް ހިފެހެއްޓުންތޯ ސުވާލު އުފެދޭ މިންވަރަށް އަސާސީ ބައެއް ހައްގުތަކަށް ބަދަލު ގެނެސްފި އެވެ.

އާ ގާނޫނުއަސާސީގެ އެންމެ ހާއްސަ ކަމަކީ ވެސް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެވެ. ދެ ވަނަ ބާބުގައިވާ ހައްގުތައް ނުވަތަ މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ "މި ގާނޫނު އަސާސީއާ ތައާރަޒުނުވާ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެ"ވެ. އެކަމަކު ގާނޫނަކުން ވެސް އެ "ހައްގެއް އަދި މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައެއްގައި މިއިން ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަށް" ކަމަށް ވެސް ގާނޫނުއަސާސީގައި ބުނެފައިވެ އެވެ.

އެހާ ސާފުކޮށް ލިއެފައި އޮއްވައި ރައްޔިތުންގެ މަންދޫބުން މިހާރު ބައެއް ގާނޫނުތައް ފާސްކުރަނީ ގާނޫނުއަސާސީއާ ތައާރަޒްނުވާ ގޮތަށް ކަމަށް ދެއްކޭނެ ހެއްކެއް ނެތެވެ.

ގާނޫނީ ބައެއް ވަކީލުން ބުނާ ގޮތުގައި ގާނޫނުއަސާސީން ދީފައިވާ ހައްގުތައް ހަނިކުރަމުން ދަނީ ގާނޫނުއަސާސީގެ ރޫހާ މުޅިން ހިލާފަށެވެ. އެއީ މަޖިލީހަށް އިސްލާހެއް ވައްދައިގެން އެއް ރެ އިން ނިންމާލެވޭނެ ކަމެއް ނޫން ކަމަށް ވެސް ބައެއް ވަކީލުން ބުނެ އެވެ.

މިސާލެއްގެ ގޮތުން ގިނަ ވަކީލުން ނަގަނީ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓި ގޮތެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކުގެ އިތުރުން އިންސާނީ އަސާސީ ހައްގުތަކެއް ނިގުޅައިގަނެވޭ ބިލެއް ފާސްކުރުމަކީ ވެސް ގާނޫނުއަސާސީއާ މުޅިން ހިލާފު ކަމެކެވެ. ނަމަވެސް އެ ބިލަށް ވޯޓު ދިން މެމްބަރުންނަށް އެއީ މައްސަލައެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ ހައްގުތަކެއް ގެއްލޭ ގޮތަށް ގާނޫނުތަކަށް ގިނަ ބަދަލުތަކެއް ސަރުކާރުން ގެންނަނީ ރައްޔިތުން ކުށްވެރިކުރާށެވެ. އަދި ކޮންމެ ދުވަހަކު އެކަހަލަ ބިލެެއް އަންނަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަނާރާ ގަބޫލުކުރައްވަނީ އަސާސީ ހައްގުތައް ހަނިކުރުމުން ވަކި ބަޔަކަށް ވަގުތީ ފައިދާއެއް ލިބުނަސް އޭގެ ގެއްލުންވާނެ ރައްޔިތުންތަކެއް ތިބޭނެ ކަން ވެސް ވިސްނަން ޖެހޭނެ ކަމަށެވެ.

"މިހާރު މި ހަދާ ގާނޫނުތަކުން އަޅުގަނޑަށް އެންްމެ ބޮޑަށް ފާހަގަވަނީ އެކި ކަންކަމުގައި ކުށްވެރިވާ ނިސްބަތް އިތުރުވެގެންދާނެ ކަމަށް. މިހާރު ވެސް އެބަ ފެނިގެންދޭ ޓެރަރިޒަމްގެ ގާނޫނު އައި ފަހުން ވަރަށް ބޮޑެތި އަދަބު ލިބިގެންދޭ. މީހަކު ދައްކާ ވާހަކައަކުން ވެސް 17،18 އަހަރަށް ޖަލަށް ލެވިގެން އެބަ ދޭ. އެއީ މަޖިލީހުން ހެދޭ ގާނޫނުތަކުގެ ސަބަބުން،" އަނާރާ ވިދާޅުވި އެވެ.

ގާނޫނުއަސާސީ އަށް ހިތުހުރި ބަދަލުތަކެއް ގެނައުމުގެ ބަދަލުގައި އެކަން ކުރަން ޖެހޭނީ ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހު ކަމަށް އަނާރާ ދެކެވަޑައިގަންނަވަ އެވެ. ރައްޔިތުންގެ އަތުން ނިގުޅައިގަނެވެނީ ކޮން ހައްގުތަކެއްތޯ އަދި އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ކަންކަން ވެސް ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްވެ އުޅުމުގެ ހައްގު ގާނޫނުއަސާސީން ދީފައި އޮއްވައި އެއާ ތައާރަޒްވާ ގޮތަށް ގާނޫނެއް ހަދައި، ބަޔަކު ތަނަކަށް އެއްވާއިރަށް ހައްޔަރުކުރުމަކީ އިންސާފެއް ނޫނެވެ. އެއީ، އެތައް އާއިލާއަކަށް ދޭ އަނިޔާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއްވެ އުޅުމުގެ ހައްގު ފުލުހުން މިހާރު ހިފަހައްޓާފައި ވަނީ "މަދު ބައެއްގެ ސަބަބުން ގިނަ ބައެއްގެ ހައްގުތައް ގެއްލޭތީ" ކަމަށް ބުނެ އެވެ. އެކަމަކު ގާނޫނުއަސާސީގައި ހައްގުތައް ކަށަވަރު ކޮށްދީފައި ވަނީ އެންމެންނަށް ހަމަހަމަކޮށެވެ.

އެއްވެ އުޅުމުގެ ހައްގު މިހާރަށް ވުރެ ބޮޑަށް ހަނިކުރަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހަޅުއްވާފައި އޮތް އިސްލާހަށް ފާޑުވިދާޅުވަމުން ގާނޫނީ ވަކީލް އަދި އިދިކޮޅު އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެއީ ވެސް ގާނޫނުއަސާސީން ދީފައި އޮތް ހައްގެއް ނިގުޅައިގަތުން ކަމަށެވެ. އެއް ހެއްކެއްގެ ގޮތުގައި އޭނާ ދެއްކެވީ، "ކުރިން އެންގުމަކާ ނުލައި އެއްވެ އުޅުމުގެ ހައްގު ލިބިގެންވާ ކަމަށް" ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮއްވައި ގާނޫނަކުން އެކަން ހަނިކޮށް އެއްވަންވީ ވަގުތާއި ތަނާއި ދުވަސް ސަރުކާރުން ކަނޑައަޅާ ގޮތަށް ބަދަލު ގެންނަން މަސައްކަތްކުރުމެވެ.

އެ އިސްލާހުގެ ބޭނުމަކީ، އަނަސް ވިދާޅުވި ގޮތުގައި، މިހާރު ވެސް ވަރަށް ބޮޑަށް ތާށިކޮށްފައި އޮތް ހައްގު އިތުރަށް ނިގުޅައިގަތުމެވެ.

"މިހާރު ވެސް އިދިކޮޅު ފަރާތްތަކަށް އެއްވެސް ތަނަކަށް އެއްވެ ޝުއޫރު ފާޅުކުރުމުގެ ފުރުސަތެއް ނުދޭ. އެވަރުން ނުވެގެން ސަރުކާރުން ކަނޑައަޅާ ގޮތަށް މި ހަދަނީ އެއްވުމުގެ ބައިވެރިވާނީ ކޮން ބައެއްތޯ، އެއްވުން ކުރިއަށް ގެންދާނީ ކޮން ދުވަހަކުތޯ. މިއީ ގާނޫނުއަސާސީގެ އެއްވެ އުޅުމުގެ ހައްގު ދީފައިވާ މާއްދާއާ ކަނޑައެޅިގެން ހިލާފު އިސްލާހެއް،" އަނަސް ވިދާޅުވި އެވެ.

ގާނޫނުއަސާސީން ދީފައި އޮތް ހައްގުތައް ރައްޔިތުންގެ އަތުން "ޖަހައިގަންނަމުން މިދަނީ" ސަރުކާރު ޖަވާބުދާރީކުރުވައި ޒިންމާދާރުކުރުވަން ކުރާ ކަންކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލަން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. ދީނީ ގޮތުން ކަން އޮންނަނީ މިވެނި ގޮތަކަށް ކަމަށް ބުނެ ބިލް ފާސްކުރަނީ ރައްޔިތުންގެ ފައިދާ އަށް ނޫން ކަމަށާއި ބޭނުމަކީ ސަރުކާރުގެ ސިޔާސީ މަގްސަދެއް ހާސިލްކުރުން ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.

އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައިގެންފި ނަމަ ނުވަތަ ހިފަހައްޓައިފި ނަމަ އިންސާފުވެރި ހައްލެއް ހޯދަން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ހައްގު ގާނޫނުއަސާސީގެ 65 ވަނަ މާއްދާ އިން ދީފައިވެ އެވެ. އެކަމަކު ޝަރުއީ ނިޒާމުން ހައްލެއް ލިބިދާނެތޯ، އިދިކޮޅު ފަރާތްތަކުން އަބަދުވެސް ސުވާލު އުފައްދަ އެވެ.