17 ނޮވެމްބަރ 2018 - 21:42

ކޮލަމްބޯ (ނޮވެމްބަރު 17) - ބޮޑު ވަޒީރުގެ މަގާމުން ގަދަބާރު ދައްކައިގެން ވަކި ކުރަން އުޅުމަކީ ފަސޭހަ އިން ކުރެވޭނެ ކަމެއް ނޫން ކަމަށް މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު 26 ވަނަ ދުވަހު ލަންކާގެ ބޮޑު ވަޒީރުގެ މަގާމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ހަމަޖެއްސި ރާޖަޕަކްސާ ވިދާޅުވީ ރަނގަޅު ގޮތުގައި، ގާނޫނާ އެއްގޮތަށް އިތުބާރު ނެތްކަމުގެ ވޯޓެއް އޭނާގެ މައްޗަށް ނަގައި ފާސްކޮށްފި ނަމަ މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށެވެ.
"ގަދަބާރުން ގާނޫނާ ޚިލާފަށް އަޅުގަނޑު ވަކި ކުރަން އުޅެންޏާ މިކަން ދޫކޮށް ފިލަން ދާ ގޮތަކަށް ނޫން މިހުރީ. އެކަމާ އަޅުގަނޑު ކުރިމަތިލާނަން،" ރާޖަޕަކްސާ ވިދާޅުވި އެވެ.
ރާޖަޕަކްސާގެ މައްޗަށް ވަނީ ދެ ފަހަރެއްގެ މަތިން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ފާސްކޮށްފަ އެވެ. ޕާލަމެންޓަކީ ކޮމެޑީ ތިއޭޓަރެއްގެ ގޮތުގައި ސިފަ ކުރައްވަމުން ރާޖަޕަކްސާ ވިދާޅުވީ ކޮންމެ މެންބަރަކަށް ވެސް ފެންނަ ޚިޔާލެއް ޕާލަމެންޓުގައި ފާޅު ކުރެވިދާނެ ކަމަށެވެ. ނަމަވެސް ޕާލަމެންޓް ޗެމްބަރަށް ވަޅި ފަދަ ތަކެތި ވެއްދުމުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ރާޖަޕަކްސާ ވިދާޅުވީ މިހާރު އުފެދިފައިވާ މައްސަލަ ޕާލަމެންޓަށް ހައްލު ނުކުރެވިއްޖެ ނަމަ އެކަން ހައްލު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދޭން ޖެހޭނެ ކަމަށެވެ.
"ވޯޓުލާން ތިބި މީހުންނަށް ބާރު ދީފި ނަމަ އެއްވެސް މީހަކު މައްސަލައެއް ނުޖައްސާނެ،" ރާޖަޕަކްސާ ވިދާޅުވި އެވެ.