17 ނޮވެމްބަރ 2018 - 20:15

ބިއުނަސް އޭރީޒް (ނޮވެމްބަރު 17) - ސާޅީސް ހަތަރު ފަޅުވެރިންނާ އެކު މީގެ އެއް އަހަރު ކުރިން ގެއްލުނު އާޖެންޓީނާގެ ސަބްމެރިން ފެނިއްޖެ ކަމަށް އެ ގައުމުގެ ކަނޑުގެ ސިފައިން ބުނެފި އެވެ.
އަރާ ސަން ހުއާން ސަބްމެރިން ނޮވެމްބަރު 15، 2017 ގައި ގެއްލުނީ އާޖެންޓީނާގެ 430 ކިލޯ މީޓަރު (270 މޭލު) ބޭރަށެވެ. ސަބްމެރިން ހޯދުމުގެ މަސައްކަތް އާޖެންޓީނާ ސިފައިން ހުއްޓާލީ ދެ ހަފުތާގެ މަސައްކަތަށް ފަހު އެވެ. ނަމަވެސް ސަބްމެރިން ގެއްލުނުތާ އެއް އަހަރާއި ދެ ދުވަސް ފަހުން އެޓްލާންޓިކް ކަނޑުގެ 800 މީޓަރު (2،620 ފޫޓު) އަޑިން ސަބްމެރިން ފެނިފައިވާކަމަށް އޮފިޝަލުން މިއަދު ވަނީ ބުނެފަ އެވެ. އާޖެންޓީނާގެ ކަނޑުގެ ސިފައިން ބުނީ ސެން ހުއާން ސަބްމެރިން ހޯދާފައި ވަނީ އެމެރިކާގެ ކުންފުންޏަކުން ކަމަށެވެ.
ޑީސަލް-އިލެކްޓްރިކް ސަބްމެރިން ގެއްލުނީ ދެކުނު އެމެރިކާގެ އެންމެ ދެކުނު ކޮޅުގައި އޮންނަ އުޝުއައިއާ އަށް ކުރި ދަތުރަކަށް ފަހު އާޖެންޓީނާގެ ވެރިރަށުގެ ދެކުނުން އޮންނަ ސަބްމެރިންގެ ބަނދަރަށް ދަތުރު ކުރަނިކޮށެވެ. ޖަރުމަނުގައި ބަނދެފައިވާ ސަބްމެރިން ޚިދުމަތަށް ނެރެފައި ވަނީ 1983 ވަނަ އަހަރު އެވެ. ގެއްލިފައި ވަނީ އާޖެންޓީނާގެ ކަނޑުގެ ސިފައިންގެ ފްލީޓުގައި އޮތް ތިން ސަބްމެރިންގެ ތެރޭން އެންމެ އާ ސަބްމެރިން އެވެ.
ސަބްމެރިން ހޯދުމުގެ މަސައްކަތުގައި ދުނިޔޭގެ އެކި ގައުމުތަކުން 4،000 މީހުން މަސައްކަތް ކުރި އެވެ. ސަބްމެރިން ގެއްލުނުތާ އަށް ދުވަސް ފަހުން ވަނީ ސަބްމެރިން ގެއްލުނު ތަނުން އެއްޗެއް ގޮވި ކަމަށް ރިޕޯޓްކޮށްފަ އެވެ.
ސަބްމެރިންގައި ތިބި 44 ފަޅުވެރިންގެ ތެރޭން އެކަކު ފިޔަވައި ދެން މުޅިން ވެސް ތިބީ ފިރިހެނުންނެވެ. ސަބްމެރިންގައި ހުރި ހަމައެކަނި އަންހެނަކީ 35 އަހަރުގެ އޮފިސަރު އެލިއާނާ މާރިއާ ކްރޯޒީކް އެވެ. ކަނޑުމަތީގައި އުޅޭލެއް ގިނަ ކަމުން އޭނާ މަޝްހޫރުވެފައި ވެސް ވަނީ "ކަނޑުގެ ރާނީގެ" ގޮތުގަ އެވެ.