17 ނޮވެމްބަރ 2018 - 22:34

ވަކި އަދަދެއްގެ ރައްޔިތުން ސޮއިކޮށް، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ހަމަޖައްސަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަމާޒު ހިފައިފި އެވެ.
އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރަން ރާވާފައިވާ ކަންކަން މިރޭ އިއުލާންކޮށްފައިވާ އިރު، އޭގެ ތެރެއިން އެއް ކަމަކީ ވަކި އަދަދެއްގެ ރައްޔިތުން ސޮއިކުރާ ޕެޓިޝަންތަކަށް މަޖިލީހުގައި ވޯޓަށް އެހޭނެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރުމެވެ.
އެކި މައްސަލަތަކާ މެދު ކަަންބޮޑުވާ ރައްޔިތުން، ވަކި އަދަދަކަށް ސޮއި ހަމަކޮށްފި ނަމަ ރައްޔިތުންގެ މަޖިލިހަށް ޕެޓިޝަން ހުށައެޅޭ ގޮތް، ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި، ހަދަން ވަނީ ކަނޑައަޅައިފަ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފ. ބިލެއްދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ މަޖިލިހުން ފާސްކުރާ ކަމަކާ މެދު ރައްޔިތުން ހިތްހަމަނުޖެހޭ ނަމަ ނުވަތަ ވަކި އަދަދަކަށް ސޮއި ހަމަކޮށް ހުށައަޅާ ޕެޓިޝަނަށް ބިނާކޮށް، އެ ނިންމުމަކާ މެދު އަލުން ވޯޓަށް އެހޭ ގޮތް ހައްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިއީ ބައެއް ގައުމުތަކުގައި މިހާރު ވެސް އޮންނަ އުސޫލެކެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހިތްހަމަނުޖެހޭ އެތައް ގާނޫނެއް ފާސްކޮށް އަދި ބައެއް ގާނޫނުތަކަށް، ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން ބަދަލު ގެނެސްފައިވެ އެވެ.
އޭގެ ތެރެއިން އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާއި އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މިހާރު ވަނީ ފާސްކޮށްފަ އެވެ. އެކަމަކު، އެއްވެ އުޅުން ހަނިކުރުމަށާއި ސިޔާސީ ވަކި ބޭފުޅުންތަކަކަށް އަމާޒުކޮށް ހެދި ގާނޫނުތައް އަދި އުވައެއް ނުލަ އެވެ.
ރާއްޖޭގެ ރައީސްކަމާ މިއަދު ހަވާލުވެވަޑައިގެންނެވި، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރަން 161 ކަމެއް ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ވިސިލް ބްލޮވިން ގާނޫނަކާއި ނުހައްގު މުއްސަނދިވުން ހުއްޓުވަން މަޖިލީހަށް ގާނޫނެއް ފޮނުވުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން، މިނިވަން މުއައްސަސާތައް މިނިވަންކަމާ އެކު ހިންގޭނެ ގޮތަށް ގާނޫނުތައް
އިސްލާހް ކުރުމާއި ރިޝްވަތު ހިފާ މީހާއާ އެއްވަރަށް ރިޝްވަތު ދޭ މީހާ ވެސް ކުށްވެރިވާ ގޮތަށް
އެންޓި ކޮރަޕްޝަން ގާނޫނަށް ބަދަލު ގެންނަން ވަނީ ކަނޑައަޅައިފަ އެވެ.