17 ނޮވެމްބަރ 2018 - 21:58

ރައީސް ކަމުގެ ހުވާ މިއަދު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް 19 ބޭފުޅަކު އައްޔަކުރައްވައި އެ ބޭފުޅުން މިއަދު ވަޒީރު ކަމުގެ ހުވާ ކުރައްވައިފި އެވެ. އެ މިނިސްޓަރުންނާ އެކު ބަންޑާރަ ނައިބު ކަމުގެ މަގާމަށް އައްޔަން ކުރެއްވި މުހަންމަދު ރިފްއަތު ވެސް ވަނީ މަގާމުގެ ހުވާ ކުރައްވައިފަ އެވެ.

ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި އަންހެން ހަތް ބޭފުޅަކު ހިމެނިވަޑައިގަނެ އެވެ. މިއީ ދިވެހި ތާރީހުގައި ކެބިނެޓެއްގައި އެންމެ ގިނައިން އަންހެން ބޭފުޅުން ހިމެނޭ ފަހަރު ވެސް މެ އެވެ. ރައީސްގެ ކުރިފުޅުމަތީގައި އެ ބޭފުޅުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

މިނިސްޓަ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އައްޔަން ކުރެއްވީ އެމްޑީޕީގެ އަބްދުﷲ ޝާހިދެވެ. އޭނާ ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވެސް ހަމަ އެ މަގާމު އަދާކުރައްވައިފަ އެވެ. މިދިޔަ ދައުރުގައި މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު 25 އަހަރު ފަހުން މަޖިލީހުގެ މެމްބަރުކަމުން މިއަދު އިސްތިއުފާ ދެއްވީ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށެވެ.

މިނިސްޓަ އޮފް ޑިފެންސްގެ މަގާމަށް އައްޔަން ކުރެއްވި އެމްޑީޕީގެ މާރިޔާ އަހުމަދު ދީދީއަކީ ރާއްޖޭގައި އެ މަގާމު ފުރުއްވާ ފުރަތަމަ އަންހެން ބޭފުޅާ އެވެ. ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މާރިޔާ ވަނީ ވޭތުވެދިޔަ ދެ ދައުރާއި ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ މަސައްކަތުގެ ތެރޭގައި އޭނާ ހުންނެވީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ތަރުޖަމާނެއްގެ ގޮތުގަ އެވެ.

މިނިސްޓަ އޮފް ހޯމް އެފެއާޒްގެ މަގާމަށް އައްޔަން ކުރެއްވީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރުގެ މޭ މަހު ބޭއްވި މުޒާހަރާގައި ދެއްކެވި ވާހަކައާ ގުޅިގެން ޓެރަރިޒަމްގެ ހުކުމްކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އިމްރާނަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އޭނާ މިނިވަންވެވަޑައިގަތީ ސަރުކާރު ބަދަލުވި ފަހުން ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ދަށުން މި މަހު އެއް ވަނަ ދުވަހު އެވެ.

މިނިސްޓަ އޮފް ފިނޭންސްގެ މަގާމަށް އައްޔަން ކުރެއްވީ އެމްޑީޕީގެ އިބްރާހިމް އަމީރެވެ. އަމީރަކީ އިގްތިސާދީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ އެމްއެމްއޭ އާއި އަމިއްލަ ބައެއް ވިޔަފާރި ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވައިފަ އެވެ. މިހާރު އޭނާ ހުންނެވީ އެމްޑީޕީގެ އިގްތިސާދީ ކޮމެޓީގެ ނައިބުގެ މަގާމުގަ އެވެ.

މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރުގެ މަގާމަށް އައްޔަން ކުރެއްވީ އެމްޑީޕީގެ މުހައްމަދު އަސްލަމް އެވެ. އޭނާ އަކީ އެމްޑީޕީ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި އަދި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫތަކެއް ހިންގެވި ބޭފުޅެކެވެ.

މިނިސްޓަ އޮފް ހަޔާ އެޑިއުކޭޝަންގެ މަގާމަށް އައްޔަން ކުރެއްވީ ޑރ. އިބްރާހިމް ހަސަނެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ އެންމެ ފަހު ދައުރު ވެސް އޭނާ އަކީ ހަޔާ އެޑިއުކޭޝަން މިނިސްޓަރެވެ. އޭނާ އަކީ މަތީ ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވާފައިވާ ބޭފުޅެކެވެ.
މިނިސްޓަ އޮފް ހެލްތުގެ މަގާމަށް އައްޔަން ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން އެވެ. އަމީން ވަނީ މިދިޔަ ސަރުކާރުގެ ރައީސް އޮފީސް މިނިސްޓަރުކަން ކުރައްވައިފަ އެވެ. އެ ސަރުކާރުގެ އިންތިޚާބީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާ ގާތްގުޅުމެއް އޮންނަ އަމީން ފަހުން ޖޭޕީއާ ގުޅިވަޑައިގެން ކުރީގެ ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރުމަށް އިސްކޮށް މަސައްކަތް ކުރެއްވި އެވެ.
މިނިސްޓަ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮކޮލޮޖީގެ މަގާމަށް އައްޔަން ކުރެއްވީ މުހައްމަދު މަލީހް ޖަމާލެވެ. މިދިޔަ ސަރުކާރުގެ ޔޫތު މިނިސްޓަރުކަން ކުރެއްވި މަލީހް އެ މަގާމުން ވަކިކުރެއްވުމުން ފަހުން ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއާ އެވެ. މިއަދު އޭނާ މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.
މިނިސްޓަ އޮފް އެޑިއުކޭޝަންގެ މަގާމަށް އައްޔަން ކުރެއްވީ ޑރ. އާއިޝަތު އަލީ އެވެ. ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދެ ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވަ އެވެ. ގައުމީ ޔުނިވާސިޓީގެ ރަޖިސްޓާކަން ވެސް ކުރެއްވި އައިޝާ އެންމެ ފަހުން ހުންނެވީ އެ ޔުނިވާސިޓީގެ ސީނިއާ ލެކްޝަރާއެއްގެ މަގާމުގަ އެވެ.
މިނިސްޓަ އޮފް ޓްރާންސްޕޯޓްގެ މަގާމަށް އައްޔަން ކުރެއްވީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން، އަދި ޖޭޕީގެ ކައުންސިލް މެމްބަރު އާއިޝަތު ނަހުލާ އެވެ.
މިނިސްޓަ އޮފް ހެރިޓޭޖްގެ މަގާމަށް އައްުޔަން ކުރެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނަކީ އެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މިދިޔަ ސަރުކާރުގައި ވެސް ހެރިޓޭޖް ޑިޕާޓްމަންޓާ ހަވާލުވެވަޑައިގެން ޔުމްނާ ހުންނެވި އެވެ. މިދިޔަ ސަރުކާރުން އޭނާ އިސްތިއުފާ ދެއްވީ ސަލްޓަން ޕާކްގައި ހުރި ކަޅުވަކަރު މިސްކިތް ނެގުމުންނެވެ.
މިނިސްޓަ އޮފް ޓޫރިޒަމްގެ މަގާމަށް އައްޔަން ކުރެއްވީ ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދެވެ. ޑީއާރުޕީން ސިޔާސީ ދާއިރާ އަށް ނުކުންނެވި އަލީ ވަހީދު ވަނީ މިދިޔަ ދައުރުގައި ތޮއްޑޫ ދާއިރާގެ މެމްބަރުކަން ކުރައްވައިފަ އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި އެވެ. މޭޑޭ މުޒާހަރާ އަށް ފަހު ރާއްޖެއިން ބޭރުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅެއްވުމަށް ފަހު އޭނާ ރާއްޖެ ވަޑައިގަތީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބު ވުމުންނެވެ.
މިނިސްޓަ އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓަށް އައްޔަން ކުރެއްވީ ފައްޔާޒް އިސްމާއިލެވެ. ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފައްޔާޒް މެމްބަރުކަމުން އިސްތިއުފާ ދެއްވީ މިއަދެވެ.
މިނިސްޓަ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ މަގާމަށް އައްޔަން ކުރެއްވީ ޒަހާ ވަހީދެވެ. ރައީސް މައުމޫންގެ ފަރާތްޕުޅުން އެ މަގާމަށް ވަޑައިގެންނެވި ޒަހާ ވަނީ މިދިޔަ ސަރުކާރުގައި ވެސް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފަ އެވެ.
މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް އަށް އައްޔަން ކުރެއްވީ އަދާލަތު ޕާޓީގެ ޑރ. އަހުމަދު ޒާހިރެވެ. ޕޮލިޓިކަލް ސައިންސުން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. އަހުމަދު ޒާހިރު އެންމެ ފަހުން ހުންނެވީ އިސްލާމިކް މިިނިސްޓްރީގެ ޑިރެކްޓަރުގެ ވަޒީފާގަ އެވެ. އޭނާ އަކީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރެއް ވެސް މެ އެވެ.
މިނިސްޓަ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ މަގާމަށް އައްޔަން ކުރެއްވީ އައިމިނަތު އާތިފާ އެވެ. ރައީސް މައުމޫންގެ ފަރާތްޕުޅުން އެ މަގާމަށް އައްޔަން ކުރެއްވި އާތިފާއަކީ މައުމޫން ސަރުކާރުގައި ހައުސިންގެ ޑިރެކްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އަދި މިދިޔަ ސަރުކާރުގައި ވެސް ހައުސިންގެ ސްޓޭޓް މިނިސްޓަރުކަން އޭނާ ކުރެއްވި އެވެ. އެކަމަކު ރައީސް ޔާމީންގެ ސަރުކާރުން އޭނާ ވަކިވެ ރައީސް މައުމޫންގެ ފަހަތްޕުޅަށް އެރުއްވި އެވެ.
މިނިސްޓަ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ މަގާމަށް އައްޔަން ކުރެއްވީ މަޖިލިސް މެމްބަރުކަމުން މިއަދު އިސްތިއުފާ ދެއްވި އަހުމަދު މަހްލޫފެވެ. ޒުވާނުންގެ ހަރަކާތްތަކުގައި އުޅުއްވާ މަހުލޫފް ދާދި ފަހުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
މިނިސްޓަ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސްގެ މަގާމަށް އައްޔަން ކުރެއްވީ އަދާލަތު ޕާޓީގެ ޝިދާތާ ޝަރީފެވެ. މިދިޔަ ސަރުކާރުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ސިދާތާއަކީ އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ޝިދާތާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް "ކެއާ ސޮސައިޓީ" ގެ ނަމުގައި ޖަމިއްޔާއެއް ހިންގަވައިފަ އެވެ.
މިނިސްޓަ އޮފް އެންވަޔަރުމެންޓްގެ މަގާމަށް އައްޔަން ކުރެއްވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު، ޑރ. ހުސައިން ރަޝީދު ހަސަނެވެ. ފިޝަރީޒް ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ހުސައިން މީގެ ކުރިން ވަނީ ފިޝަރީޒް މިނިސްޓްރީގެ އިސް މަގާމުތައް ފުރުއްވާފަ އެވެ. އަދި ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.
ބަންޑާރަ ނައިބަކަށް އައްޔަން ކުރެއްވީ ގާނޫނީ ވަކީލް އިބްރާހިމް ރިފްއަތެވެ. އެމްޑީޕީ އަށް ނިސްބަތްވާ ރިފްއަތަކީ މިފަހުން ހިންގި ބޮޑެތި ޝަރީއަތްތަކުގައި ވަކާލާތު ކުރައްވާފައިވާ ތަޖުރިބާކާރު ވަކީލެކެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާގެ ދިފާއީ ވަކީލްކަމާއި މި އަހަރުގެ ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގެ ދިފާއީ ވަކީލްކަން ވެސް ހިމެނެ އެވެ.