17 ނޮވެމްބަރ 2018 - 22:09

ކެލިފޯނިއާ (ނޮވެމްބަރު 17) - އެމެރިކާގެ ކެލިފޯނިއާގައި މިހާރު ރޯވެ އަނދަމުންދާ ގަދަ އަލިފާނުގައި ހާހެއްހާ މީހުން ގެއްލިއްޖެ އެވެ.
ސްޓޭޓުގެ ތާރީޚުގައި ކުރިމަތިވި އެންމެ ގެއްލުން ބޮޑު އަލިފާނުގައި މިހާތަނަށް ވަނީ 71 މީހުން މަރުވެފަ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ވަނީ ކެލިފޯނިއާގެ ހާލަތު ބައްލަވާލެއްވުމަށް ވަޑައިގަތުމަށް ނިންމަވައިފަ އެވެ. ކެލިފޯނިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން ޓްރަމްޕް ވަނީ ޖަންގަލިތައް މެނޭޖް ކުރާ ގޮތަށް ފާޑު ވިދާޅުވެފަ އެވެ. ޓްރަމްޕުގެ ދަތުރުގައި އަލިފާނުގެ ހާދިސާ އިން ސަލާމަތްވި މީހުންނާ ބައްދަލު ކުރައްވާނެ އެވެ.
ކެލިފޯނިއާގައި ރޯވެފައިވާ އަލިފާނުގެ 50 ޕަސެންޓް މިހާރު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. އަލިފާން ނިންވާ އޮފިޝަލުން ލަފާ ކުރާ ގޮތުގައި މި މަސް ނިމޭއިރު ވެސް އަލިފާން އެއްކޮށް ނިއްވާނުލެވޭނެ އެވެ.